މާލީ ހާލަތު ދަށްވެ، ވަޒީފާތައް ގެއްލެމުންދާ ދަނޑިވަޅެއްގައި އަނެއްކާ ވެސް ވެރިކަމުގެ ނިޒާމުގެ ވާހަކަ ރައީސް ދައްކަވާތީ ސުވާލު އުފެދޭ: ޑ

ދުނިޔޭގެ މާލީ ހާލަތު ގޯސްވެ ރާއްޖެއިން އެތައް ބައެއްގެ ވަޒީފާ ގެއްލި، ބޭސްފަރުވާ ނުކުރެވިގެން އުޅޭ މި ދަނޑިވަޅުގައި އަނެއްކާ ވެސް ވެރިކަމުގެ ނިޒާމެއް ކަނޑައެޅުމުގެ ވާހަކަ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ދައްކަވާތީ ސުވާލު އުފެދޭ ކަމަށް ކުރީގެ ސަރުކާރުގެ ބަންޑާރަ ނާއިބު އަދި ރައީސް ނަޝީދުގެ އެޑްވައިޒަރުކަން ވެސް ކުރެއްވި ގައުމީ ޕާޓީގެ ރައީސް ޑރ. ހަސަން ސައީދު ރޭ ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހާ ބެހޭ ގޮތުން އިނގިރޭސިވިލާތުގެ ކަމާ ބެހޭ ފަރާތްތަކަށް މައުލޫމާތު ދިނުމަށް މިދިޔަ ހަފުތާގައި އެ ގައުމަށް ކުރެއްވި ދަތުރަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޑރ. ހަސަން ވިދާޅުވީ ރާއްޖެ އަށް ބޭނުންވަނީ އިންފާރުން ވަކިވެފައިވާ ރިޔާސީ ނިޒާމެއް ކަމަށް ރައްޔިތުން ވަރަށް ތަނަވަސް އަޣުލަބިއްޔަތުން ކަނޑައަޅާފައިވާއިރު އެއީ ސަރުކާރު ބުނާހާ ގޮތަކަށް ރައްޔިތުންގެ މަޖިލީހުން އަމަލުކުރާ ނިޒާމެއް ނޫން ކަމަށެވެ.
"އެ ނިޒާމު ދިވެހި ރައްޔިތުން ވަރަށް ފުރިހަމަ އަޣުލަބިއްޔަތަކުން ހޯދީ. އެ ނިޒާމު ކަމުނުގޮސްގެން ދިވެހި ރައްޔިތުންނެއް ނޫޅޭ. ދިވެހި ރައްޔިތުން އިންތިހާބުކޮށްފައި ތިބި 77 މެމްބަރުން އެ ނިޒާމު ކަމުނުގޮސްގެން ނޫޅޭ. އެ ނިޒާމު ކަމުނުގޮސްގެން މި އުޅެނީ އެންމެ ބޭފުޅެއް. އެއީ ރައީސުލްޖުމްހޫރިއްޔާ،" ދި ޓީވީ ސްޓޫޑިއޯގައި ބޭއްވި ނިއުސް ކޮންފަރެންސްގައި ޑރ. ހަސަން ވިދާޅުވި އެވެ. "އެ މަނިކުފާނު މަގާމަށް ވަޑައިގެންނެވީ ދިވެހި ރައްޔިތުންގެ ވަރަށް ފުރިހަމަ އަޣުލަބިއްޔަތުން ފާސްކޮށްފައި އޮތް ގާނޫނު އަސާސީއެއްގެ ދަށުގައި އޮތް ރިޔާސީ ނިޒާމެއްގެ ދަށުން. އެ މަނިކުފާނަށް މިހާރު އެ ހަޖަމު ނުކުރެވިގެން އުޅެނީ."
ޑރ. ހަސަން ވިދާޅުވީ ރާއްޖޭގައި މި ވަގުތު ސައްހަ ވަޒީރުންގެ މަޖިލީހެއް ނެތް ކަމަށާއި ރައްޔިތުންގެ މަޖިލީސް އޮތީ ހުއްޓިފައި ކަމަށާއި އެކަމަކު މި ދަނޑިވަޅުގައި 80 ނުވަތަ 100 މިލިއަން ރުފިޔާ ހޭދަކޮށްގެން ސަރުކާރުން ވިސްނަނީ ނިޒާމު ބަދަލު ކުރުމަށް ކަމަށެވެ.
ރާއްޖޭގެ ސިޔާސީ ހާލަތު އިނގިރޭސިވިލާތުގެ ކަމާ ބެހޭ ފަރާތްތަކަށް ދިނުމަށް ކުރެއްވި ދަތުރާ ބެހޭ ގޮތުން ގައުމީ ޕާޓީން ބުނީ އެއީ ވަރަށް ކާމިޔާބު ދަތުރެއް ކަމަށާއި ރާއްޖޭގެ ސިޔާސީ މަސްރަހު ފިނި ކުރުމަށް އެ ފަރާތްތަކުގެ އެހީ ލިބޭނެ ކަމުގެ ޔަގީންކަން ބޮޑު ކަމަށެވެ.
ގައުމީ ޕާޓީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ ގައުމުތަކުން ތާއީދުކުރަނީ ވަކި މީހަކަށް ބަލައިގެން ނޫން ކަމަށާއި ބަލަނީ އިސްލާހީ މަސައްކަތްތަކާއި ޑިމޮކްރެސީގެ މަސައްކަތްތަކަށް ކަމަށެވެ.
"ހުޅަނގުގެ ތަހުޒީބުގައި އަދި މި ޒަމާނުގެ ޑިމޮކްރެސީގައި އެއްވެސް ނިޒާމެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން މީހުން ހިފައި ހައްޔަރުކޮށް މިލިޓަރީ ފޮނުވައިގެން ޓޭންކް ފޮނުވައިގެން ގާނޫނީ އިމުން މީހުން ހައްޔަރު ކުރުމަކީ. މި ޒަމާނުގެ ނިޒާމުގައި ގައުމުގެ ސަރުކާރުން މީޑިއާ ކޮންޓްރޯލްކޮށްގެން ގެންގުޅުމަކީ ބަލައިގަނެވޭނެ ކަންތައްތަކެއް ނޫން. މި ޒަމާނުގެ ތަހުޒީބީ އަމަލެއް ނޫން އެއީ. އަދި އެއްވެސް ޒަމާނެއްގައި ތަހުޒީބުގެ ކަންތައްތަކުގައި ނުހިމެނޭ ޝަރުއީ ދާއިރާއަށް ބިރު ދައްކައި، ފަނޑިޔާރުންނަށް ބިރު ދައްކައި އެ މީހުންގެ މުސްތަގިއްލުކަން ނަގާލުމަކީ،" ކުރީގެ ސަރުކާރުގެ ޖަސްޓިސް މިނިސްޓަރުކަން އަދި މި ސަރުކާރުގެ ކޮމިއުނިކޭޝަން މިނިސްޓަރުކަން ކުރައްވާފައިވާ ޑރ. ޖަމީލް ވިދާޅުވި އެވެ. "އެ ބޭފުޅުން ]އިނގިރޭސިވިލާތުގެ ކަމާ ބެހޭ ބޭފުޅުން[ ވިދާޅުވީ ހަމަ ހަގީގަތުގައި ވެސް ތިމަންނާމެން ކަންބޮޑުވެ ތިމަންނާމެން އަންތަރީސް ވެއްޖެއޭ އެމްނެސްޓީ އިންޓަނޭޝަނަލްގެ ޕްރިޒަނާ އޮފް ކޮންޝަންސްގެ މަގާމުގައި ހުންނެވި ބޭފުޅަކު ތިމަންނަމެން އުއްމީދު ކުރީމޭ އެފަދަ ބޭފުޅަކު ވަޑައިގެންފައި ތިޔަ ފަދަ ކަންތައް ނުކުރާނެ ކަމަށް."
ޑރ. ހަސަނާއި ޑރ. ޖަމީލް ވިދާޅުވީ މިހާރު އިނގިރޭސިވިލާތުގައި ވެރިކަން ކުރަނީ އެމްޑީޕީއާ ވަރަށް ގާތްގުޅުމެއް އޮތް ބޭފުޅުންގެ ސަރުކާރަކުން ކަމުގައި ވިޔަސް ރާއްޖޭގެ ސިޔާސީ މަސްރަހުގެ މައުލޫމާތު އެ ފަރާތްތަކަށް ދިނުމުން ކަންބޮޑުވުން ފާޅުކުރި ކަމަށެވެ. އަދި ރައީސް ނަޝީދު އިދިކޮޅު ލީޑަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ދުވަސްވަރު ރާއްޖެ ވަޑައިގެންނެވި ބޭފުޅަކާ ބައްދަލު ކުރެއްވުމުން އޭނާ ދެއްކެވި ބައެއް ވާހަކަތައް ޑރ. ހަސަން ނޫސްވެރިންނާ ހިއްސާ ކުރެއްވި އެވެ.
"އެ ބޭފުޅާ ވިދާޅުވީ ތިމަން މަނިކުފާނު މިހާރު ވަނީ ތިމަން މަނިކުފާނުގެ ހަޔާތާ ބެހޭ ގޮތުން ފޮތެއް ލިޔުއްވާފައި ޗާޕަށް ފޮނުއްވާފައޭ. އަދި ޗާޕްވި ކަމެއް ނޭނގެއޭ. އެހެން ނަމަވެސް މިއަދު އަޅުގަނޑުމެންގެ ފަރާތުން މި ލިބުނު މައުލޫމާތުގެ އަލީގައި ތިމަންނަ ވަރަށް ކަންބޮޑުވެއްޖެއޭ ތިމަންނަ ބޭނުމޭ މިއަދުން މިއަދަށް ވެސް ގުޅާފައި އެ ފޮތް ޗާޕްވެއްޖެތޯ ނޫންތޯ ބަލަން. ]ޗާޕް[ ނުވަންޏާ ތިމަންނަ ބޭނުމޭ ދިވެހިރާއްޖޭގައި އެ މަނިކުފާނު ކުރެއްވި ކަންތައްތަކާއި ނަޝީދާ ބެހޭ ގޮތުން އެ މަނިކުފާނު ކުރެއްވި ތަސައްވުރުގެ ކަންތައް، އެ ބައި އުނިކުރަން. އެ ބައި އުނިކުރެވޭތޯ ތިމަންނަ މިހާރުން މިހާރަށް މަސައްކަތް ކުރަން ބޭނުމޭ. އެހާ ބޮޑަށް މާޔޫސް ވެއްޖެ،" ޑރ. ހަސަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަހާ ބެހޭ ގޮތުން ބޭރުގެ ފަރާތްތައް މިހާރު ވަނީ ވަރަށް ބޮޑަށް މާޔޫސްވެފައި ކަމަށެވެ. އަދި މަޖިލީހުގެ އެއްބާރުލުން ނުލިބޭ ކަމަށް ބުނެ ހުރިހާ ވަޒީރުން އެއްފަހަރާ އިސްތިއުފާ ދެއްވުމާއި ކަންތައްތައް ނުވުމުން ސަރުކާރުން ނުކުމެ އިހުތިޖާޖު ކުރުން ފަދަ ކަންތައްތައް އެ ބޭފުޅުން ގަބޫލު ނުކުރައްވާ ކަމަށް ވެސް ޑރ. ޖަމީލް ވިދާޅުވި އެވެ.
"ހައުސް އޮފް ލޯޑްސް އަދި ހައުސް އޮފް ކޮމަންސްގެ ބައެއް ބޭފުޅުންނާ ބައްދަލު ކުރިއިރު އަޅުގަނޑު ދެ މިސާލެއް އެ ބޭފުޅުންނާ ހިއްސާ ކުރިން. ފުރަތަމަ އެއްޗަކަށް އަޅުގަނޑު ހިއްސާ ކޮށްލީ ރައްޔިތުންގެ މަޖިލީހުން މާލިއްޔަތު ގާނޫނު ފާސްކުރިތާ ދެ ތިން ގަޑިއިރު ތެރޭގައި ސަރުކާރުން އެއާޕޯޓް ބޭރުގެ ފަރާތަކަށް 25 އަހަރު ކުއްޔަށް ދިނުން. އެކަން ހުއްޓުވުމަށްޓަކައި ގާނޫނެއް ފާސްކުރިތާ ދެ ތިން ގަޑިއިރު ތެރޭގައި ސޮއިކުރި ކުރުން އެއީ އެ ބޭފުޅުން ތަސައްވުރަށް ވެސް ގެނެވުނު ކަމެއް ނޫން. އެ ބޭފުޅުންގެ ތަސައްވުރަށް ވެސް ނާދޭ އިނގިރޭސިވިލާތުގައި އެފަދަ ކަމެއް ހިނގާފާނެއޭ އަދި ދުނިޔޭގެ އެހެން ފަދަ ގައުމެއްގައި ވެސް ހިނގާފާނެ ކަމަކަށް،" ޑރ. ހަސަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދައުލަތުގެ މީޑިއާ މިނިވަން ކުރުމަށްޓަކައި ގާނޫނެއް ފާސްކުރުމުން ސަރުކާރުން އެއާ އިދިކޮޅަށް ކަންތައް ކުރުމުން ވެސް އިނގިރޭސިވިލާތުގެ ކަމާ ބެހޭ ބޭފުޅުން ހައިރާންވެ ވަޑައިގެންނެވި ކަމަށެވެ.
"މިހިރީ ތަހުޒީބީ މުޖުތަމައެއްގައި އެ ބޭފުޅުން ދެކިލައްވާ ގޮތުގައި ވާނެ ކަންތައްތަކެއް ނޫން. ބަރުމާގައި ވެދާނެ، ނޯތު ކޮރެއާގައި ވެދާނެ. ފަހަރެއްގައި ސޯމާލިއާ ފަދަ، ސަރުކާރެއް ވުޖޫދުގައި ނެތް ތަންތާނގައި ވެދާނެ. އެކަމަކު ތަހުޒީބީ މުޖުތަމައުގައި މިކަން ވެދާނެ ކަމަކަށް ތަސައްވުރެއް ވެސް ނުކުރެވުނު،" ޑރ. ހަސަން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ