ރިކޯޑު މިންވަރަކަށް މިދިޔަ މަހު ރާއްޖެ އަށް ޓޫރިސްޓުން އަތުވެއްޖެ

މަހަކު ރާއްޖެ އަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ އަދަދަށް ބަލާއިރު ރިކޯޑު މިންވަރަކަށް މިދިޔަ މަހު ރާއްޖެ އަށް ޓޫރިސްޓުން އަތުވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީން ވިދާޅުވި ގޮތުގައި މިދިޔަ ޖެނުއަރީ މަހު 64،570 ޓޫރިސްޓުން ރާއްޖެ އަށް އައިސްފައި ވެއެވެ. މީގެ ކުރިން އެއް މަސް ދުވަހުގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ޓޫރިސްޓުން އައިސްފައި ވަނީ 2004 ވަނަ އަހަރުގެ މާޗު މަހު އެވެ. އެ މަހު އައީ 63،855 ޓޫރިސްޓުންނެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހު ރާއްޖެ އަށް އައިސްފައި ވަނީ 58،332 ޓޫރިސްޓުންނެވެ.
"މިއީ ވަރަށް ރަނގަޅު ފެށުމެއް، އަޅުގަނޑު އުންމީދުކުރަނީ މި އަހަރުގެ ކުރިއަށް އޮތްތަން ވެސް ރަނގަޅުވާނެ ކަމަށް. މިހާރު އޮޕަރޭޓް ނުކޮށް ހުރި އެނދުތަކާއި އާ ރިސޯޓުތައް ވެސް ކުރިއަށް އޮތް ތަނުގައި ހުޅުވިގެން އަންނާނެ،" މޯލްޑިވްސް ޓޫރިޒަމް ޕްރޮމޯޝަން ބޯޑު (އެމްޓީޕީބީ) ގެ ޑިރެކްޓަރު ޖެނެރަލް ޑރ. އަބްދުﷲ މައުސޫމް ވިދާޅުވި އެވެ.
ޓޫރިޒަމް މިނިސްޓްރީން ވިދާޅުވި ގޮތުގައި މިދިޔަ މަހު ރާއްޖޭގައި 77 ރިސޯޓާއި ނުވަ ހޮޓާ ހިންގާފައިވާއިރު 17،139 އެނދު އޮޕަރޭޓް ކޮށްފައި ވެއެވެ. އަދި ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ މިދިޔަ މަހު 7.9 ދުވަސް ކޮންމެ ޓޫރިސްޓަކު ވެސް އެވްރެޖްކޮށް ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވާއިރު، ރިސޯޓުތަކާއި ހޮޓާތަކުގެ އެވްރެޖް އޮކިއުޕަންސީ 94.8 ޕަސެންޓުގައި ހިފެހެއްޓިފައިވާ ކަމަށެވެ.
މިހާރު ރާއްޖޭގައި 89 ރިސޯޓާއި ނުވަ ހޮޓާ ރަޖިސްޓްރީކޮށްފައިވާއިރު އެތަންތަނުގައި 18،527 އެނދު އޮޕަރޭޓް ކުރުމަށް ހުއްދަދީފައި ވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ