މާލިއްޔަތު ކޮމިޓީ ރިޕޯޓްގައި އެމްއެމްއޭގެ މިނިވަންކަމަށް ވަދެވޭ ތަފްސީލްތަކެއް ހުރި: ރައީސް ނަޝީދު

ފައިސާ ޗާޕު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް ދީފައި އޮތް ހުއްދައިގެ މުއްދަތު ދެވަނަ ފަހަރަށް އިތުރު ކުރަން ސަރުކާރުން އެދިފައިވާ މައްސަލާގައި، މާލިއްޔަތު ކޮމިޓީން އެކުލަވާލި ރިޕޯޓް އޮތީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ މިނިވަން ކަމަށް ވަދެވޭ ގޮތަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، 19 ވަނަ މަޖިލީހުގެ މި އަހަރުގެ 3 ވަނަ ދައުރުގެ 24 ވަނަ ޖަލްސާ ފައްޓަވަމުން ރިޔާސަތުން އަންގަވާ އެންގެވުމެއްގެ އިއްވަމުންނެވެ.
ރައީސް ނަޝީދު ވިދާޅުވީ މަޖިލީހަށް މި ކަމުގައި އޮންނަ އިމަކީ ދައުލަތުގެ ޚަރަދަށް ޒިންމާ ވުމުގެ ގާނޫނުގައި ހިމެނޭ އޯވަޑްރޯގެ މާއްދާތައް އިސްތިސްނާ ކުރުމާއި، އެކަން ކުރެވޭ މުއްދަތު ކަނޑައެޅުން ކަމަށެވެ. އޭގެ ތަފްސީލްތައް ނިންމުމަކީ އެމްއެމްއޭގެ މެންޑޭޓެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.
މި ގޮތަށް މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ނަޝީދަށް ގާނޫނީ ލަފާ އަރުވާފައިވާއިރު، މާލިއްޔަތު ކޮމިޓީން މައްސަލަ ދިރާސާކޮށް އެކުލަވާލި ރިޕޯޓްގައި އެމްއެމްއޭގެ މި މިނިވަން މަސްއޫލިއްޔަތު އަދާކުރަންވީ ގޮތުގެ ތަފްސީލްތައް ހިމެނިފައިވާކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ. ކޮމިޓީގެ މުގައްރިރު އަދި ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒްއާ މަޝްވަރާ ކުރައްވައި އެކަން އިސްލާހު ކުރާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ޕަބްލިކް ބޭންކު އެކައުންޓުން ދައުލަތުގެ ހަރަދުތަކަށް ފައިސާ އޯވަ ޑުރޯ ކުރަން، (ރުފިޔާ ޗާޕު ކުރެވޭ ގޮތަށް) ރައްޔިތުންގެ މަޖިލީހުން ފިނޭންސް މިނިސްޓްރީއަށް ދީފައިވާ ހުއްދައިގެ މުއްދަތު އިތުރު އެއް އަހަރަށް ދަންމާލަން ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހުގައި އެދިފައި ވަނީ ނޮވެމްބަރު 16 ވަނަ ދުވަހު އެވެ.
ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ އިގުތިސޯދަށް އައި ލޮޅުން ހަމައަކަށް އަޅުވަން، ދައުލަތުގެ ކޭޝްފްލޯ މެނޭޖް ކުރުމަށްޓަކައި މަރުކަޒީ ބޭންކް (އެމްއެމްއޭ)ގެ ޕަބްލިކް އެކައުންޓުން 4.4 ބިލިއަން ރުފިޔާ އޯވަޑްރޯ ކުރުން، ނުވަތަ ދަރަންޏަށް ނެގުމަށް މަޖިލީހުން އޮތީ ހުއްދަ ދީފަ އެވެ.
2020 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 26 ވަނަ ދުވަހު، މަޖިލީހުން ދިން އެއް އަހަރުދުވަހުގެ ހުއްދައިގެ މުއްދަތު ހަމަވުމުން މިއަހަރުގެ އޭޕްރިލް މަހުން ފެށިގެން އިތުރު އެއްއަހަރަށް އެހުއްދަ ދަންމާލަން އެދުމުން މަޖިލީހުން ވަނީ އެކަންވެސް ކޮށްދީފަ އެވެ.
ފިނޭންސް މިނިސްޓަރު ސޮއިކުރައްވައި މަޖިލީހަށް މިއަދު ފޮނުއްވި ސިޓީއެއްގައި ބުނީ، އެ ހުއްދައިގެ ސަބަބުން މިދިޔަ 18 މަސް ދުވަހުގެ ތެރޭގައި ދައުލަތުގެ ހަރަދުތައް ހަމަޖައްސައި ހިދުމަތްތަކަށް ބުރޫ ނާރާ ދައުލަތް ހިންގުމުގެ ފުރުސަތު ލިބުނު ކަމަށެވެ.
މީގެ އިތުރުން، އިގުތިސޯދީ ގޮތުން ފުން ވަޅުގަނޑަކަށް ރާއްޖެ ވެއްޓުނު ވަގުތު ވިޔަފާރިތަކަށާއި އާންމު ފަރުދުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި، ކޮވިޑް-19 އާ ގުޅިގެން ކުރަން ޖެހުނު ސިއްހީ ހޭދަތަކާއި ރައްކާތެރިކަމަށް ކުރަން ޖެހުނު ހަރަދުތައް ހަމަޖެއްސުމުގެ ފުރުސަތު ލިބިގެންދިޔަ ކަމަށްވެސް މިނިސްޓަރ އަމީރުގެ ސިޓީގައިވެއެވެ. އެ ސިޓީގައި އިތުރަށް ބުނީ ވެކްސިނާއެކު ބަލިމަޑުކަން ކޮންޓްރޯލުވުމަށް އުއްމީދީ ނިޝާންތަކެއް ފެނި، ބޯޑަރު ހުޅުވާލުމާއެކު ރާއްޖޭގެ ފަތުރުވެރިކަމާއި އިގްތިސޯދީ ދުވެލި ބާރުވަމުންދިޔަ ނަމަވެސް، މިހާތަނަށްވެސް ދުނިޔެއަށް ބަލިމަޑުކަމުން އަރައި ގަނެވިފައި ނުވުމާއި އިގްތިސޯދީ ގޮންޖެހުންތަކެއް އަދިވެސް މަތީގައި އެބަހުރި ކަމަށެވެ.
އެގޮތުން ކުރު މުއްދަތަތެއްގައި ޕަބްލިކް ބޭންކު އެކައުންޓު އޯވާޑްރޯ ކުރި އަދަދު އަނބުރާ ދެއްކުމަކީ ދައުލަތުގެ ކޭޝްޕްލޯ މެނޭޖުކޮށް، ބަޖެޓު ތަންފީޒުކުރުމަށް ދަތިތައް ކުރިމަތިވެދާނެތީ އާއި ފައިސާ ހޯދަން ދަތިތައް ހުރި ކަމަށްވެސް ސިޓީގައިވެއެވެ. އެހެންކަމުން، ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ)، (ރ) އަދި (ބ)އަށް ދީފައިވާ އިސްތިސްނާ ކުރުމަށް ދީފައިވާ ހުއްދަ އޭޕްރީލް 2023އާ ހަމައަށް ދަންމާލަން ވަނީ އެދިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ