އެމްއެމްއޭ އިން ޤަވައިދެއް ހެދީ ރައީސް ޔާމީންގެ ގެކޮޅާއި މުދާ ދައުލަތައް ނަގަން - ޕީޕީއެމް

މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުމާ ގުޅިގެން ދައުލަތަށް ނަގާ މުދަލާމެދު އަމަލުކުރާނެ ގޮތުގެ ގަވައިދު ހަދައި އެއަށް އަމަލުކުރަން އެމްއެމްއޭ އިން ފެށުމަކީ ޕީޕީއެމްގެ ރައީސް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ގެކޮޅާއި އެމަނިކުފާނުގެ މުދާ ދައުލަތަށް ނެގުމަށް މި ސަރުކާރުން ރާވައިގެން ކުރަމުންގެންދާ އެކި އެކި މަސައްކަތުގެ ދަށުން ކުރިކަމެއް ކަމަށް އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ ބުނެފިއެވެ.
ޕީޕީއެމް އާއި ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނީ އެމްއެމްއޭ އިން އަމަލު ކުރަން ފެށި ޤަވައިދަކީ ސީދާ ރައީސް ޔާމީންގެ ގެކޮޅާއި މުދާ ދައުލަތައް ނެގުމުގެ މަޤްޞަދު ޙާސިލް ކުރުމަށްޓަކައި ސަރުކާރުގެ މަކަރާއި ޙީލަތްތެރި ރޭވުމެއްގެ ދަށުން އަމަލު ކުރަން ފެށި ޤަވައިދެއް ކަމަށެވެ.
"މީހުންގެ އަމިއްލަ މުދާ މިފަދަގޮތަކަށް ދައުލަތަށް ނެގުމަކީ ސިޔާސީ މަޤްސަދެއް ޙާސިލްކުރުމަށްޓަކައި ހިންގާ ވަރަށް ނާތަހުޒީބު ޢަމަލެކެވެ." ބަޔާނުގައި ބުނެފައި ވެއެވެ.
ބަޔާނުގައި ބުނީ އެމްއެމްއޭގެ ޤަވައިދަކީ މިސަރުކާރު ބަލިކަށިވެ ތާއީދު ކުޑަވަމުންދާއިރު، ރައީސް ޔާމީންގެ އިތުރުން މި ކޯލިޝަންގެ އެކި އެކި ފަރާތްތަކާ، މިސަރުކާރާ ދެކޮޅަށް ފާޑުކިޔާ ކޮންމެ ފަރާތަކަށްވެސް އަމާޒު ކުރުމަށް ބޭނުންކުރާނެ ހަތިޔާރެއް ކަމަށެވެ.
"އެހެންކަމުން ސަރުކާރު ފެއިލްވެ، ގޮތްހުސްވެގެން ހިންގާ މިފަދަ ދަށު ދަރަޖައިގެ ޢަމަލުތަކަކީ މުސްތަޤްބަލުގައި އެފަރާތްތަކަށްވެސް ކުރިމަތި ލާންޖެހިދާނެ ކަމެއްކަން ސަރުކާރަށް ހަނދާންކޮށްދެމެވެ. އަދި ރައީސް ޔާމީނަށް ނުޙައްޤުން ދެމުންދާ އަނިޔާ ހުއްޓާލާ އެމަނިކުފާނު މިނިވަން ކުރުމަށް ސަރުކާރަށް ގޮވާލަމެވެ." ބަޔާނުގައި ބުނެފައި ވެއެވެ.
މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ފުރަތަމަ ފަހަރަށް ހުކުމެއް އައިސްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށެވެ. އެފަދަ މައްސަލައެއްގައި އަދި ރާއްޖޭގައި އެހެން މީހެއްގެ މައްޗަށް ޙުކުމެއް އައިކަން އެނގިފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ