މަޖިލިސް ރައީސް ހޮވުމުގައި ޕީޕީއެމް ޕީއެންސީގެ ވޯޓެއް ބޭނުމެއް ނޫން - މަހުލޫފް

އެމްޑީޕީން މަޖިލިސް ރައީސް ހޮވުމުގައި ޕީޕީއެމް އާއި ޕީއެންސީގެ ވޯޓު ބޭނުން ނުވާ ކަމަށް މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯރޓްސް އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.
19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ހޮވާނެ ބޭފުޅަކާ މެދު ޚިޔާލުތަފާތުވުންތަކެއް އުފދިފައިވަނިކޮށް މަހުލޫފް މިއަދު ކުރި ޓުވީޓެއްގައި ވިދާޅުވީ ވަކި މީހަކަށް ތާއީދު ކުރުމާއި ނުކުރުމަކީ މައްސަލައެއް ނޫން ކަމަށާއި އެމްޑީޕީން ވަނީ ތަފާތު ޚިޔާލުތަކަށް ޖާގަ ދިނުމަށް ދިވެހިންނަށް ދަސްކޮށްދީފައި ކަމަށެވެ.
މަހުލޫފު އެހެން ވިދާޅުވެފައިވާއިރު، ޕީޕީއެމް އާއި ޕީއެންސީން އިން މަޖިލިސް ރައީސް ކަމަށް ތާއީދު ކުރާނީ ވިލުފުށީ ދާއިރާއަށް އިންތިޚާބުވެ ވަޑައިގެންނެވި ހަސަން އަފީފަށް ކަމަށް ޕީއެންސީގެ ނައިބު ރައީސް އަހުމަދު ނިހާން ހުސެއިން މަނިކު ވަނީ ވިދާޅުވެފައެވެ.
މަހުލޫފު ކުރެއްވި މި ޓްވީޓުގައި އިތުރަށް ވިދާޅުވީ، ރައީސް އިބްރާހިމް ސޯލިހާއި، ރައީސް ނަޝީދުގެ ޚިޔާލުފުޅު ވެސް ތަފާތުވެދާނެ ކަމަށެވެ.
"މިއީ އެއް ބަޔަކު އަނެއް ބަޔަކަށް "ވަގަށް" ގޮވަން ޖެހޭ ކަމެއް ނޫން " މަހުލޫފް ވިދާޅުވިއެވެ.
މަޖިލީހުގެ ރައީސް ކަމަށް ރައީސް ނަޝީދު ވިދާޅުވެފައި ވަނީ އެމަނިކުފާނު އެންމެ ބޭނުންފުޅުވަނީ އަސްލަމް ވަޑައިގެންނެވުމަށް ކަމަށެވެ. އަދި މަޖިލީހުގެ ރައީސް ކަމަށް އެންމެ އެކަށީގެންވާ އެއް ބޭފުޅަކީ އަފީފު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައެވެ.
މަޖިލީހުގެ ރައީސް ކަމަށް ޝައުގުވެރިކަން ފާޅުކުރެއްވި އެމްޑީޕީގެ ފަސް ބޭފުޅުންގެ ތެރޭގައި އައްޑޫ ހިތަދޫ ދާއިރާގެ މެންބަރު މުހައްމަދު އަސްލަމާއި އަފީފުގެ އިތުރުން ހިމެނެނީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމާއި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމުގެ އިތުރުން މަރަދޫ ދާއިރާގެ މެމްބަރު މަވޯޓާ ޝަރީފު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ