ކުޅުދުއްފުށީގައި ކޮވިޑް ފިޔަވަޅުތަކަށް ލުއި ދީފި

ކޮވިޑާއި ގުޅިގެން ކުޅުދުއްފުށީގައި އަޅާފައިވާ ފިޔަވަޅު ތަކަށް ލުއިދީފި އެވެ. މި ގޮތަށް އަމަލު ކުރަން ނިންމީ މިއަދު ބޭއްވި ކޮވިޑް ޓާސްކް ފޯސް ބައްދަލުވުމެއްގަ އެވެ.
ޓާސްކް ފޯސްގެ މި ބައްދަލުވުމުގައި ނިންމާފައިވަނީ ކޮޑްއަށް ޕޮޒިޓިވްވާ މީހުންނާއި، ކޮންޓެކްޓުން ކުރިން ކަރަންޓީންކޮށްގެން މޮނިޓަރ ކުރިކުރުން ހުއްޓާލުމަށެވެ. ގެނެވުނު ބަދަލާއި ގުޅިގެން މުޅި ގެ އެއްކޮށް ކަރަންޓީނު ކުރުމުގެ ބަދަލުގައި ޕޮޒިޓިވްވާ މީހުން މީގެ ފަހުން ކަރަންޓީނުވާނީ ކޮޓަރީގަ އެވެ.
މިއީ މާލެ ސަރަހައްދުގައިވެސް ޕޮޒިޓިވްވާ މީހުންނާމެދު އަމަލުކުރަމުން އަންނަ އުސޫލެވެ.
ކުޅުދުއްފުށީގެ އާބާދީގެ ބޮޑު ބައެއް ވެކްސިން ފުރިހަމަ ކޮށްފައިވާއިރު މިއީ ރައްޔިތުންނަށް ފަސޭހަކުރުމުގެ ގޮތުން ނިންމި ނިންމުމެކެވެ.
މި ނިންމުމާއެކު މިއަދުން ފެށިގެން ޕޮޒިޓިވްވާ މީހާއަށް ޕޮޒިޓިވްވީކަން ޕަބްލިކް ހެލްތުން އަންގާނެއެވެ. ނަމަވެސް ކޮންޓެކްޓް ޓްރޭސިން ހެދުމަކަށް ނުގުޅާނެއެވެ.
އެމީހަކު ކަރަންޓީން ވުމާއި، ކޮންޓެކްޓުންގެ މައުލޫމާތު ޕަބްލިކް ހެލްތަށް އެންގުމަކީ އެ މީހެއްގެ އަމިއްލަ ޒިންމާއެކެވެ. އަދި ކޮންޓެކްޓުން ހޮސްޕިޓަލަށް ގޮސް ޓެސްޓްކުރުމަކީވެސް އެމީހުންގެ އަމިއްލަ ޒިންމާއެކެވެ.
ކަރަންޓީނަށް ލާ ގޭގޭގެ ދޮރާށީގައި ކައުންސިލް އިދާރާއިން ހަރުކުރާ ކަރަންޓީން ކުރިކަމުގެ ނޯޓިސް މީގެ ފަހުން ހަރެއް ނުކުރާނެއެވެ.
ބަލިން ރައްކާތެރިވުމާއި އެހެން މީހުންގެ ރައްކާތެރިކަމަށް ވިސްނާ އަމަލުކުރުމަކީ ކޮންމެ މީހެއްގެވެސް ފަރުދީ ޒިންމާއެއް ކަމަށް ދެކިގެން އަމަލުކުރުން މުހިންމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ