ޔާމީން ސަރުކާރުން ރައްޔިތުންނަށް ގެނެސްދިނީ މަނީ ލޯންޑަރިންގެ ފިކުރާއި، ވައްކަމުގެ ފިކުރު: ނާދިރާ

ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ ފަސްއަހަރު ފާއިތުވެގެންދިޔައިރު ދިވެހި ރައްޔިތުންނަށް ގެނެސްދެއްވި ފިކުރަކީ މަނީ ލޯންޑަރިންގެ ފިކުރާއި، ވައްކަމުގެ ފިކުރު ކަމަށް މައުމޫން ރިފޯމް މޫވްމެންޓް (އެމްއާރުއެމް)ގެ އިސް ހަރަކާތްތެރިއާ އަދި ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ގަލޮޅު ދެކުނުދާއިރާއަށް  ވާދަކުރައްވާ އާމިނަތު ނާދިރާ ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީން ގެނެސްދޭ ”ހަބަރަށްފަހު“ ޕްރޮގްރާގްގައި ރޭ ވާހަކަދައްކަމުން ނާދިރާ ވިދާޅުވީ ޔާމީން ގެންނެވި ތަރައްގީގެ ފިކުރެއް ޖަލަށް ނުލެވޭނެ ކަމަށް ޕްރޮގްރެސިވް ކޯލިޝަނުގެ އިސް ފަރާތްތަކުން ވާހަކަދައްކާއިރު މިދިޔަ ފަސް އަހަރު ނިމުނުއިރު ރައީސް ޔާމީންގެ ސަރުކާރުން ރައްޔިތުންނަށް ގެނެސްދިނީ ވައްކަމާއި މަނީ ލޯންޑަރިން އާއި އަނިޔާވެރިކަމުގެ ފިކުރުކަމަށެވެ.
ނާދިރާ ވިދާޅުވީ ޔާމީންގެ ތަރައްގީގެ ފިކުރުގެ ވާހަކަދައްކާއިރު ފަސްއަހަރުގެ ސަރުކާރެއް ނިމުނުއިރު ހުރިހާ ކުންފުނިތަކެއް ހުރީ ބަނގުރޫޓު ކޮށްލާފައިކަމަށާއި،  ފައިސާގެ އަދަދެއް ރަނގަޅަށް އޮތް އެންމެ ކުންފުންޏެއް ވެސް ނެތް ކަމަށެވެ.
އަދި އާސަންދަ އަށް އެދި ހުށަހަޅާ މީހުންނަށް އާސަންދަ ވެސް ނުލިބޭ ކަމަށާއި ކިޔުގައި ޖެހިގެން އައިސް މީހާ މަރުވާއިރު ވެސް އެޕޮއިންޓްމެންޓެއް ވެސް ނުލިބޭ ކަމަށް ނާދިރާ ވިދާޅުވިއެވެ. މީގެއިތުރުން އެއާޕޯޓުތަކެއް އަޅާ ވާހަކަދެއްކިއިރު ރަނގަޅު ޕްލޭންތަކެއް ހެދިގެން ކުރެވުނު އެއްވެސް މަސައްކަތެއް ނެތްކަމަށްވެސް  ނާދިރާ ވިދާޅުވިއެވެ.
”މަނީ ލޯންޑަރިން އަކީ މި ގައުމުގައި ފިކުރެއް ނޫން. ވައްކަމާއި އަނިޔާވެރިވުމަކީ ފިކުރެއް ނޫން. އެއީ ފިކުރެއް ކަމަށްވާނަމަ އެ ބޭފުޅުން އެ ވިދާޅުވާ ފުރަތަމަ ފިކުރު އޮތީ ޖަލުގައި. ދެން މަޑުމަޑުން އަންނަނީ އެ ފިކުރާ ގުޅުންހުރި ފިކުރުތައް. މި ހުރިހާ ކަމެއް މި ގައުމުން ފޮހެވެންޖެހޭ“ ނާދިރާ ވިދާޅުވިއެވެ.
ރޭގެ ޕްރޮގްރާމްގައި ވާހަކަދައްކަމުން ނާދިރާ ވިދާޅުވީ ވައްކަމާއި މަނީ ލޯންޑަރިން އާއި އަނިޔާވެރިކަމުގެ ފިކުރު ރާއްޖޭގައި ނުހިންގޭނެކަން ރައްޔިތުން ސާބިތުކޮށްދީފައިވާ ކަމަށާއި، ރައްޔިތުން ބޭނުންވަނީ އިސްލާމީ ގައުމެއްގެ ގޮތުގައި މިގައުމު ބިނާކޮށް ރައްޔިތުންނަށް ފައިދާކުރަނިވި ކަންތައްތަކެއް ކުރާ ފިކުރެއް ކަމަށް ވެސް ނާދިރާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ