ވޯޓުކަރުދާސް ޗާޕުކުރަން ދީފި، ދެން ނަން އަނބުރާ ނުގެންދެވޭނެ

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިޔުމުގެ ފުރުސަތު މިއަދުން ފެށިގެން ނުދިނުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިރޭ ކުރި ޓްވީޓެއްގައި ބުނީ މަޖިލީހުގެ އިންތިހާބުގެ ވޯޓު ކަރުދާސް ޗާޕުކުރުމަށް މިއަދު ހަވާލުކޮށްފައިވާ ކަމަށެވެ. އެހެންކަމުން ނަން އަނބުރާ ގެންދިޔުމުގެ ފުރުސަތު ދެން ނުދޭނެ ކަމަށް އިލެކްޝަނުން ވަނީ ބުނެފައެވެ.
އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ބައެއް ކެންޑިޑޭޓުންގެ ނަންތައް ވަނީ އަނބުރާ ގެންގޮސްފައެވެ. އެގޮތުން މިއަދު ވަނީ ގެމަނަފުށި ދާއިރާއަށް ލޭބަރ ޕާޓީގެ ފަރާތުން ކުރިމަތިލި، މުހައްމަދު އިލްހާމްގެ ނަން އަނބުރާ ގެންދިޔުމަށް ހުށަހަޅާފައެވެ. އަދި އިލެކްޝަނުން ވަނީ އެ ނިންމުން ބަލައިގަނެފައެވެ.
މީގެކުރީންވެސް ނަން އަނބުރާ ގެންދިޔުމަށް ބައެއް ކެންޑިޑޭޓުން ހުށަހަޅާފައިވާއިރު ދެ ބޭފުޅެއްގެ ނަން އަނބުރާ ގެންދިޔުން ވަނީ ކުރީން އިލެކްޝަނުން ބަލައިގަނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ