މޮޑްރިޗް ދޫކޮށްލެވޭނީ އެކަށީގެންވާ އަގެއްގައި: ވިޔަސް ބޮއަސް

ލަންޑަން (ޖުލައި 19) - ޓޮޓެންހަމް ހޮޓްސްޕާ އަށް ކުޅެމުންދާ ކްރޮއޭޝިއާގެ މިޑްފީލްޑަރު ލޫކާ މޮޑްރިޗް ވިއްކާލެވޭނީ ޓޮޓެންހަމް އަށް އެކަށީގެންވާ އަގެއްގައި ކަމަށް އެ ޓީމުގެ ކޯޗު އަންދްރޭ ވިޔަސް ބޮއަސް ބުނެފި އެވެ. ކުރިއަށް އޮތް ސީޒަންގައި ޓޮޓެންހަމް އިން މޮޑްރިޗް ފެންނާނެކަމާމެދު ވަނީ ސުވާލު އުފެދިފަ އެވެ. ޓްރާންސްފާ ޕީރިއަޑްގައި ރެއާލް މެޑްރިޑާއި މެންޗެސްޓާ ޔުނައިޓެޑް އަދި ޕީއެސްޖީން މޮޑްރިޗް ގެންދަން މަސައްކަތްކުރަމުންދާ ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެ އެވެ. ވިޔަސް ބޮއަސް ބުނީ މޮޑްރިޗް ގެންދަން ކިތަންމެ މަސައްކަތެއް ކުރިޔަސް އޭނާ ދޫކޮށްލެވޭނީ ޓޮޓެންހަމް އަށް އެކަށީގެންވާ އަގެއްގައި ކަމަށެވެ. "ތިން ކްލަބުން މެދުކެނޑުމެއެއް ނެތި މޮޑްރިޗް ގެންދަން ޝައުގުވެރިކަން ފާޅުކުރަމުން ދަނީ. އެކަމަކު ޓޮޓެންހަމްގެ ހައްގުގައި ހިފަހައްޓަން ޖެހޭ. އަހަރެމެންނަށް އެކަށީގެންވާ އަގެއް ނުލިބޭހާހިނދަކު މިހާރު އޮތް ގޮތަށް ކަންތައްތައް އޮންނާނީ." ވިޔަސް ބޮއަސް ބުންޏެވެ. މީޑިއާ ރިޕޯޓްތަކުން ބުނާގޮތުގައި ޓޮޓެންހަމް އިން ބޭނުންވަނީ 35 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީއެއްގައި މޮޑްރިޗް ވިއްކާލުމަށެވެ. ކްލަބުން ބޭނުންވާ ގޮތް މޮޑްރިޗަށް ވެސް ސާފުކޮށްދީފައިވާނެ ކަމަށް ވިޔަސް ބޮއަސް ބުންޏެވެ. "މޮޑްރިޗް ބޭނުންވާ ގޮތް ވެސް ބަލަންޖެހޭ. އަހަރެމެން އޭނައާ ވާހަކަދައްކައިފިން. އެނާ ވެސް ގަބޫލްކުރޭ އަހަރެމެން ދައްކާ ވާހަކަ،" ވިޔަސް ބޮއަސް ބުންޏެވެ. "އަހަރެމެން މި ތިބީ ހުށަހެޅުންތަކަށް ވިސްނަން ތައްޔާރަށް. އެކަމަކު ޗެއާމަން ބޭނުންވާ ކަހަލަ އަގެއް އަދި އެއްވެސް ބަޔަކު ހުށަހެއްނާޅާ. އެ އަގު ލިބިއްޖެނަމަ އެއްވެސް މައްސަލައެއް ނޯންނާނެ." -- އޭއެފްޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ