އިންތިޚާބުން އެނގުނީ ދިވެހި ރައްޔިތުން ވޯޓުލާން ބޭނުންވަނީ "ދިރިހުރި" މީހުންނަށްކަން: އަލީ ހުސައިން

ދިވެހި ރައްޔިތުން ވޯޓުލާން ބޭނުންވަނީ ދިރިހުރި، ފުރާނަހުރި އިންސާނުންނަށްކަން ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓުން އަންގައިދީފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު ހުށަހެޅުއްވި އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުން، މެމްބަރު އަލީ ހުސައިން ވިދާޅުވީ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ދިވެހި ރައްޔިތުން ސަރުކާަރަށް ދެތިންކަމެއް ބުނެދީފައިވާ ކަމަށެވެ.
"ދިވެހީންނެއް ބޭނުމެއް ނުވޭ ކޮންމެހެން، ދިރުމެއް ނެތް، ތިލަފަތަކަށް، ނޫނިއްޔާ ރުކަކަށް ވޯޓުލާކަށް ބޭނުމެއް ނޫން" އަލީ ހުސައިން ވިދާޅުވިއެވެ.
ކައުންސިލް އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ގިނަ ކެންޑިޑޭޓުންނަށް ކާމިޔާބު ލިބިފައިވާތީ، އެކަމަށް އިޝާރާތް ކުރައްވައި އަލީ ހުސައިން ވިދާޅުވީ، ރަނގަޅަށް ޚިދުމަތް ކޮށްދެވޭ މީހަކު ކުރިމަތިލައިފިނަމަ، ދިވެހީން ވަކި ސިޔާސީ ޕާޓީއަކަށްވެސް ނުބަލާކަން ނިމިގެން ދިޔަ އިންތިޚާބުން ހާމެވެގެން ދިޔަ ކަމަށެވެ.
މީގެ އިތުރުން، އަލީ ހުސައިން ވިދާޅުވީ ތިމާ ނިސްބަތްވާ ޕާޓީގެ ފަރާތުން ކުރިމަތިލި ނަމަވެސް، ޒިންމާ އަދާ ނުކުރެއްވޭނަމަ، ރައްޔިތުން އެ ކެންޑިޑޭޓުންނަށް ވޯޓު ނުދޭނެކަން އިންތިޚާބުން ޔަޤީންވި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ