އައްބާސްގެ ތަގުރީރުން ޔާސިރު އަރަފާތުގެ ހަނދާންތައް

އދ.މަޖިލިސް (ސެޕްޓެމްބަރު 26) - ފަލަސްތީނަށް ދައުލަތެއްގެ ދަރަޖަ ދިނުމަށް އެދި ރައީސް މަހްމޫދު އައްބާސް އދ. އަށް ހުށަހަޅުއްވަމުން ދެއްވި ތަގުރީރުން، 1974 ވަނަ އަހަރު ފަލަސްތީނުގެ އޭރުގެ ރައީސް ޔާސިރު އަރަފާތު އދ.ގައި ދެއްވި އަސަރުގަދަ ތަގުރީރުގެ ހަނދާންތައް ވަނީ އާވެފަ އެވެ. މިނިވަންކަމަށް މަސައްކަތްކުރާ ފަލަސްތީނުގެ އިހްސާސްތައް ހާމަކޮށްދިނުމުގައި އައްބާސް އަކީ މީގެ ކުރިން އެހާ ނަން ހިނގާ ބޭފުޅެއް ނޫނެވެ. އެކަމަކު މިދިޔަ ހުކުރުދުވަހު އައްބާސް ދެއްކެވީ މުޅިން ތަފާތު، ފާހަގަކޮށްލެވޭ ވާހަކަތަކެކެވެ. "އަހަރެމެންގެ އަވަހާރަވެފައިވާ ކުރީގެ ލީޑަރު ޔާސިރު އަރަފާތު 1974 ވަނަ އަހަރު މި ހޯލަށް ވަޑައިގެންނެވި،" އައްބާސް މިހެން ވިދާޅުވުމާ އެކު ތަރުހީބުގެ އަތްތިލަބަޑިއަކުން މުޅި ތަން ގުގުމައިގެން ދިޔަ އެވެ. އައްބާސް އަރަފާތުގެ ހަނދާންތައް އާކުރެއްވި އެވެ. "ފަލަސްތީނު ރައްޔިތުންގެ ހައްގުތަކާ ދެކޮޅު ހެދެން ނޯންނާނެކަން ފާހަގަކުރައްވަމުން ވިދާޅުވީ 'މި ޒައިތޫނި ފަތްކޯނި އަހަރެންގެ އަތުން ވެއްޓެން ދޫކޮށްލައިގެން ނުވާނެ' ކަމަށް." "ރައީސް އަރަފާތު 1988 ވަނަ އަހަރު އަނެއްކާވެސް ވަނީ އާންމު މަޖިލީހުގައި ތަގުރީރުކުރައްވާފައި ... އެފަހަރު ވަނީ އެ އަހަރު ފަލަސްތީނުގެ ގައުމީ މަޖިލީހުން އަލްޖީރިއާގައި އެކުލަވައިލި ސުލްހައިގެ ޕްރޮގްރާމް ހުށަހަޅުއްވާފައި،" އިޒްރޭލާ ވާހަކަ ދެއްކުމަށާއި ސުލްހަޔަށްޓަކައި ބައެއް ބިންތައް އިޒްރޭލާ ބަދަލުކުރުމަށް އެއްބަސްވި ހުށަހެޅުމަށް އިޝާރާތްކުރައްވަމުން އައްބާސް ވިދާޅުވި އެވެ. ތަގުރީރުތަކުގައި އަމިއްލަ ދިރިއުޅުއްވުމުގެ ވާހަކަ އައްބާސް ނުދެއްކެވި ނަމަވެސް މިފަހަރު އައްބާސް ވަނީ އެކަން ވެސް ކުރައްވައިފަ އެވެ. އައްބާސް ވިދާޅުވީ 1948 ވަނަ އަހަރު އިޒްރޭލު އުފެއްދުމުން ވަރަށް ބޮޑު ހިތްދަތިކަމެއް އެންމެންނަށް ލިބިގެން ދިޔަ ކަމަށެވެ. އައްބާސް ވިދާޅުވީ އޭނާ ވެސް ހިމެނެނީ އިޒްރޭލު އުފެދުމުން ވަޒަން ދޫކޮށް ދިޔަ މީހުންގެ ތެރޭގައި ކަމަށެވެ. އިޒްރޭލަކީ ޔަހޫދީ ދައުލަތުގެ ގޮތުގައި ކަނޑައެޅިގެން ދިއުމާ އެކު ފަލަސްތީނުގެ 700،000 މީހަކަށް މަޖުބޫރުވީ ގެދޮރު ދޫކޮށް ދާށެވެ. އެ ހިތްދަތި ތަޖުރިބާ ފަލަސްތީނުން މިހާރު ފާހަގަކުރަމުން ދަނީ "ނަކަބާ" ނުވަތަ ހިތްދަތިކަމުގެ ދުވަހެއްގެ ގޮތުގަ އެވެ. "މި ފަދަ ނަކަބާތައް ތަކުރާރުވަމުން އަންނަތާ 63 އަހަރުވީ: ފުދިއްޖެ. މިހާރު މިއީ ފަލަސްތީނު ރައްޔިތުންނަށް މިނިވަންކަން ލިބެންވީ ވަގުތު،" އުފަން ރަށުން، އުމުރުން 13 އަހަރުގައި ނިކުމެވަޑައިގަންނަވަން ޖެހުނު އައްބާސް ވިދާޅުވި އެވެ. އައްބާސްގެ އުފަން ރަށް ކަމަށްވާ ގަލީލީ އަކީ މިހާރު އިޒްރޭލުގެ ބައެކެވެ. އދ.ގެ އާންމު މަޖިލީހުގައި 1974 ވަނަ އަހަރު ދެއްވި ތަގުރީރުގައި އަރަފާތު ވަނީ ވަރަށް އަސަރާ އެކު ވާހަކަ ދައްކަވައިފަ އެވެ. އެ ތަގުރީރު ދެއްވަމުން އޭނާ ވަނީ އެއް އަތުގައި އޮތީ ޒައިތޫނި ފަތްކޯންޏެއް ކަމަށާއި އަނެއް އަތުގައި އޮތީ ބަޑިއެއް ކަމަށް ސިފަކުރައްވައިފަ އެވެ. "މިއަދު އަޅުގަނޑު މި އައީ އެއް އަތުން ޒައިތޫނި ފަތް ކޯންޏެއް އަނެއް އަތުން މުޖާހިދުންގެ ބަޑީގައި ހިފައިގެން ހުރެ. މި ޒައިތޫނު ފަތްކޯނި އަޅުގަނޑު އަތުން ވެއްޓުނަ ނުދޭތި،" އދ.ގައި އަރަފާތު އާދޭސް ދެންނެވި އެވެ. އަރަފާތަށް ލިބުނު ފަދަ ހޫނު ތަރުހީބެއް އައްބާސް އަށް އާންމު މަޖިލީހުން ނުލިބުނު ކަމުގައި ވިޔަސް އައްބާސް އަށް ވެސް ތަރުހީބު ކުޑައެއް ނޫނެވެ. ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް އެދި ހުށަހެޅުއްވި ލިޔުންތައް އދ.ގެ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫންއާ ހަވާލުކުރެއްވި އިރު އައްބާސްގެ އަރިހުގައި ފަލަސްތީނުގެ ސަފީރު ރިޔާޒް މަންސޫރު ހުންނެވި އެވެ. އޭނާ ވިދާޅުވީ ލިޔުންތައް ހަވާލުކުރެއްވުމަށް ފަހު އައްބާސް ދެއްވީ ތާރީހީ ތަގުރީރެއް ކަމަށެވެ. "ފަލަސްތީނު ރައްޔިތެއްގެ ހައިސިއްޔަތުން އަޅުގަނޑު ފަހުރުވެރިވަން މި ތަން ދެކެން. މިއީ އެތައް ދުވަހެއް ވަންދެން ވެފައިވާ ގުރުބާނީއެއްގެ ނަތީޖާ،" މަންސޫރު އޭއެފްޕީ އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި އެވެ. އައްބާސް ވިދާޅުވީ މިނިވަންކަމަށް އެދި އދ. އަށް ހުށަހެޅުމަކީ ހަގީގަތް ހާމަވެގެން ދިޔަ ވަގުތު ކަމަށެވެ. "ގިނަ ބަޔަކު ތިބީ މި ކަމުގައި ދުނިޔެ އިން ދޭނެ ޖަވާބެއްގެ އިންތިޒާރުގައި. މި ހުށަހެޅުމުން އިޒްރޭލުގެ އިސްތިއުމާރު، މި ދުނިޔޭގައި މިހާރު އޮތް ހަމަ އެކަނި އިސްތިއުމާރު އިތުރަން ފުޅާވެގެން ދާނެތަ؟" އައްބާސް ސުވާލުކުރެއްވި އެވެ. -- އޭއެފްޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ