މުޒާހަރާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުން ދޫކޮށްލައިފި

ސަރުކާރާ ދެކޮޅަށް ޑީއާރުޕީން ރޭ ކުރި މުޒާހަރާގައި، ރައްޔިތުންގެ މަޖިލިހުގެ ތިން މެމްބަރަކާ އެކު، ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެންމެން ރޭ ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
"އުނބަށް ޖެހި ވަޒީރުން"ގެ ނަމުގައި ޖެހިޖެހިގެން ދެވަނަ ރޭ ބޭއްވި އިދިކޮޅު އެއްވުމަށް ފަހު މަގުތަކަށް ނުކުތް މީހުންގެ ތެރެއިން 13 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ޑީއާރުޕީން ބުނެ އެވެ.
ފުލުހުންގެ ސަބް އިންސްޕެކްޓަރު އަހުމަދު ޝިޔާމް ވިދާޅުވިގޮތުގައި މުލީއާގެ ކައިރި އަށާއި ސިފައިންގެ އާއި ފުލުހުސް އޮފީސް ސަރަހައްދަށް އެއްވި މީހުންގެ ތެރެއިން ކިޔަމަން ނުވެގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެންމެން ވެސް ވަނީ "ގެންދިޔަތަކާ މާ ގިނަ އިރުތަކެއް ނުވަނީސް ދޫކޮށްލާފަ" އެވެ. އޭގެ ތެރޭގައި ޑީއާރުޕީގެ މަޖިލިސް މެމްބަރުން ކަމަށްވާ އަހުމަދު މަހުލޫފާއި އަލީ އާރިފާއި ނިހާން ހަސަން މަނިކު ހިމެނެ އެވެ.
މުޒާހަރާގެ ބައިވެރިން މުލިއާގެ ކައިރިއަށް އެއްވަންވެގެން އެހިސާބަށް ދިއުމާ އެކު ޕެޕަ ސްޕްރޭ އާއި ކަރުނަ ގޭސް ޖަހާ ވަނީ ރޫޅާލާފަ އެވެ.
ރޭ ވެސް ހަމަނުޖެހުންތައް ހިނގައި ފުލުހުންނަށާއި އާއްމުންނަށް އަނިޔާ ވެފައިވާ ކަމަށް މަންޒަރު ދުށް ރިޕޯޓަރުން ބުނެ އެވެ. ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއްވި ކަމުގެ ރިޕޯޓެއް ނުލިބެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ