ރާއްޖޭގެ ދަރަނި 100 ބިލިއަނަށް އަރާފާނެތަ؟

ރާއްޖެއަކީ އަބަދުވެސް "ދަރަނި ނެގުމު" ގެ ސިޔާސަތަަކަށް ބަރޯސާވާ ގައުމެކެވެ. އޭގެ ނަތީޖާއަކަށް ވަނީ ކޮންމެ އަހަރަކު ވެސް ފާސްކުރާ ބަޖެޓަށްވުރެ ބޮޑު ބައެއް ހޭދަ ކުރެވި އަދި ހޭދަކުރާ ފައިސާގެ ބޮޑު ބަައި ދަރަންޏަށް ބަދަލުވަމުން ދިއުމެވެ. އެހެންވެ ކޮންމެ އަހަރަކު ވެސް ސަރުކާރުން އެތައް ބިލިއަން ރުފިޔާ ދަރަނީގެ ގޮތުގައި ހޯދަ އެވެ. ދަރަނި މައިތިރި ކުރުމުގެ ސިޔާސަތަކީ އެއްވެސް ސަރުކާރުން ގެންގުޅޭ އެއްޗެއް ނޫނެވެ.
ރާއްޖެއަަށް ޓެކްސް ނިޒާމެއް ގާއިމް ވުމުން ރާއްޖޭގެ ދަރަނި ކުޑަވެގެން ދާނެ ކަމަށް އޭރު ހީކުރެވުނެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް މީގެ ނަތީޖާއެއް ނުފެނުނެވެ. ބަދަލުގައި އަހަރުން އަހަރަށް ދަަރަނި ދަނީ މަތިވަމުންނެވެ. މިކަން ވަނީ އިގްތިސޯދީ މާހިރުންގެ އަބަދުގެ ވެސް ކަންބޮޑުވުމަކަށެވެ. އައިއެމްއެފާއި ވޯލްޑް ބޭންކް ފަދަ ތަންތަނުން ދަރަނި ކުޑަކުރަން އަބަދު ބުނަމުން ދިޔަ ނަމަވެސް އެކަމެއް ނުކުރެވެ އެވެ.
ކޮވިޑް-19 އާ ގުޅިގެން އާމްދަނީ ލިބުން އެއްކޮށް ހުއްޓުމާއެކު، ރާއްޖޭގެ ދަރަނި 100 ބިލިއަން ރުފިޔާއަށް އެރުމުގެ ބިރު މިވަނީ ހީވެފަ އެވެ. އެެކަމަކު ރާއްޖޭގެ ޖުމްލަ ދަރަނި 100 ބިލިއަން ރުފިޔާއަށް އަރާފާނެ ހެއްޔެވެ؟ އަދި ދަރަނި މަތިވުމުން ނުކުމެދާނެ ނަތީޖާއަކީ ކޮބައި ހެއްޔެވެ؟
"އަޅުގަނޑެއް ނުދެކެއް ރާއްޖޭގެ އެއްވެސް ސަރުކަރުގެ ޑޮކިއުމެންޓެއްގައި ދަރަނީގެ މިންވަރު ޖީޑީޕީގެ 60 ޕަސެންޓަށް ކުޑަ ކުރަން ވިސްނައި އެކަން ހާސިލު ކުރަން މަސައްކަތް ކުރާނެކަން ލިޔެފައި އޮތް ތަނެއް. ނޫނީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭ ޖީޑީޕީގެ 60 ޕަސެންޓަށް ދަރަނި އަރާނެ ކަމަށް ލަފާކޮށް އޭގެ ޕްލޭނެއް އޮތްތަނެއް،" ރާއްޖޭގެ ދަރަނީގެ މައްސަލާގައި ކަންބޮޑުވުން ފާޅުކޮށް ވާހަކަ ދައްކަވަމުން، ކުރީގެ ފިނޭންސް މިނިސްޓަރު މުހައްމަދު ޖަލީލު ވިދާޅުވި އެވެ.
މިހާރު ރާއްޖޭގެ ދަރަނި ހުރީ ކިހާ ވަރެއްގައި ހެއްޔެވެ؟ މިހާރުގެ ހާލަތާ ގުޅިގެން ރާއްޖޭގެ ދަރަނި އިތުރަށް ބޮޑުވެގެން ދިއުމުގެ ފުރުސަތު އޮތީ ކިހާ ވަރަކަށް ހެއްޔެވެ؟
ފިނޭންސް މިނިސްޓްރީން ޖޫން މަހުގެ ނިޔަލަށް އާއްމު ކޮށްފައިވާ ދަރަނީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގެ ޖުމްލަ ދަރަނި ގެރެންޓީ ދޫކޮށްފައިވާ ދަރަނި ހިމަނައިގެން ބަލާނަމަ މިހާރު ހުރީ 73.9 ބިލިއަން ރުފިޔާގަ އެވެ. މި ހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގެ ޖުމްލަ ދަރަނި މިހާރު ވަނީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާނަމަ 108 ޕަސެންޓުގަ އެވެ. އަދި އެތެރޭގެ ދަރަނި ހުރީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާނަމަ 55 ޕަސެންޓުގަ އެވެ.
އައިއެމްއެފް ވަފުދުގެ ވެރިޔާ ފިލިޕް ކަރަމް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
-- ފޮޓޯ: އަވަސް
މިހާރު ރާއްޖޭގެ ބޭރުގެ ދަރަނި ވަނީ 37.7 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. އަދި އެތެރޭގެ ދަރަނި ހުރީ 36 ބިލިއަން ރުފިޔާގަ އެވެ. އަދި ބޭރުގެ ދަރަނި ހުރީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާނަމަ 55 ޕަސެންޓުގަ އެވެ. އަދި އެތޭރެ ދަރަނި ހުރީ 53 ޕަސެންޓުގަ އެވެ.
ކޮވިޑް-19 އާ ގުޅިގެން އާމްދަނީ ދަަށްވެފައި ވާތީ، ސަރުކާރުން ދަނީ ރައްޔިތުންނަށް ދޭ ހިދުމަތްތަކާއި ދައުލަތް ހިންގަން ބޭނުންވާ ފައިސާ ހޯދުމަށްޓަކައި ބޭރުގެ މާލީ އިދާރާތަކުން ލޯނު ނަގަމުންނެވެ. މިއީ ރާއްޖޭގެ ދަރަނި މަތިވެގެން ދިއުމުގެ "ޓްރިގާ ޕޮއިންޓެ"ވެ. ނުރައްކަލަކީ ވެސް މިއީ އެވެ.
އިގްތިސޯދީ މާހިރުންގެ ނަޒަރުގައި ދައުލަތް ހިންގަން ދަރަނި ނަގަން ޖެހުމަކީ ކަންބޮޑުވާ ކަމެކެވެ. މީގެ ސަބަބުން ދަރަނި ދެއްކުމުގެ ގާބިލްކަން ދަށްވުމުގެ ފުރުސަތު އެބައޮތެވެ.
"ރިކަރަންޓު ހަރަދު ފޫބައްދަށް ލޯނު ނެގުން މިއީ މައްސަލައަކީ. މިކަން އެބަޖެހޭ ހުއްޓުމެއް އަންނަން. މަޝްރޫއަށް ލޯނު ހޯދުން މައްސަލައެއް ނޫން. އެ މަޝްރޫއު ހިންގަން ފެށީމަ ލޯނު އަދާ ކުރުމުގެ ގާބިލްކަން ވެސް ފެންނާނެ. އެކަމަކު ދައުލަތް ހިންގަން ލޯނު ނެގުމުން އެ ގާބިލްކަމެއް ނުލިބޭނެ، މިއީ މައްސަލައަކީ،" ރާއްޖޭގެ އިގްތިސޯދި ތަޖުރިބާކާރަކު ވިދާޅުވި އެވެ.
ދަރަނި ޖީޑީޕީގެ 100 ޕަސެންޓަށް
ދަރަނީގެ ނިސްބަތް ހުންނަންޖެހޭ ވަކި މިންގަނޑެއް ދައުލަތުގެ ހަރަދަށް ޒިންމާވާ ގާނޫނުގައި ބުނެފައިވެ އެވެ. އައިއެމްއެފުން ވެސް ލަފާ ދެނީ އެ މިންގަނޑަށް ވުރެ ދަރަނި މަތި ވިޔަ ނުދިނުމަށެވެ. އެގޮތުން ދަރަނީގެ ނިސްބަތް ހުންނަން ޖެހެނީ އުފެއްދުންތެރިކަމުގެ ނިސްބަތުން 60 ޕަސެންޓަށް ވުރެ ދަށުގަ އެވެ. ނަމަވެސް މިހާރު މި އަދަދު ވަނީ 60 ޕަސެންޓު ފަހަނަ އަޅައި މައްޗަށް ގޮސްފަ އެވެ. މި ސަރުކާރުން ދައުލަތާ ހަވާލުވި ފަހުން، މިދިޔަ އަހަރު ވެސް ދަރަނި ވަނީ މަތިވެފަ އެވެ. މިދިޔަ އަހަރަށް ބަލާއިރު ރާއްޖޭގެ އެތެރެ އާއި ބޭރުގެ ދަރަންޏަށް އިތުރު ތިން ބިލިއަން ރުފިޔާ ވަނީ އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ޖުމްލަ ދަރަނި ވަނީ 73 ބިލިއަން ރުފިޔާއަށް އަރާފަ އެވެ.
ރާއްޖޭގެ އިގްތިސޯދު ދިރާސާ ކުރުމަށް ފަހު، އައިއެމްއެފުން މިދިޔަ އަހަރު ބުނެފައިވާ ގޮތުގައި މަތިވަމުންދާ ފިސްކަލް އަދި ކަރަންޓް އެކައުންޓް ޑެފިސިޓާއި އިތުރުވަމުންދާ ބޭރުގެ އަދި ދައުލަތުގެ ޖުމްލަ ދަރަނީގެ ސަބަބުން ދިވެހި އިގްތިސޯދަށް ނޭދެވޭ ލޮޅުން ތަކެއް އައުމުގެ ފުރުސަތު ބޮޑެވެ.
ދައުލަތުގެ ދަރަންޏާއި ދައުލަތުން ގެރެންޓީ ދީފައިވާ ދަރަނީގެ މިންވަރު އިތުރުވުމުގެ ސަބަބުން ދެމެހެއްޓެނިވި ފިސްކަލް ސިޔާސަތުތައް ބައްޓަން ކުރުމުގައި ކުރިމަތި ވެދާނެ ދަތިތައް ކުޑަ ކުރުމަށް ހަރުދަނާ ފިޔަވަޅު ތަކެއް އަޅަން ޖެހޭ ކަމަށް އައިއެމްފުން ވަނީ މިހާރު ވެސް މި ސަރުކާރަށް ލަފާދީފަ އެވެ.
"އެތެރޭގެ ދަރަނިން ފައިނޭންސް ކުރުމަށް ކުރިމަތިވާ ހުރަސްތަކުގެ މައިގަނޑު ސަބަބަކީ ދައުލަތުން އިޝޫ ކުރެވޭ ސެކިއުރިޓީސްގެ ބޮޑު ބައެއް ކުރު މުއްދަތުގެ ސެކިއުރިޓީސްއަށް ބަރޯސާވެފައި ވުމެވެ. ބޭރުގެ ދަރަންޏަށް ބަލާއިރު، އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ހިންގަން ނަގާފައިވާ ލޯނުތައް އަނބުރާ ދައްކަން މިއަންނަ އަހަރު ފެށޭނެ އެވެ،" އައިއެފުން މިދިޔަ އަހަރު ބުނެފައިވެ އެވެ.
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މަޖިލީހުގައި ވާހަކަ ދައްކަވަނީ
-- ފޮޓޯ: މަޖިލިސް
މި ސަރުކާރުން މިދިޔަ އަހަރު ތިން ބިލިއަން ރުފިޔާގެ ލޯނު ނެގި އެވެ. އަދި މި އަހަރުގެ މިހާތަނަށް ބަލާއިރު ވެސް ބޭރުގެ ގިނަ އިދާރާ ތަކުން ވަނީ ލޯނު ހޯދާފަ އެވެ. ދާދިފަހުން އިންޑިއާއިން ނެގި 250 ބިލިއަން ރުފިޔާ ވެސް ވާނީ ދަރަންޏަށެވެ. އެހެން މި އަހަރު ދަރަނި އިތުރަށް މަތިވުމުގެ ބިރު އެބައޮތެވެ.
އިގްތިސޯދީ މާހިރަކު ވިދާޅުވި ގޮތުގައި އިންޑިއާއަށް ވިއްކި ބޮންޑްއަކީ އެތެރޭގެ ދަރަނީގެ ގޮތުގައި ގުނިދާނެ އެވެ.
ސަރުކާރުން ތަކުރާރުކޮށް ބުނަމުން ދަނީ ރާއްޖޭގެ ދަަރަނި މަތިނުވާނެ ކަމަށެވެ. ދަރަނި މެނޭޖު ކުރެވޭނެ ކަމަށެވެ. ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވެސް ވަނީ އެ މޭރުމުން ވާހަކަފުޅު ދައްކާފަ އެވެ. އެކަމަކު ދަރަނި ދަނީ މަތިވަމުންނެވެ. މައްސަލައަކީ ދަރަނި އަދާ ނުކުރެވުމުގެ ބިރު އޮތުމެވެ. މިހާރުގެ ލޯނުތައް އަދާ ކުރަން ޖެހޭ ހިސާބުން އެ މައްސަލަ ނުކުންނާނެ އެވެ. އެކަމާމެދު ވިސްނޭނީ އެހިސާބުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ