ބޮޑެތި ކަންކަމަށް ޕެންޝަން ފައިސާ ދެވޭނެ ގޮތް ހަދަން ޖެހޭ: ބައެއް މެމްބަރުން

ޕެންޝަން ފަންޑުގައި 11 ބިލިއަނަށްވުރެ ގިނަ ރުފިޔާ ހުރިއިރު، އެ ފައިސާ އިންވެސްޓް ކުރެވޭނެ މަގު ޕެންޝަން ގާނޫނުގެ ތެރެއިން އުފައްދައި، ރައްޔިތުން ބޭނުންވާ ބޮޑެތި ކަންކަމަށް ޕެންޝަން ފައިސާ ދެވޭނެ ގޮތް ހަދަން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން މިއަދު ގޮވާލައްވައިފި އެވެ.
ޕެންޝަން ފަންޑެއް ރާއްޖޭގައި އުފެއްދީ އުމުރުން ދުވަސްވެ، ވަޒީފާ އިން ވަކިވާ ދުވަހު އަތްމަތި ދަތިނުވެ ދިރިއުޅެވޭނެ ގޮތެއް ހެދުމުގެ ބޭނުމުގަ އެވެ. ޕެންޝަނާ ބެހޭ ގާނޫނުގައިވާ ގޮތަށް، އެ މީހަކު ޖަމާކުރި ފައިސާ، އުމުރުން 65 އަހަރު ވުމުން، ވަކި މުއްދަތެއް ވަންދެން ލިބެމުންދެ އެވެ.
Pension faisa in hajjah dheveynee kurin hajju nuvaa meehunah
Mihaaru
ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ޕެންޝަން ގާނޫނަށް ހުށަހެޅުއްވި އިސްލާހުގައި ވަނީ ރިޓަޔަމަންޓް ޕެންޝަން ސްކީމްގެ ބައިވެރިންގެ ތެރެއިން ކުރިން ހައްޖުގެ މަތިވެރި އަޅުކަން އަދާނުކުރާ މީހުންނަށް ޕެންޝަން ފައިސާ އިން ހައްޖަށް ދެވޭ ގޮތަށް ހަދަން ހުށަހަޅުއްވައިފަ އެވެ.
މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވާހަކަ ދައްކަވަނީ. --- ފޮޓޯ: މަޖިލިސް
ޕެންޝަން ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރެއްވި މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ ޕެންޝަން ސްކީމް ވާން ޖެހޭނީ ދެމެހެއްޓެނިވި ގޮތަކަށް ފަންޑުކޮށްގެން ހިންގާ އެއްޗަކަށް ކަމަށާއި އެހެން ނޫނީ ޕެންޝަން ސްކީމް ދެމިގެން ނުދާނެ ކަމަށެވެ. އަދި ޕެންޝަން ގާނޫނުގެ މަގްސަދާ ހިލާފަށް ވޭތުވެދިޔަ އަހަރުތަކުގައި އަމަލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވި ގޮތުގައި ޕެންޝަންގެ ގޮތުގައި އެކަށީގެންވާ އަދަދެއް ކޮންމެ މުވައްޒަފަކަށް ވެސް ލިބެން ޖެހެ އެވެ. އެކަމަކު، މިހާރު އެ މަގްސަދު ހާސިލް ވަމުން ނުދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޕެންޝަން ފަންޑުގައި 11 ބިލިއަނަށްވުރެ ގިނަ ރުފިޔާ ހުރިއިރު، އެ ފައިސާ އިންވެސްޓް ކުރެވޭނެ މަގު ގާނޫނުގެ ތެރެއިން އުފެއްދުމަކީ މުހިންމު ކަމެއް ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.
މަޑުއްވަރީ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވީ ޕެންޝަންގެ އަމާޒަކީ ވަޒީފާ އަދާނުކުރެވޭ އުމުރަށް ދިޔައީމަ، ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދީގެން ދިރިއުޅެވޭނެ މަގު ހޯދައިދިނުން ކަމަށެވެ. އަދި ޕެންޝަންގެ މައިގަނޑު އަސާސަށް ބަދަލު އަންނަ ގޮތަށް ސްކީމްގެ ތެރެއިން ފައިސާ ނެގޭ ގޮތަށް ގާނޫނު ބަދަލު ކުރުމަކީ އެހާ ރަނގަޅު ކަމަކަށް ނުވެދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް، ޕެންޝަން ފައިސާ އިން ހައްޖަށް ދެވޭ ގޮތަށް ހަމަޖެހުމަކީ ތާއީދު ކުރައްވާ ކަމެއް ކަމަށާއި ބިލްގައި އޮތީ ގިނަ ބަޔަކަށް ހައްޖަށް ދިއުމަށް މަގުފަހިވާ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.
އަމީތު ވިދާޅުވި ގޮތުގައި ޕެންޝަން ފައިސާ އިން ބޭސްފަރުވާ އަށް ނުވަތަ ތައުލީމް ހާސިލް ކުރުމަށް ހަރަދު ކުރެވިދާނެ ކަމަށް ގަބޫލެއް ނުކުރައްވާ ކަމަށެވެ. އެއީ އެގޮތަށް ޕެންޝަން ފައިސާ ހަރަދުކުރަން ފަށައިފި ނަމަ، ޕެންޝަން ފައިސާގެ އަސާސްތައް ފުނޑިގެން ހިނގައިދާނެތީ ކަމަށް އަމީތު ވިދާޅުވި އެވެ.
މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު ވާހަކަ ދައްކަވަނީ. -- ފޮޓޯ: މަޖިލިސް
މާފަންނު ދެކުނު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަބްދުﷲ ރިފާއު ވިދާޅުވީ ދުނިޔޭގެ އެކި ގައުމުތަކުގައި ދިރިއުޅޭ މީހުންނަށް ދިމާވާ ބޮޑެތި ކަންކަމުގައި ސްކީމްގެ ތެރެއިން ފައިސާ ނެގޭނެ އިންތިޒާމުތަކެއް ހަމަޖެހިފައިވާ ކަމަށެވެ. އެހެންވެ، އެހެން ގައުމުތަކެކޭ އެއްގޮތަށް، ރާއްޖޭގައި ވެސް ބޮޑެތި ކަންކަމުގައި ޕެންޝަން ސްކީމުން ފައިސާ ލިބޭނެ ގޮތަކާ މެދު ވިސްނުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް ވިދާޅުވީ ބިލްގެ ސަބަބުން ރާއްޖޭގައި ހައްޖަށް ދާން ބޭނުންވެފައި ތިބި މީހުންނަށް ހައްޖަށް ދިއުމަށް މަގުފަހިވެ، ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
ސަރުކާރުން ރައްޔިތުންނަށް ލުއި ފަސޭހަކޮށް ދިނުމަށާއި ދީނީ ގޮތުން ގެންގުޅޭ ސިޔާސަތުތައް ރައްޔިތުން ބަލައިގަންނަ ކަމަށް ވެސް އަނާރާ ވިދާޅުވި އެވެ. އަދި ޕެންޝަން ފަންޑުގައި ހުރި 11 ބިލިއަނަށްވުރެ ގިނަ ރުފިޔާ ރަނގަޅު ގޮތުގައި އިންވެސްޓް ކުރެވިގެން ދިއުމަށް ރައްޔިތުން ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެގޮތުން، ރައްޔިތުން ނުހަނު ބޭނުންވާ ކަންކަމުގައި ޕެންޝަން ފައިސާ ބޭނުން ކުރެވޭނެ މަގު ހަމަޖެހުމަކީ ރައްޔިތުންގެ ވަރަށް ބޮޑު އުންމީދެއް ކަމަށް ވެސް އަނާރާ ވިދާޅުވި އެވެ.
ކުޅުދުއްފުށީ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ ނުވަ އަހަރުގެ ތެރޭގައި 11 ބިލިއަން ރުފިޔާގެ ފަންޑެއް ހެދީ ކުރީގެ އެމްޑީޕީގެ ސަރުކާރުން ކަމަށެވެ. އަދި އެމްޑީޕީ ސަރުކާރު އޭރު އައީ ރައްޔިތުންނަށް ފައިދާވާނެ ހުރިހާ ކަމެއް ކުރަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޕެންޝަން ފަންޑުން ހައްޖަށް ދެވޭ އުސޫލެއް ގާއިމު ކުރުމުގެ މުހިންމު ކަން ފާހަގަ ކުރައްވައި، ޣަފޫރު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. ޣަފޫރު ވިދާޅުވި ގޮތުގައި ހައްޖު ކޯޕަރޭޝަން ހެދީ "ވައްކަން ކުރުމުގެ" ބޭނުމުގައި ކަމަށެވެ.
ޣަފޫރު ވިދާޅުވި ގޮތުގައި 60،000ރ. އިން ހައްޖަށް ދެވެން އޮއްވައި، ހައްޖު ކޯޕަރޭޝަނުން އެއް ލައްކަ ރުފިޔާ ރައްޔިތުން އަތުން ނަގަނީ ވެސް އޮޅުވާލައިގެންނެވެ. އެއީ ހެޔޮ ނިޔަތެއްގައި ކުރި ކަމެއް ނޫން ކަމަށާއި ބަޔަކު ހައްޖަށް ގެންދިއުމުގައި ވެސް އެ ކޯޕަރޭޝަނުން ކުރީ ވައްކަން ކަމަށް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ