ރައީސް ޔާމީން ސަރުކާރުގެ ކޮރަޕްޝަނާ ގުޅޭ މައުލޫމާތު ހުށަހެޅުމަށް ރައީސް އޮފީހުން ހުޅުވާލައިފި

1 ޖަނަވަރީ 2012 އިން ފެށިގެން 17 ނޮވެންބަރު 2018 ގެ ނިޔަލަށް ހިންގައިފައިވާ ކޮރަޕްޝަނާއި ގުޅުންހުރި މައްސަލަތަކުގެ މަޢުލޫމާތު ހުށައެޅުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުއްވާލައިފިއެވެ.
ރައީސް އޮފީހުން މިގޮތަށް ހުޅުވާލާފައި ވަނީ ދައުލަތުގެ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވެފައިވާ ޚިޔާނާތާއި، ދައުލަތުގެ މުދަލާއި ފައިސާ ނަހަމަގޮތުގައި ބޭނުންކުރުމުގެ ބޮޑެތި މައްސަލަތަކުގެ ތެރެއިން އެކިއެކި ސަބަބުތަކާއިހުރެ ތަޙުޤީޤު ކުރެވިފައިނުވާ މައްސަލަތަކާއި، އެކަށީގެންވާ މިންވަރަށް ތަޙުޤީޤުކޮށްފައިނުވާ މައްސަލަތަކުގެ ތެރެއިން މިދިޔަ ސަރުކާރާއި ހިނގާފައި ހުރި ކޮރަޕްޝަންގެ މައްސަލަތަކުގެ މައުލޫމާތު ހިއްސާކުރުމަށެވެ.
ރައީސް އޮފީހުން ވިދާޅުވީ، އެފަދަ މައްސަލަތައް ހުށައަޅަން ބޭނުންވާ ފަރާތްތަކުން، 24 ފެބުރުވަރީ 2019 ގެ 14:00 ގެ ކުރިން، "ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" އަށް ލިޔުމުން މައުލޫމާތު ހުށައެޅުއްވޭނެ ކަަމށެވެ،
ކޮމިޝަނަށް ހުށަހަޅުއްވަން ބޭނުންފުޅުވާ މައްސަލަތައް ފޮނުއްވުމަށް ހަމަޖެހިފައިވަނީ "ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" އަށް އެޑްރެސްކޮށް ޣާޒީ ބިލްޑިންގުގައި ހުންނަ ކޮމިޝަނުގެ އޮފީހަށެވެ. އީމެއިލްގެ ޒަރީޢާއިން މައްސަލަ ހުށަހަޅުއްވަން ބޭނުންފުޅުވާނަމަ، [email protected] އަށް ވެސް ފޮނުއްވޭނެއެވެ.
އަދި ކުރިއަށް އޮތް ހަފުތާގެ ތެރޭގައި، "ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" ގެ ވެބްސައިޓުގައިވާ ޕޯޓަލް މެދުވެރިކޮށް، މައްސަލަ ހުށަހަޅާ ފަރާތް ނޭނގޭގޮތަށް ކޮމިޝަނަށް މައްސަލަ ހުށަހެޅުމުގެ ފުރުޞަތު ހުޅުއްވައިލައްވާނެކަމަށްވެސް އެ އޮފީހުން ވިދާޅުވިއެވެ.
ދައުލަތުގެ ތެރޭގައި ހިނގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ހާއްސަ ކޮމިޝަނެއްވެސް އުފައްދަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ