ތިނަދޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވީ ޒުވާނާ ލަންކާއަށް ގެންގޮސްފި

ގދ. ތިނަދޫގައި އިއްޔެ ޕިކަޕަކާއި ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި 19 އަހަރުގެ ޒުވާނާއަށް ފަރުވާ ދިނުމަށް ލަންކާއަށް ގެންގޮސްފިއެވެ.
ސީއެންއެމަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ލަންކާއަށް ގެންގޮސްފައިވަނީ މިއަދު ހެނދުނު 8:45ގައެވެ. ސީއެންއެމަށް މައުލޫމާތުދިން މީހަކު ބުނީ އޭނާ ފޮނުވާލާފައިވަނީ ރާއްޖޭގައި ބައެއް ފަރުވާ ދެވެން ނެތް ކަމަށް ޑޮކްޓަރުން ބުނަމުން ދިއުމާއި ގުޅިގެން އާސަންދައިގެ ދަށުން ކަމަށެވެ.
އޭނާ މާލެ ގެނައީ ރޭގެ ވަގުތެއްގައެވެ. ސީރިއަސް އަނިޔާތަކެއް ލިބިފައި ވުމުން އައި.ޖީ.އެމް ހޮސްޕިޓަލަށް ގެނައުމުގެ ކުރިން އޭނާއަށް ވަނީ ތިނަދޫ ރީޖަނަލް ހޮސްޕިޓަލްގެ އައި.ސީ.ޔޫގައި ފަރުވާ ދީފައެވެ.
އިއްޔެ މެންދުރު 13:00 ހާއިރު މިއެކްސިޑެންޓް ހިނގާފައިވަނީ ތިނަދޫ ބަނދަރު ސަރަހައްދު މިސްކިތް ހުރި ދިމާލުން ޕިކަޕް އަނބުރާލަން އުޅެނިކޮށް އެމަގުން ދުއްވާފައި އައި ސައިކަލުގައި ޖެހިގެންކަމަށް ފުލުހުންބުނެއެވެ.
މިއެކްސިޑެންޓްގައި އޭނާގެ ބޮލުގެ ނާށިގަނޑު ފަޅައިގެން ގޮސްފައިވާ އިރު ނޭފަތާއި ދިމާލުން ކަށިގަނޑު ވެސް ބިންދައިގެން ގޮސްފައިވާ ކަމަށް ފުލުހުންވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ