ސްކޫޓްގެ އޭޖެންޓުންގެ ގޮތުގައި ރާއްޖޭގެ 3 ކުންފުންޏެއް ހަމަޖައްސައިފި

ސިންގަޕޯރ އެއަރލައިންގެ ދަށުން ހިންގާ މަޝްހޫރު ބަޖެޓް އެއަރލައިން ސްކޫޓްގެ ރާއްޖޭގެ ސޭލްސް އޭޖެންޓުން ގެ ގޮތުގައި 3 ޓްރެވަލް ކުންފުންޏެއް ހަމަޖައްސައިފިއެވެ.
ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި، އޭޖެންޓުންގެ ގޮތުގައި ހަމަޖައްސާފައިވަނީ ސަންލޭންޑް ޓްރެވަލްސްއާއި ޔުނިވަރސަލް އެންޓަޕްރައިސަސްގެ އިތުރުން ވޮޔޭޖަރސް މޯލްޑިވްސްއެވެ.
ސްކޫޓްގެ އޭޝިއާގެ ސަރަޙައްދީ ސީނިއަރ މެނޭޖަރ ބްރަޔަން ޓޮރޭ ވިދާޅުވީ، މި ބަދަލާއިއެކު ކަސްޓަމަރުންނަށް ވަރަށް ބޮޑަށް ފެއަރގެ އަގުތައް ތިރި ވެގެންދާނެ ކަމަށެވެ. އަދި ފްލައި ސްކޫޓްގެ ޚިދުމަތް މި ކަމުގެ ސަބަބުން މުޅި ރާއްޖެއަށް ފުޅާ ވެގެން ދާނެ ކަމަށްވެސް ޓޮރޭ ވިދާޅުވިއެވެ.
ސޭލްސް އޭޖެންޓުންނަށް ޓިކެޓްގެ އިތުރުން ސްކޫޓުން ފޯރޮކޮށްދޭ އެހެން ޚިދްމަތްތައްވެސް އަގު ހެޔޮކޮށް ލިބިގެންދާނެއެވެ. އަދި ސްކޫޓުން އުދުހޭ ހުރިހާ މަންޒިލްތަކަށްވެސް މި އޭޖެންޓުން މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހައިން ބުކިންގ ހައްދައިލެވޭނެއެވެ. ސްކޫޓުން އަންނަނީ ދުނިޔޭގެ އެކި ސަރަޙައްދުތަކަށް ދަތުރު ކުރަމުންނެވެ. މީގެ ތެރޭގައި ބާލީ، ކުއާލަ ލަމްޕޫރު، ބެންގކޮކް، ހޯޗީ މިންހ ސިޓީގެ އިތުރުން ހެނޮއީ އަދި ސިޑްނީ ހިމެނެއެވެ.
ސްކޫޓް އިން މިހާރުވެސް މާލެއާއި ސިންގަޕޫރާއި ދެމެދު ކޮންމެ ހަފްތާއަކު 4 ދަތުރު ކުރެއެވެ. އަދި މިއަހަރުގެ ޖުލައިމަހު މިއަދަދު ފަހަކަށް އިތުރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސްކޫޓުން މައުލޫމާތު ދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ