ނަޝީދުގެ ކަންބޮޑުވުން: މައުމޫނާއި އިލްޔާސް، ޔާމީނާއި އަދީބު، ޞާލިހާއި ފައްޔާޒަށް ވެދާނެތީ!

އިކޮނަމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލާއި މެދު މިހާރު ހުރި ކަންބޮޑުވުންތަކަކީ ކުރީގެ ރައީސް މައުމޫނާއި އެމަނިކުފާނުގެ ޅިއަނު، އަދި ކުރީގެ މިނިސްޓަރ އިލްޔާސް އިބްރާހިމްގެ އެތައް ކަމަކާއި ރައީސް ޔާމީނާއި ކުރީގެ ނައިބު ރައީސްގެ އެތައް ކަމެއް ފެނިފައި ވާތީ ހުރި ކަންބޮޑުވުން ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދުގެ ނުރަސްމީ ޓްވިޓާ އެކައުންޓް "އެލެކްސް އަހްމަދު" އިން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ވަނީ ރައީސް މައުމޫނުގެ ވެރިކަމުގައި އިލްޔާސް ކަންތައް ކުރެއްވި ގޮތާއި އަދި ރައީސް ޔާމީންގެ ވެރިކަމުގައި އަދީބު ކަންތައް ކުރި ގޮތްތަކުގެ ހަނދާންތައް އާއްކުރައްވާފައެވެ.
ރައީސް މައުމޫނުގެ ވެރިކަމުގައި އިލްޔާސް ހުރީ ވަރަށް ބާރުގަދަ ވަޒީރެއްގެ ގޮތުގައެވެ. އަދި ސަރުކާރުގެ ގިނަ ކުންފުނިތަކެއްގެ އިސް މަގާމުތަކެއް ފުރުއްވަމުން ރައީސް މައުމޫން ވެރިކަމުން ދުރުކޮށް، ވެރިކަމަށް އަންނަން އިލްޔާސް މަސައްކަތް ކުރެއްވިއެވެ. އެކަން ބޭޒާރުގެ އިލްޔާސަށް ޙުކުމްތަކެއް ވެސް އައެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި އަދީބު ވެސް ފެނުނީ އެފަދަ ބާރުގަދަ ބޭފުޅެއްގެ ގޮތުގައެވެ. ނައިބު ރައީސް ކަމުގެ މަގާމުގައި ހުންނަވައިގެން ރައީސް ޔާމީން އަވަހާރަކޮށްލަން އަދީބު ހަމަލާއެއް ރޭވިކަމަށް ތުހުމަތު ކުރެވުނެވެ. އެހަމަލާގައި ރައީސް ޔާމީން އަވަހާރަވިނަމަ، ވެރިކަމަށް ވަޑައިގަތުމުގެ ފުރުސަތު އޮތީ އަދީބަށެވެ.
އެލެކްސް އައިޑީން ނަޝީދު ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވީ ވަޒީރު ބޭފުޅުންގެ ތެރޭގައި ވަކި އެއްވެސް ބޭފުޅެއް މާބޮޑުވުމަށް ޖާގަ ދެއްވައިފިނަމަ ޕާޓީއަށާއި ސަރުކާރަށް އަދި ރާއްޖެ އަށް ދެރަވާނެ ކަމަށެވެ. ނަޝީދު ވިދާޅުވީ ވަޒީރަކު މާބޮޑުވުމަށް ޖާގަ ދެއްވައިފިނަމަ "ރައްޔިތުންގެ ބާރު ގުޅިފައިވާ މަޖިލިސްގެ ބާރުވެރިކަން ވެސް ދާނީ ކުޑަވަމުން." ކަމަށައި އަދި އެކަމުގެ ސަބަބުން "ސަރުކާރު ކުންފުނިތަކުގެ ހިންގަމަށް ހުރަސް އެޅޭނެ." ކަމަށެވެ.
ސަރުކާރުގެ އެންމެ ބާރުގަދަ މިނިސްޓަރު ކަމަށް ގިނަ ބަޔަކު ގަބޫލު ކުރާ މިނިސްޓަރު ފައްޔާޒަށް ރައީސް ނަޝީދު ރޭ ވެސް ވަނީ ބަހުގެ ހަމަލާތަކެއް ދެއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ