ރައްޔިތުން ވޯޓު ދިނީ ކޯލިޝަނަށް، ކޯލިޝަން ދެމި އޮންނާނެ: ޝާހިދު

ކޯލިޝަން ދެމި އޮންނާނޭ ކަމުގެ ޔަޤީންކަން އެބަ އޮތް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އިންޑިއާގެ ދަ ހިންދޫ ނޫހުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޝާހިދު ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކޯލިޝަންގެ ތެރޭގައި ހިޔާލު ތަފާތުވުން އެބަހުރި ކަމަށެވެ. އެކަމަކު ކޯލިޝަންތައް ހިންގުމުގައި މާޒީން ފިލާވަޅު ލިބިގަންނަން ޖެހޭ ކަމަށާއި، ކުރިން ކަންކަން ދިމާވި ގޮތަށް ވިސްނާ މި ކޯލިޝަން ދެމެހެއްޓޭނޭ ޝާހިދު ވިދާޅުވިއެވެ.
ސަރުކާރުގެ އަމާޒު ހުރީ ފަސް އަހަރުގެ ދައުރު ނިމެންދެން ކޯލިޝަން ދެމެހެއްޓުންކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރައްޔިތުން ނިކުމެ އެމްޑީޕީއަށް ބޮޑު މެޖޯރިޓީއެއް ދިން ކަމަށާއި، އެކަމަކު ރައީސް ސޯލިހްގެ ވިސްނުންފުޅު ހުރީ އެއް ޕާޓީއާއި އެކު ސަރުކާރު ހިންގުމަށް ނޫން ކަމަށް ޝާހިދު ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބުގައި ރައްޔިތުން ބޮޑު މެޖޯރިޓިއެއް ގުޅިފައިވާ ސިޔާސީ ޕާޓީތަަކަށް ދިން އިރު، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ހަމައިން އެމްޑީޕީއާއި ޖޭޕީ އާއި ދެމެދު ބޮޑެތި ހިޔާލު ތަފާތުވުންތަކެއް އުފެދުނެވެ.
މަޖިލިސް އިންތިހާބުގައި ކޯލިޝަންގެ ޕާޓީތަކުން ވާދަކޮށްފައިވަނީ ވަކި ވަކިންނެވެ. އެމްޑީޕީން ވަނީ އިންތިހާބުގައި ސުޕާ މެޖޯރިޓީއެއް ހޯދާ 65 ގޮނޑި ކާމިޔާބު ކޮށްފައެވެ. ކޯލިޝަންގައި ހިމެނޭ ޖޭޕީއަށް ފަސް ގޮނޑި ލިބުނު އިރު ރައީސް މައުމޫންގެ ތާއީދާއި އެކު ނިކުންނެވި ކެންޑިޑޭޓުންގެ ތެރެއިން އިންތިހާބު ކާމިޔާބު ކުރައްވާފައިވަނީ އެންމެ ބޭފުޅެކެވެ. އޭގެ އިތުރުން އަދާލަތު ޕާޓީއަށް އަށް އެއްވެސް ގޮނޑިއެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ