ފްލައިޓް ގެއްލުމާ ބެހޭ ގޮތުން ދެކެވޭ އެހެން ވާހަކަތައް

މެލޭޝިއާ އެއާލައިންސްގެ ފްލައިޓް އެމްއެޗް 370 ގެއްލުނުތާ މަސް ދުވަސް ވީ އެވެ. ފްލައިޓް ހޯދުމަށް އިންޑިއާ ކަނޑުގައި ރެޔާއި ދުވާލު އަތްފުނާ އެޅުމުން ވެސް މިހާތަނަށް ޖަވާބު ލިބުނު ކަންކަމަށް ވުރެ ސުވާލުތައް ގިނަ އެވެ. މެލޭޝިއާގެ ކުއާލަ ލަމްޕޫރުން ޗައިނާގެ ބެއިޖިން އަށް 239 މީހުންނާ އެކު ފުރި ފްލައިޓް ގެއްލުން އާދަޔާ ހިލާފް ކަމަކަށް ވުމުން އެކަމާ ގުޅިގެން އެކި ގޮތްގޮތަށް ވާހަކަ ދެއްކުން ވަނީ އާންމު ވެފަ އެވެ. ކޮންސްޕިރަސީ ތިޔަރީތައް ގުނަ އަދަދު ނުކުރެވެ އެވެ. އޭގެ ތެރެއިން ބައެއް ކަންކަމަށް ކުރުކޮށް ބަލައިލާނަމެވެ. ޑިއެގޯ ގާސިއާ އަށް ބޯޓު ގެންދިއުން މިއީ މުޅި އިންޓަނެޓުގައި ވެސް އެންމެ ބޮޑަށް ދެކެވޭ ވާހަކަ އެވެ. ގިނަ ބަޔަކު ބުނަނީ އެމްއެޗް 370 އެއްވެސް ތަނަކަށް ނުވެއްޓޭ ކަމަށެވެ. އެކަމަކު އެމެރިކާ އިން އެ ފްލައިޓް “އަތުލައިގަނެ” އިންޑިއާ ކަނޑުގައި އޮންނަ އެމެރިކާގެ އަސްކަރީ ރަށް ޑިއެގޯ ގާސިއާ އަށް ގެންދިޔައީ ކަމަށެވެ. އެމެރިކާ އިން މިކަން ކޮށްފައި ވަނީ ފްލައިޓްގައި ތިބި ފްރީސްކޭލް ސެމީކޮންޑަކްޓާގެ 20 މުވައްޒަފުންނަށް އަމާޒުކޮށްފައި ކަމަށް މި ތިޔަރީގައި ބުނެ އެވެ. ފްރީސްކޭލް ސެމީކޮންޑަކްޓާ ކުންފުންޏަކީ އެއާކްރާފްޓް ނެވިގޭޝަނާއި ހައި-ޓެކް އަސްކަރީ ސާމާނަށް ކޮމްޕޮނެންޓް އުފައްދާ، އެމެރިކާގެ ޓެކްސަސްގައި މައި އޮފީސް ހުންނަ ކުންފުންޏެކެވެ. ޑިއެގޯ ގާސިއާ ފްލައިޓް ގޮއްވާލުން މިގޮތަށް ބުނާ މީހުން ގަބޫލުކުރާ ގޮތުގައި އެމެރިކާގެ އަސްކަރިއްޔާ އިން ކޮންމެވެސް ބޭނުމެއްގައި އެމްއެޗް 370 ގޮއްވާލީ އެވެ. އަނެއް ބަޔަކު ބުނަނީ ފްލައިޓް ގޮއްވާލީ އެމެރިކާ އިން ނޫން ކަމަށާއި އެފަދަ ކަމެއް ކުރާނީ އުތުރު ކޮރެއާ ފަދަ ގައުމަކުން ކަމަށެވެ. މި ތިޔަރީ ގެންގުޅޭ މީހުން ބުނަނީ ފްލައިޓްގެ އެއްވެސް އެއްޗެއް ކަނޑުން ފެނިފައި ނުވަނީ ވަރުގަދަ ގޮވުމަކުން ބޯޓު ގޮއްވާލުމުން ކަމަށެވެ. ޓެރަރިސްޓުން ބޯޓް ހައިޖެކް ކުރުން ގެއްލިފައިވާ ފްލައިޓް އެމްއެޗް 370 ހައިޖެކްކޮށް، އަފްޣާނިސްތާނުގައި ތާލިބާނުންގެ ކޮންޓްރޯލް އޮންނަ ކޮންމެވެސް ހިސާބަކަށް ގެންދެވިދާނެ ކަމަށް އެއްބަޔަކު ބުނެ އެވެ. އިނގިރޭސި ވިލާތުގެ އިންޑިޕެންޑެންޓް ނޫހުން ބުނާ ގޮތުގައި މި ތިޔަރީގައި ބުނާ ގޮތަށް ކަންތައް ވެފައި ވެދާނެ ކަމަށް ބަލައި މެލޭޝިއާ ސަރުކާރުން ވަނީ މިކަން ތަހުގީގު ކުރުމަށް ބޭނުންވާ ބައެއް ހުއްދަތަކަށް އަފްޣާނިސްތާނު ސަރުކާރުގައި އެދިފަ އެވެ. މެލޭޝިއާ އެއާލައިންސްގެ ފްލައިޓް އެމްއެޗް 370 ހޯދުމުގެ މަސައްކަތް ކުރަނީ. -- ފޮޓޯ: އޭއެފްޕީ ހައިޖެކް ކުރީ 9/11 ހާދިސާގެ ފަހަތުގައިވާ މީހުން ޕްރޮފެސަރެއް ކަމަށްވާ ކެވިން ބެރެޓް ވިދާޅުވަނީ ރިމޯޓްކޮންޓްރޯލް ޓެކްނޮލޮޖީއެއް ބޭނުންކޮށްގެން ފްލައިޓް ހައިޖެކްކުރީ ކަމަށާއި މިކަން ކޮށްފައި ވަނީ އެމެރިކާ ސަރުކާރުގެ ކުރީގެ އޮފިޝަލެއް ކަމަށްވާ ޑޮވް ޒަޚެއިމްގެ ކުންފުނިން އުފައްދާފައިވާ ފްލައިޓް ޓާމިނޭޝަން ސިސްޓަމެއް ބޭނުންކޮށްގެން ކަމަށެވެ. އޭނާ އަށް 11/9 ހަމަލާއާ ގުޅިގެން ވެސް ތުހުމަތުކޮށްފައިވެ އެވެ. ޕްރޮފެސަރު ވިދާޅުވީ 11/9 ހާދިސާ އަކީ ވެސް ދުވަހަކު ވެސް ބަޔަކު އަމަލު ނުކުރާ ގޮތަކަށް ކަންތައް ކޮށްގެން ދިން ހަމަލާއެއް ކަމަށާއި އެމްއެޗް 370 ގެއްލުން ވެސް ވެފައި ވަނީ ކުރިން އެފަދަ ކަމެއް ނުވާ ގޮތަކަށް ކަމަށެވެ. އެހެންވެ ދެ ހާދިސާގައި އެއްގޮތް ކަންތައްތަކެއް އެބަހުރި ކަމަށް ބެރެޓް ވިދާޅުވެ އެވެ. މި ދެ ހާދިސާގައި ވެސް ފްލައިޓް ކުއްލިއަކަށް އަނބުރާލައި ޓްރާންސްޕޮންްޑާތައް ނިއްވާލައި ރާޑަރުތަކަށް ގެއްލިފައިވެ އެވެ. ބެރެޓް ވިދާޅުވަނީ ހަރުކަށި ޔަހޫދީއެއް ކަމަށްވާ ޒަޚެއިމްގެ ކުންފުނިން އުފައްދާފައިވާ ފްލައިޓް ޓާމިނޭޝަން ސިސްޓަމް ބޭނުންކޮށްގެން، ބިމުގައި ހުރެގެން ނުވަތަ އެހެން ފްލަައިޓެއްގައި އިނދެގެން އެހެން ފްލައިޓެއްގެ ކޮންޓްރޯލް އަތުލެވެ އެވެ. މި ތިޔަރީގައި ބުނާ ޒަޚެއިމް އަކީ އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަންއާ ގުޅުން އޮންމަ މީހެއް ކަމަށްވެ އެވެ. ސްނޯޑެންއާ ގުޅުމެއްވޭ ހަގީގަތް ނޭނގޭ އެކި ހާދިސާތަކާ ބެހޭ ގޮތުން ފޮތްތައް ލިޔެފައިވާ އެމެރިކާގެ ލިޔުންތެރިއެއް ކަމަށްވާ ބެންޖަމިން ރެޑްފޯޑް ބުނަނީ ފްލައިޓް ގެއްލުނު ހާދިސާއާ، އެމެރިކާގެ ނެޝަނަލް ސެކިއުރިޓީ އެޖެންސީ (އެންއެސްއޭ)ގައި މަސައްކަތް ކުރުމަށް ފަހު ސިއްރު މައުލޫމާތުތައް ހާމަކުރަމުންދާ އެޑްވަޑް ސްނޯޑެންއާ ގުޅުމެއް ވެދާނެ ކަމަށެވެ. އެކަމަކު އެއީ އޭނާ އެކަން ކުރާ ވާހަކައެއް ނޫނެވެ. ސްނޯޑެންގެ ސިއްރު ޕްރޮޖެކްޓެއްގެ މައުލޫމާތު އެނގޭ ބަޔަކު ފްލައިޓްގައި ތިބުމުން އެ ބަޔަކު މަރާލަން އެމެރިކާ އިން ބޭނުންވީ ކަމަށް މި ތިޔަރީގެ މީހުން ގަބޫލުކުރެ އެވެ. އެކަމަކު ވަކި ބަޔަކު މަރާލަން އެތައް ސަތޭކަ ބައެއްގެ ފުރާނަ ދުއްްވާލަފާނެތޯ އަނެއް ބަޔަކު ސުވާލުކުރެ އެވެ. ޓެޑް ކޮންފަރެންސްގައި އެޑްވަޑް ސްނޯޑެން ރިމޯޓް ކޮންޓްރޯލް ރޮބަޓެއް މެދުވެރިކޮށް ވާހަކަ ދައްކަނީ. -- ފޮޓޯ: އޭއެފްޕީ އޮސްޓްރޭލިއާގެ ކޮންމެވެސް ތަނަކަށް ތިރިކުރީ އިންޓަނެޓް ކޮމިއުނިޓީ ތެރޭ ދެކެވޭ ވާހަކަތަކުގެ ތެރެއިން އެއް ވާހަކަ އަކީ މިއީ އެވެ. ރެޑިޓްގައި އެމްއެޗް 370އާ ބެހޭ ގޮތުން ލިޔުނު މީހަކު، އެ ފްލައިޓްގެ ސޭފްޓީ އިންސްޓްރަކްޝަންގެ ފޮޓޯއެއް ކަމަށް ބުނެ އެއްޗެއް އާންމުކުރި އެވެ. އޭނާ ބުނަނީ އެއީ އޮސްޓްރޭލިއާގެ ހުޅަނގު ސަރަހައްދަކުން ރިސައިކަލް ކުރުމަށް ގެނައި ކުނިތަކެއްގެ ތެރެއިން ފެނުނު އެއްޗެއް ކަަމަށެވެ. އެމްއެޗް 370ގެ ސިގްނަލް ސެޓެލައިޓްތަކަށް ވެސް އެންމެ ފަހުން ލިބިފައި ވަނީ އޮސްޓްރޭލިއާގެ ހުޅަނގު ސަރަހައްދާ ދިމާލުންނެވެ. އެހެން ފްލައިޓެއްގެ ފަހަތުން ގައުމެއްގެ ވައިގެ ސަރަހައްދަށް ވަދެ ފިލީ ވައިގެ ދަތުރުފަތުރާ ބެހޭ ގޮތުން ލިޔާ މީހެއް ކަމަށްވާ ކެއިތު ލެގަވުޑް ބުނަނީ އެމްއެޗް 370 ދަތުރުކޮށްފައި ވަނީ ސިންގަޕޯއެލާއިންސްގެ ފްލައިޓް 68ގެ ފަހަތުން ކަމަށެވެ. ސިންގަޕޯއެއާލައިންސް ދިޔައީ ސްޕެއިނަށެވެ. މި ލިޔުންތެރިޔާ ބުނަނީ ފްލައިޓްގެ ޓްރާންސްޕޮންޑާ އާއި ކޮމިއުނިކޭޝަން ނިވާލައިގެން، އެހެން ފްލައިޓެއްގެ ނިވަލުގައި ދަތުރުކުރާ ނަމަ ރާޑަރަށް ފެންނާނީ އަނެއް ބޯޓް ކަމަށެވެ. އަދި މިލިޓަރީ ރާޑަރަކަށް އެހާ ކައިރިން ދެ ފްލައިޓް ފެނުނަސް، އެއީ ފްލައިޓްގެ އެކޯ ކަމަށް ބަލައި އެކަމާ އަޅާނުލުމުގެ ފުރުސަތު ބޮޑު ކަމަށް މި ތިޔަރީގައި ބުނެ އެވެ. މިހެން ވެފައިވާ ނަމަ އެމްއެޗް 370 ސިންގަޕޯ އެއާލައިންސްގެ ފްލައިޓް 68ގެ ފަހަތުން ގޮސް ޗައިނާގެ ޒިއަންޖަންގް، ކިރްގިސްތާން ނުވަތަ ތުރްކުމެނިސްތާނުގެ ވައިގެ ސަރަހައްދަށް ވަދެ ފިލުމަކީ ފަސޭހަކަމާ އެކު ކުރެވިދާނެ ކަމެއް ކަމަށް ބުނެ އެވެ. މި ހިޔާލުތަކުގެ އިތުރުން ވެސް، ބޯޓު ބޭނުންކޮށްގެން ފަހުން ހަމަލާއެއް ދިނުމަށް ބޯޓު ވަގަށް ނެގީ ކަމަށާއި ބޯޓުތެރޭގައި ހަމަނުޖެހުން ހިނގައިގެން ނުވަތަ ގަސްދުގައި މާ މައްޗަށް އަރައި ކުއްލިއަކަށް ތިރިކޮށްލުމުން އެންމެން މަރުވެ ބޯޓު އަމިއްލަ އަށް ދަތުރުކުރަމުން ގޮސް ކޮންމެވެސް ތަނަކަށް ވެއްޓުނީ ކަމަށް ބުނާ ތިޔަރީތައް އެބަހުއްޓެވެ. އެކަމަކު މިހާ ހިސާބުން ކުރުކޮށްލާނީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ