އިންޑިޔާ އިން ދޫނި ރޯގާ ފެނުމުން ހެލްތު މިނިސްޓްރީން ކަންބޮޑުވުން ފާޅުކުރައްވައިފި

އިންޑިއާ އިން ދޫނި ރޯގާ ޖެހިގެން މީހަކު މަރުވެއްޖެކަމަށް ޝައްކުކުރެވޭ ކަމަށާއި ރޯގާ ޖެހިފައިވާ އެތައް ހާސް ދޫންޏެއް ފެނުނުކަން އެ ގައުމުން ރަސްމީކޮށް އިއުލާނުކުރުމުން އެކަމާ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމުގައި ރާއްޖޭގެ ހެލްތު މިނިސްޓްރީން މިއަދު ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ ރަސްމީ ފަރާތްތަކުން ބުނެފައިވާ މިދިޔަ ހުކުރު ދުވަހު މަރުވި، ކުކުޅު ގެންގުޅޭ މީހާ މަރުވެފައިވަނީ ދޫނި ރޯގާ ޖެހިގެން ކަމަށް ވަރަށް ބޮޑަށް ޝައްކުކުރެވެ އެވެ. އުމުރުން 27 އަހަރުގެ އެމީހާ މަރުވުމާ ގުޅިގެން އިތުރު 12 މީހަކު ދޫނި ރޯގާ އަށް މިހާރު ޓެސްޓުކުރަމުން ދާ ކަމަށް ވެސް އިންޑިއާ އިން ވަނީ ބުނެފަ އެވެ. ދޫނި ރޯގާ ޖެހިގެން މަރުވި ކަމަށް ޝައްކުކުރެވޭ މީހަކީ އިންޑިއާގެ މަހަރާޝްތުރާ ސްޓޭޓްގައި ކުކުޅު ގެންގުޅޭ ފާމެއްގައި މަސައްކަތް ކުރާ މީހެކެވެ. އިންޑިއާގައި 50،000 އަށް ވުރެ ގިނަ ދޫނި މިދިޔަ ހަފުތާ ގައި މަރުވެފައިވާ ކަމަށް އޮފިޝަލުން ހާމަކުރައްވަ އެވެ.
ރާއްޖޭގެ ހެލްތު މިނިސްޓްރީގެ މެޑިކަލް ޑައިރެކްޓަރު އަހުމަދު ރާޒީ ވިދާޅުވި ގޮތުގައި ދޫނި ރޯގާގެ ހާލަތު ސަރުކާރުން ގެންދަވަނީ ވަރަށް ކައިރިން ދިރާސާކުރައްވަމުންނެވެ. އަދި އެ ރޯގާ އިން ރައްކާތެރިވުމަށްޓަކައި ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އަވަށްޓެރި އިންޑިއާ އިން އެ ބަލި ފެނުމުން އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
މި ކަމާ ގުޅިގެން މިހާރު ހެލްތު މިނިސްޓްރީ އާއި ސަރުކާރުގެ ކަމާ ބެހޭ ދާއިރާތަކާ ގުޅިވަޑައިގެން އަޅުއްވާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ދޫނި ރޯގާ އުޅޭ އެއްވެސް ގައުމަކުން ދިރޭ ކުކުޅާއި ފިނިކުރި ކުކުޅާއި ފިޔޮއް އަދި ދޫނި ފަދަ އެއްޗެހި ގެނައުން މަނާކުރެއްވުން ހިމެނެ އެވެ. އަދި އެއްވެސް ބާވަތެއްގެ ދޫންޏެއް ރާއްޖެ އެތެރެކުރުމާއި ދޫނީގެ ނަޖިސް އެކުލެވޭ އެއްވެސް ބާވަތެއްގެ ގަސްކާނާއެއް ރާއްޖެ ނުގެނެވޭ ގޮތަށް ވެސް މިހާރު ވަނީ ހަމަޖައްސަވާފަ އެވެ. އަދި ދޫނި ރޯގާ ޖެހޭ މީހުންގެ ހާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށްޓަކައި ދޭ ބޭސް، ޓެމިފްލޫ، ރާއްޖެ ގެނައުމަށްޓަކައި އޯޑަރުކޮށްފައިވާނެ ކަމަށްވެސް ހެލްތު މިނިސްޓްރީން ވިދާޅުވި އެވެ.
"ކުއްލި ހާލަތެއް ދިމާވެއްޖެއްޔާ ޑަބްލިޔޫއެޗްއޯ އިން މިހާރު ވެސް ބޭސް ފޯރުކޮށްދޭނެ. އެ މީހުން އަތުގައި އިމަޖެންސީ ސްޓޮކެއް އެބަހުރި. އެހެން ނަމަވެސް މިހާރު މި އުޅެނީ ރާއްޖެ އިން އަމިއްލަ އަށް ބޭސް ހޯދައި، ރައްކާކޮށްފައި ބަހައްޓަން،" ޑރ. ރާޒީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ދޫނި ރޯގާގެ ބޭސް ގެންނަނީ ގާތްގަނޑަކަށް 2،000 މީހުންނަށް އެއްފަހަރާ ފަރުވާ ކުރެވޭނެ މިންވަރަކަށް އަންދާޒާކޮށްގެންނެވެ. އެ ބޭސް ގަންނަން ލިބެނީ، ތިން ދުވަހުގެ ޑޯޒެއް 25 ޑޮލަރު (ގާތްގަނޑަކަށް 322ރ.) އާއި 17 ޑޮލަރާ (ގާތްގަނޑަކަށް 218ރ.) ދެމެދުގެ އަގެއްގައި ކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވި އެވެ.
"ރައްކާތެރިވުމުގެ ގޮތުން އަޅާ ފިޔަވަޅެއް މިއީ. މި ބަލީގެ ނުރައްކާ އޮތީ އިންސާނުންގެ ގައިން ގަޔަށް އަރާ ގޮތް މެދުވެރިވެއްޖެއްޔާ. އެހެން ނަމަވެސް އެއީ ވަރަށް ދުރުގައި އޮތް ކަމެއް،" އޭނާ ވިދާޅުވި އެވެ. "އެހެން މެދުވެރިވެއްޖެއްޔާ މިއީ އޭޑްސް އަށްވުރެ ވެސް ނުރައްކާތެރި ބައްޔަކަށްވާނެ."
ޑރ. ރާޒީ ވިދާޅުވިގޮތުގައި ދޫނި ރޯގާ ދެނެގަތުމަށްޓަކައި ކުއިކް ޓެސްޓް ކިޓް ގެންނަ ގޮތަށް ވެސް ސަރުކާރުން ވަނީ ހަމަޖައްސަވާފަ އެވެ. އަދި އެމިނަލް ޓެސްޓިންގެ މަސައްކަތްތައް ކުރިއަށް ގެންދަވަނީ އެގްރިކަލްޗަ މިނިސްޓްރީން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެގްރިކަލްޗަ މިނިސްޓަރުގެ ނާއިބް މުހައްމަދު ޒުހޭރު ވިދާޅުވި ގޮތުގައި ދޫނި ރޯގާ އިން ރައްކާތެރިވުމަށްޓަކައި އެ މިނިސްޓްރީން ވެސް ހާއްސަ ސަމާލުކަމެއް ދެއްވައިގެން ގެންދަވަނީ ފިޔަވަޅުތައް އަޅުއްވަމުންނެވެ.
"މައުލޫމާތު އޮޅުން ފިލުވައިދީ މީހުން މިކަމާ މެދު ހޭލުންތެރިކުރުމުގެ ކަންތައްތައް ކުރިއަށް އެބަ ގެންދެވޭ. އެނޫން ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅިފައި އެބަހުރި،" ޒުހޭރު ވިދާޅުވި އެވެ.
ދޫނި ރޯގާ އަށް ޓެސްޓްކުރުމުގެ ކަންތައްތައް ފެއްޓެވޭނީ ކިހާ ތާކުތޯ ދެންނެވުމުން އޭނާ ވިދާޅުވީ ޓެސްޓްކުރުމުގެ ކަންތައްތަކަކީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއް ކަމަށާއި އެކަމާ ވެސް މިނިސްޓްރީން މަސައްކަތްކުރައްވާ ކަމަށެވެ. އެހެންނަމަވެސް އެކަން ފެއްޓެވޭނެ ވަކި ތާރީހެއް ވިދާޅެއް ނުވެ އެވެ.
ދޫނި ރޯގާ ކަންތައްތަކާ ގުޅޭ ގޮތުން ސަރުކާރުން ވަނީ މިނިސްޓަރުންގެ ކޮމިޓީއަކާއި ސަރުކާރުގެ ކަމާ ބެހޭ ދާއިރާތަކުގެ މަންދޫބުން ހިމެނޭ ގޮތަށް ހާއްސަ ކޮމިޓީއެއް ވެސް އުފައްދަވައިފަ އެވެ.
ޕޯޓު ހެލްތުން ވިދާޅުވި ގޮތުގައި ރާއްޖެ އަށް އެތެރެކުރެވޭ ކުކުޅު މަހުގެ ބާވަތްތައް ވަރަށް ރަނގަޅަށް ގެންދަވަނީ ޗެކްކުރައްވަމުންނެވެ.
ޕޯޓް ހެލްތާއި ކަސްޓަމްސްގެ ރެކޯޑުތަކުން ދައްކާ ގޮތުގައި ރާއްޖެ އަށް ގެންނަ ކުކުޅު ބިސް އެންމެ ގިނައިން އެތެރެކުރަނީ އިންޑިއާ އިންނެވެ.
"އިންޑިއާގެ ޓުޓިކޮރިން ބަނދަރުން މި އަންނަނީ. އެ ހިސާބަށް އެ އެއްޗެހި އަންނަނީ އިންޑިއާގެ ކޮން ސަރަހައްދުތަކަކުން ކަމެއް ނޭނގެ. އެހެން ވީމަ މިކަމަކީ ރައްކާތެރިކަމުގެ ގޮތުން ބަލަން ޖެހޭ މައްސަލައެއް،" ޕޯޓު ހެލްތުގެ އޮފިޝަލެއް ވިދާޅުވި އެވެ. "އިންޑިއާގެ ކުކުޅު ބިސް އެތެރެކުރުން އަދި މަނާކުރައްވާފައެއް ނުވޭ."
"ދޫނި ރޯގާ އުޅޭ އެއްވެސް ގައުމަކުން މި އެއްޗެހި އާދޭތޯ ވަރަށް ބޮޑަށް ޗެކްކުރާނެ. އަދި ރާއްޖެ އަށް އެތެރެކުރާ ފިނިކުރި ކުކުޅު މަހުގެ ރައްކާތެރިކަމާ ބެހޭ ލިޔުންތަކުގެ އަސްލު ހުށަހެޅުމުން ނޫނީ އެއްވެސް އެއްޗެއް ދުލެއް ނުކުރަން. މި ރޯގާ އަކީ ދުނިޔޭގެ ހުރިހާ ގައުމަކުން ވެސް ވަރަށް ކަންބޮޑުވާ ބައްޔެއް. އެހެންވެ މައުލޫމާތުގެ ގޮތުން ވެސް އެއްބާރުލުން ދޭ،" ޕޯޓް ހެލްތުގެ އޮފިޝަލަކު ވިދާޅުވި އެވެ. "ރާއްޖެ އަށް ފިނިކުރި ކުކުޅު އެންމެ ގިނައިން ގެންނަނީ ބްރެޒީލުން. ބްރެޒީލްގައި ދޫނި ރޯގާއެއް ނެތް."
ދޫނި ރޯގާ ފެށިގެން އަންނަނީ ގަދަ ހުމާއި ބޮލުގައި ރިއްސުމާއި ގައިގައި ރިއްސުމާ އެކުގަ އެވެ. ބައެއް މީހުންގެ ލޯ ރަތްވުމާއި އާދަޔާ ޚިލާފަށް ހީކެރުވުން ފަދަ އަލާމާތްތައް ވެސް އެ ބައްޔާ ގުޅިފައިވެ އެވެ. ޑޮކްޓަރުން ވިދާޅުވާ ގޮތުގައި ދޫނި ރޯގާގެ ހަގީގީ ނުރައްކަލަކީ އެ ބަލި ޖެހުމުން ވަރަށް ވަރުގަދަ ނިއުމޯނިއާ އަކަށް ބަދަލުވުމެވެ. ގިނަ މީހުން މަރުވެފައި ވަނީ ވެސް ނިއުމޯނިއާގެ ސަބަބުން ހަށިގަނޑުގެ މުހިންމު ބައެއް ގުނަވަންތަކުގެ މަސައްކަތްތައް ހުއްޓިގެންނެވެ.
ޑރ. ރާޒީ ވިދާޅުވި ގޮތުގައި ފިނިކުރި ކުކުޅާއި ދިރޭ ކުކުޅުގައި އަތްލާއިރު ވެސް އަންގި ލެއްވުމަކީ ރައްކާތެރިކަމުގެ ގޮތުން މިހާރު ކޮންމެހެން އަޅަން ޖެހޭ ފިޔަވަޅެއް ކަމަށެވެ. އަދި ވަކިން ޚާއްސަކޮށް ކުކުޅު ބިހާއި މަސް ރަނގަޅަށް ރޯފިލުވައިގެން ނޫނީ ނުކެއުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވެސް ހެލްތު މިނިސްޓްރީން އިލްތިމާސްކުރައްވަ އެވެ.
"ދެ ބަޔަށް ރޯފިލުވައިގެން ބިސް ކެއުން ރައްކާތެރިއެއް ނޫން. މަސް ވެސް ބިސް ވެސް ވަރަށް ރަނގަޅަށް ރޯފިލުވަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އާއި ދުނިޔޭގެ ކާނާއާ ބެހޭ ޖަމިއްޔާގެ ތަޖުރިބާކާރުން ވިދާޅުވެފައިވާ ގޮތުގައި އެފްރިކާ ފަދަ ގައުމުތަކުގައި ދޫނި ރޯގާ ފެތުރެން ފަށައިފި ނަމަ އިންސާނީ މުސީބާތަކަށް ވެގެންދާނެ އެވެ. އެކަން އެހެން އޮއްވައި އެފްރިކާގެ ބައެއް ސަރަހައްދުތަކުން ވެސް ދާދި ފަހުން ވަނީ ދޫނި ރޯގާ ފެނިފަ އެވެ. އަދި އޭޝިޔާ އާއި ޔޫރަޕުގެ ބައެއް ގައުމުތަކުން ވެސް ބަލި ފެނިއްޖެ އެވެ.
މިހާތަނަށް ގާތްގަނޑަކަށް 90 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ، މި ރޯގާގެ ނުރައްކާ ބޮޑުވެގެންދާނެ ކަމަށް ސައެންސްވެރިން ވިދާޅުވެފައިވަނީ، އެޗް 5އެން 1 ވައިރަސް، އިންސާނީ ރޯގާގެ ވައިރަހަކާ ގުޅިގެން އައު ބާވަތެއްގެ ވައިރަހެއް އުފެދިއްޖެ ނަމަ އެވެ. އެހެން ވެއްޖެ ނަމަ މިލިއަނުން މީހުން މަރުވާނެ ކަމަށް އަންދާޒާކުރެ އެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ވިދާޅުވެފައި ވަނީ ދޫނި ރޯގާގެ އަޑު ދުނިޔޭގައި މަޑުނުވާ ކަމަށާއި އެކަމަށް ގައުމުތަކުންދޭ ސަމާލުކަން ކުޑަކޮށްފި ނަމަ ނުރައްކަލުގެ ސާލެއް މުޅި ދުނިޔޭގައި ފަތުރާލަފާނެ ކަމަށެވެ.
އިންޑިއާގެ މަހަރާޝްތްރާ ސްޓޭޓުން، ދޫނި ރޯގާ ޖެހިފައިވާ ކުކުޅެއް ފެނިއްޖެ ކަމަށް އޮފިޝަލުން އިއްޔެ ވިދާޅުވެއްޖެ އެވެ.
ދޫނި ރޯގާގެ އެންމެ ނުރައްކާތެރި ބާވަތުގެ ވައިރަސް ކަމަށްވާ އެޗް 5އެން 1 ވައިރަސް ޖެހިފައިވާ ކުކުޅެއް އިންޑިއާ އިން ފުރަތަމަ ފަހަރަށް ފެނިފައި ވާއިރު، މި ބަލި ޖެހިފައިވާ ކަމަށް ޝައްކުކުރެވޭ 12 މީހަކު މިހާރު ދަނީ ޓެސްޓުކުރަމުންނެވެ. އޮފިޝަލުން މިއަދު ވިދާޅުވި ގޮތުގައި، ކުކުޅު ގެންގުޅޭ މީހަކު ހުކުރު ދުވަހު މަރުވެފައި ވެ އެވެ. އުމުރުން 27 އަހަރުގެ އެ މީހާ މަރުވެފައި ވަނީ ދޫނިރޯގާ ޖެހިގެން ކަމަށް ވަރަށް ބޮޑަށް ޝައްކުކުރެވޭ ކަމަށް އޮފިޝަލުން ވިދާޅުވި އެވެ.
އިންޑިއާގެ ސިއްހީ އިދާރާގެ ވެރިޔާ ޕީ.ހޮޓާ އެން.ޑީ.ޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް މިހާރު ފަށާފައިވާ ކަމަށެވެ. އަދި އެއްވެސް މީހަކު ގަދަޔަށް ހުން އައިސް، އާދަޔާ ޚިލާފަށް އަރިދަފުސް ރޯގާ ޖެހިއްޖެ ނަމަ ލަސް ނުކޮށް ޑޮކްޓަރަށް ދެއްކުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.
އިންޑިއާ އިން ދޫނި ރޯގާ ފެނުނު ސަރަހައްދުގައި މިހާރު ވަނީ ކުކުޅާއި އަސްދޫނި ފަދަ ބާވަތްތަކުގެ މަސް ނުކެއުމަށް އަންގައިފަ އެވެ. ނަމަވެސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ބުނެފައި ވަނީ ރަނގަޅަށް ރޯފިލުވާފައި ހުންނަ މަހާއި ބިހުން ބަލި ނުފެތުރޭނެ ކަމަށެވެ.
އިންޑިއާ އަށް ދޫނި ރޯގާ އައިސްފައި ވަނީ، ޗައިނާ ފަދަ ގައުމުތަކުން ހިޖުރަކުރާ ދޫނީގެ ސަބަބުން ކަމަށް ވަނީ ބެލެވިފަ އެވެ. އެންމެ ފުރަތަމަ ޗައިނާ އިން ފެނުނު މި ބަލީގައި މިހާތަނަށް 90 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އެންމެ ގިނަ މީހުން މަރުވެފައި ވަނީ އޭޝިއާ ސަރަހައްދުންނެވެ.
ދޫނިރޯގާ ޖެހިގެން މަރުވި ކަމަށް ޝައްކުކުރެވޭ މީހާގެ ހަށިގަނޑު މިހާރު ޓެސްޓުކުރަމުންދާ ކަމަށް އިންޑިއާގެ ސިއްހަތާ ބެހޭ އިދާރާ އިން ބުންޏެވެ. އޭނާ މަރުވެފައިވަނީ ކޮން ބައްޔެއްގައި ކަން ކަށަވަރުވާނީ ދެތިން ދުވަސް ފަހުން ކަމަށް އޮފިޝަލުން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ