ޔާމީން ހޮވަން މަސައްކަތް ނުކުރެވުނީތީ ހިތާމަކުރަން: ވައްޑެ

2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އޭރުގެ ރައީސް އަބްދުﷲ ޔާމީން ހޮވަން މަސައްކަތް ނުކުރެވުނީތީ ހިތާމަ ކުރައްވާ ކަމަށް ތުލުސްދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީގައި ހުންނެވުމަށްފަހު ދާދިފަހުން ވައްޑެ ވަނީ އަލުން އެނބުރި ޕީޕީއެމްއާ ގުޅިވަޑައިގެންފައެވެ.
ރޭ ސަންގުޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަމުން ވައްޑެ ވިދާޅުވީ ޖޭޕީން ވަކިވީ އުފެދުނު ހިޔާލުތަފާތުވުންތަކެއްގެ ސަބަބުން ކަމަށާއި އެފަދަ ކަމެއް ދިމާވުމުން އެ ޕާޓީގައި ހުރުމަކީ އަހުލާގީ ގޮތުން ވެސް ރަނގަޅު ކަމެއް ނޫން ކަމަށެވެ. އެގޮތުން ޕީޕީއެމް އަކީ ސިޔާސީ ގޮތުން އޭނާގެ އަސްލު "ގެ" ކަމަށާއި އެގެއަށް އަލުން ވަނުމަށް ފުރުސަތު ލިބުމުން ލަހެއް ފަހެއް ކުރުމުގެ ބޭނުމެއް ނެތް ކަމަށްވެސް ވައްޑެ ވިދާޅުވިއެވެ.
އަދި އޭނާ އަށް ކުރިން ކުރެވިފައި ހުރި ކަންކަމަށް ޔާމީން އާއި ރައްޔިތުންގެ ކިބައިން މައާފަށް އެދެންޖެހޭ ކަމަށް ގަބޫލުކުރާ ކަމަށާއި އެގޮތުގެ މަތީން ޖުމްހޫރީ ޕާޓީ އަށް ސޮކުރި ރޭ ވެސް ޔާމީންގެ ކިބައިން މައާފަށް އެދިފައިވާނެ ކަމަށް ވައްޑެ ވިދާޅުވިއެވެ.
"އިންސާނުން ކުށްކުރާނީ ވެސް، ގޯސް ހެދޭނީ ވެސް. މިއަދު ހިތާމަކުރަން އަސްލު ހަގީގަތުގައި ރައީސް ޔާމީން ހޮވަން މަސައްކަތް ނުކޮށް އިބްރާހިމް މުހައްމަދު ސޯލިހު ހޮވަން މަސައްކަތް ކުރެވުނީތީ" ވައްޑެ ވިދާޅުވިއެވެ.
މީގެއިތުރުން ގައުމުގެ ހާލަތު މިއަދު އޮތް ގޮތުން ދުރުގައި ތިބުމަކީ ހައްލެއް ނޫން ކަމަށާއި ގައުމު ސަލާމަތް ކުރެވެން އޮތީ ޕީޕީއެމް އާއި ގުޅިގެން އަދި ޔާމީން ވެރިކަމަށް ވަޑައިގެންނެވުމުން ކަމަށްވެސް ވައްޑެ ވިދާޅުވިއެވެ. އެގޮތުން ޔާމީން މިނިވަންކޮށް އެމަނިކުފާނު ވެރިކަމަށް ގެންނަން ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމުގައި ދެމި ހުންނަވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ