މި އަހަރަކީ ދަރިވަރުންގެ ކުރިއެރުމަށް ހާއްސަ މަސައްކަތެއް ކުރާނެ އަހަރެއް: އެޑިއުކޭޝަން މިނިސްޓަރު

މިއަދު ފެށުނު ދިރާސީ އާ އަހަރަކީ ދަރިވަރުންގެ ކުރިއެރުމަށް ހާއްސަ މަސައްކަތެއް ކުރައްވާނެ އަހަރެއް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ މިއަހަރުގެ ދިރާސީ އާ އަހަރުގެ ތަހުނިޔާގެ މެސެޖުގައެވެ. މިނިސްޓަރު ވަނީ ދިރާސީ އާ އަހަރުގެ ހެޔޮ އެދުންތައް ދިވެހިރާއްޖޭގެ ހުރިހާ ކިޔަވާކުދިންނާއި މުދައްރިސުންނާއި ސަކޫލުތަކުގެ މުވައްޒަފުންނާއި ބެލެނިވެރިންނަށް ފޮނުއްވާފައެވެ.
މިނިސްޓަރު ވިދާޅުވީ މި އަހަރުގެ ދިރާސީ އަހަރަކީ ދަރިވަރުންގެ ކުރިއެރުމަށް ހާއްސަ ޕްރޮގްރާމްތަކެއް ހިމެނޭ އަހަރެއްކަމަށާއި، މީގެ ތެރޭގައި ހިމެނޭ ބައެއް ޕްރޮގްރާމްތައް ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނިގެން ކުރިއަށް ގެންދެވޭނެ ކަމަށެވެ. އަދި އެއިން ކޮންމެ ޕްރޮގްރާމަކީ ވެސް ދަރިވަރުންގެ ކުރިއެރުމަށް ސަމާލުކަން ދެވިގެން، ދަރިވަރުންގެ ލާބައާއި މަންފާއަށް ރާވާލެވިފައިވާ ޕްރޮގްރާމްތަކެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"މީގެ ތެރެއިން ބައެއް ޕްރޮގްރާމްތައް މި ދިރާސީ އަހަރާއެކު ފެށިގެންދާކަން އަޅުގަނޑު އުފަލާއެކު ފާހަގަކުރަން" ހެނދުނުގެ ނާސްތާ ޕްރޮގްރާމަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވިއެވެ.
ސްކޫލް ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމުގެ ޕްރޮގްރާމް ރާއްޖޭގެ 25 ސްކޫލެއްގައި ވަނީ މިއަދު ފަށާފައެވެ. މި ޕްރޮގްރާމް ފެށިގެން ދިޔައީ އަމީނިއްޔާ ސްކޫލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މިއީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހިމެނޭ މުހިންމު އެއް ވައުދެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ