ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ: ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސާއި ނާއިބު ރައީސާއި މެމްބަރުންގެ އުޖޫރަ ފާސްކުރައްވައިފި

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް ރައީސާއި ނާއިބު ރައީސް އަދި މެމްބަރުންގެ އުޖޫރަ މިއަދު ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފި އެވެ.
ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސަށް ދެއްވުމަށް މަޖިލީހުން ފާސްކުރެއްވި މުސާރަ އަކީ މަހަކު 23،000ރ. އެވެ. ނާއިބު ރައީސްގެ މުސާރައަކީ މަހަކު 20،500 ރ. އެވެ. މެމްބަރުންގެ މުސާރައަކީ މަހަކު 18،000 ރ. އެވެ. އަދި ކޮމިޝަންގެ ރައީސާއި ނާއިބު ރައީސް އަދި ކޮންމެ މެމްބަރަކަށް ވެސް އިނާޔަތުގެ ގޮތުގައި މަހަކު 2،000ރ. ދިނުމަށް ވެސް މަޖިލީހުން ފާސްކުރެއްވި އެވެ. މިއަދު ފާސްކުރެއްވި އެ އުޖޫރައަކީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދިރާސާކުރެއްވުމަށް ފަހު މިއަދުގެ ޖަލްސާ އަށް ހުށަހެޅުއްވި އުޖޫރަ އެވެ.
މާލިއްޔަތު ކޮމިޓީން ހުށަހެޅުއްވި ގޮތަށް ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސާއި ނާއިބު ރައީސް އަދި މެމްބަރުންގެ އުޖޫރަ ފާސްކުރެއްވުމަށް ހުށަހެޅުއްވީ ތ. އަތޮޅު މެމްބަރު މުހައްމަދު ޝަރީފެވެ. ތާއިދު ކުރެއްވީ ފުވައްމުލަކު މެމްބަރު މުހައްމަދު އިބްރާހީމް ދީދީ އެވެ. ހާޒިރުވެ ތިއްބެވި 33 މެމްބަރުންގެ ތެރެއިން އެ ހުށަހެޅުމަށް 31 މެމްބަރުން ތާއިދުކުރެއްވި އެވެ. ފެނިވަޑައިނުގަންނަވާ ކަމަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވަ އެވެ. ނަމަވެސް ވޯޓުގައި ބައިވެރިވެވަޑައިނުގެން ދެ މެމްބަރަކު ތިއްބެވި ކަމަށް ރިޔާސަތުން ވިދާޅުވި އެވެ.
މާލިއްޔަތު ކޮމިޓީގެ މުގައްރިރު އަދި މާލޭ މެމްބަރު މުހައްމަދު ޝިހާބު ވިދާޅުވީ ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސާއި ނާއިބު ރައީސް އަދި މެމްބަރުންގެ މުސާރަ ކަނޑައެޅުއްވުމުގައި ބައްލަވާފައިވަނީ ސްޓޭޓް މިނިސްޓަރަކަށް ދެއްވާ މުސާރަ އާއި އިނާޔަތްތަކަށާއި މިނިސްޓަރެއްގެ ނާއިބަށް ދެއްވާ މުސާރަ އާއި އިނާޔަތްތަކަށް ކަމަށެވެ. މުސާރާ ކަނޑައެޅުއްވުމުގައި މަޖިލީހުގެ މެމްބަރުން ފާޅުކުރެއްވި ހިޔާލުތަކަށް ވެސް ބެއްލެވި ކަމަށް މާލިއްޔަތާ ބެހޭ ކޮމިޓީގެ ރިޕޯޓްގައިވެ އެވެ.
ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސާއި ނާއިބު ރައީސް އަދި މެމްބަރުން ގާނޫނުގައިވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރެއްވީ އިއްޔެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ