ކެޕިޓަލް މާކެޓުން އެސްއޯއީތަކަށް ފައިސާ ހޯދޭނެ، ޕްރައިވެޓައިޒް ކުރުން ރަނގަޅު: ސީއެމްޑީއޭ

ސަރުކާރުގެ ޕްރިވެޓައިޒޭޝަން ޕްރޮގްރާމަކީ އުންމީދީ އަދި އެކަމުގެ ފައިދާ ހުރިހާ ރައްޔިތުންނަށް ކުރާނެ ކަމެއް ކަމަށް ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން ބުނެފިއެވެ. ސީއެމްޑީއޭއާއި މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް (އެމްއެސްއީ) ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސީއެމްޑީއޭގެ ސީއީއޯ މުހައްމަދު ހުސައިން މަނިކު ވިދާޅުވީ ސަރުކާރު ކުންފުނިތައް ޕްރައިވެޓައިޒް ކުރުމަކީ ކެޕިޓަލް މާކެޓް ސެކްޓާ އިތުރަށް ފުޅާވެ، ކުންފުނިތަކަށް ވެސް ފައިދާ ކުރާނެ ކަމެއް ކަމަށެވެ. "އެންމެ ރަނގަޅު ގޮތަކީ ވެސް ކެޕިޓަލް މާކެޓު މެދުވެރިކޮށް ޕްރައިވެޓައިޒް ކުރުން. އާންމު ހުރިހާ ރައްޔިތުންނަށް މީގެ ފައިދާ ލިބިގެންދާނެ... ކުރިއަށް އޮތް އަހަރު އެކަން ވާނެ ކަމަށް އުންމީދު ކުރަން،" އޭނާ ވިދާޅުވިއެވެ. ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ސީއީއޯ މުހައްމަދު ހުސައިން މަނިކު-- ސަން ފޮޓޯ/ނާއިލް ހުސެއިން އެކަމާ ގުޅޭ ގޮތުން އެމްއެސްއީގެ ސީއީއޯ އައުޝަން ލަތީފު ވިދާޅުވީ، ޑޮމެސްޓިކް ކެޕިޓަލް މާކެޓު ތަރައްގީ ކުރަން ސަރުކާރުން ބާރު އެޅުމަކީ އެމްއެސްއީއިން އަބަދު ވެސް އެދޭ ކަމެއް ކަމަށެވެ. ސަބަބަކީ ކެޕިޓަލް މާކެޓު މެދުވެރިކޮށް އެސްއޯއީތަކަށް ފައިސާ ރެއިޒް ކުރުން ނުވަތަ ހޯދުމަކީ ކުރެވޭނެ ކަމެއް ކަން މީގެ ކުރީގެ ހިސާބުތަކުން އެނގެން އޮތުމުން ކަމަށް އައުޝަން ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގައި ކެޕިޓަލް މާކެޓް އުފައްދައިގެން މިވީ 14 އަހަރުގެ ތެރޭގައި، ކެޕިޓަލް މާކެޓް ސެކްޓާ މެދުވެރިކޮށް ކުންފުނިތަކަށް ހޯދިފައިވާ ފައިސާގެ ތަފްސީލު އައުޝަން ދެއްވިއެވެ. "މިހާތަނަށް 2.33 ބިލިއަން ރުފިޔާ ވަނީ ރެއިޒް ކުރެވިފައި. ފުދޭ ވަރެއްގެ އަދަދެއް މިހާ ކުޑަ ދުވަސްކޮޅަކަށް ބަލާއިރު އެއީ. އެހެންވީމަ އެސްއޯއީތަކަށް ބޭނުންވާ ފައިސާ ރެއިޒް ކުރުމުގެ ފުރުސަތު މި މާކެޓުގައި އެބައޮތް،" އައުޝަން ވިދާޅުވިއެވެ. މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ ސީއީއޯ އައުޝަން ލަތީފު-- ސަން ފޮޓޯ/ނާއިލް ހުސައިން އަންނަ އަހަރަށް ފާސްކޮށްފައިވާ ދައުލަތުގެ ބަޖެޓުގައި، ސަރުކާރުގެ ކުންފުނިތައް ޕްރައިވެޓައިޒް ކޮށްގެން 771 މިލިއަން ރުފިޔާ ހޯދޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. ޕްރައިވެޓައިޒޭޝަން ޕްލޭނާ ގުޅޭ ދިރާސާތަކެއް ސަރުކާރުން މި އަހަރުގެ ތެރޭގައި ކޮށްފައިވާއިރު، އެ މަސައްކަތުގައި އެމްއެސްއީއިން ވަނީ ޕްރައިވެޓައިޒޭޝަން ބޯޑާ އެކި މަޝްވަރާތައް ކޮށް، ލަފާ އަރުވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ