ހިލޭ ކޮވިޑް ޓެސްޓު ހަދައިގެން ރަށްރަށަށް ދަތުރު ކުރެވޭ ގޮތް ހަދައިފި

މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ސާމްޕަލް ކަލެކްޝަން ސެންޓަރުތަކުން ސާމްޕަލް ނަގައިގެން ހަދާ ޓެސްޓަކުގެ ނަތީޖާ ރަށްރަށަށް ދާން ބޭނުން ކުރެވޭ ގޮތަށް ހަމަޖައްސައިފި އެވެ.
ކޮވިޑް-19 ދިފާއު ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް ރަށްރަށަށް ދަތުރު ކުރާއިރު ކަރަންޓީނު ވާން ނުޖެހޭ އުސޫލު އެޗްޕީއޭއިން އެކުލަވައިލީ މިމަހުގެ 16 ވަނަ ދުވަހު އެވެ. މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން ދަތުރު ކުރެވޭ ގޮތަށް އެކުލަވައިލި އެ އުސޫލުގައި ބުނާ ގޮތުން ރަށެއްގައި ބަލި އުޅޭ ނިސްބަތް ނުވަތަ ސާމްޕަލް ޕޮޒިޓިވިޓީ ރޭޓް ފަސް ޕަސެންޓަށް ވުރެ މަތި ރަށަކުން އެނޫން ރަށަކަށް ދަތުރުކުރާނަމަ، ދަތުރުކުރެވޭނީ ޕީސީއާރް ނެގެޓިވް ޓެސްޓާއެކު އެވެ.
ޕީސީއާރު ޓެސްޓެއް ހަދަން ގާތްގަނޑަކަށް 700 ރުފިޔާ ހަރަދުވެ އެވެ. މިއާއެކު ރަށަށް ދާން ބޭނުންވާ ކޮންމެ ފަހަރަކު ބޮޑު ހަރަދު ކުރަންޖެހޭ ކަމުގެ ޝަކުވާ އޮތީ ބޮޑުވެފަ އެވެ.
އެޗްއީއޯސީން މިހާރު ވަނީ އަތޮޅު ތެރެޔަށް ދަތުރުކުރާ ފަރާތްތަކަށް ފައިސާ ނުދައްކާ ޕީސީއާރު ޓެސްޓު ހެދޭނޭ އިންތިޒާމެއް ހަމަޖައްސައިފަ އެވެ. އެގޮތުން ސާވެއިލެންސްގެ ދަށުން ނަގާ ޓެސްޓުތަކުގެ ނަތީޖާއަށް ބަލައިގެންވެސް އަތޮޅު ތެރެއަށް ދަތުރުކުރުމަށް ހުއްދަ ދޭން އެ ސެންޓަރުން ވަނީ ނިންމައިފަ އެވެ.
މާލޭގައި ކޮވިޑަށް ޓެސްޓު ކުރަން ސާމްޕަލް ނަގައިދޭ ސެންޓަރު ތަކަކީ އައިޖީއެމްއެޗް، ސެނަހިޔާ އަދި މާލެހިޔާ ސަރަހައްދުގައި ގާއިމްކޮށްފައިވާ ފްލޫ ކްލިނިކެވެ.
އުސޫލުގައި ބުނެފައިވާ ގޮތުން ދަތުރު ކުރާއިރު ހުށަހަޅަން ޖެހެނީ 72 ގަޑިއިރު ހަމަނުވާ ޕީސީއާރު ޓެސްޓެކެވެ. އަދި ހާލުބެލުން ޕޯޓަލް މެދުވެރިކޮށް ދަތުރުކުރާ ރަށެއްގެ ކައުންސިލާ މައުލޫމާތު ހިއްސާ ކުރަންޖެހޭ ގޮތަށްވެސް އޮތީ ހިމަނައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ