ފައިނަލުގެ އަނެއް ޖާގަ ގޮއިދުއަށް

ބ. ފުޓްބޯލް ޗެލެންޖު 2019 ގެ ސެމީ ފައިނަލް ދެވަނަ މެޗުގައި މިއަދު ހަވީރު 5-2 އިން ބ. ކެންދޫ ބަލިކޮށް ފައިނަލުގެ ދެވަނަ ޖާގަ ބ. ގޮއިދޫ ހޯދައިފި އެވެ.
ފައިނަލަށް ގޮއިދޫ ދަތުރުކުރީ މިއަދު ހަވީރު އޭދަފުށީ ޓާފް ދަނޑުގައި ކުޅުނު މެޗު 5-2 އިން ކާމިޔާބު ކޮށްގެންނެވެ.
މިއަދުގެ މެޗުގެ ފުރަތަމަ ގޯލު އަށްވަނަ މިނެޓުގައި ޖެހީ ގޮއިދޫ ޓީމުގެ ޝަމްއޫން ޖަމީލެވެ. އޭގެ ތިންމިނެޓު ފަހުން ގޮއިދުއަށް ލިބުނު ޕެނަލްޓީއަކުން އާދަމް ނިޒާމް ވަނީ އެޓީމަށް ލީޑު ފުޅާކޮށްދީފަ އެވެ.
ގޮއިދޫ ދެ ގޯލުގެ ލީޑެއްގައި އޮއްވައި ކެންދޫގެ މުހައްމަދު އީޖާޒް ޖެހި ގޯލުން އެޓީމުން ވަނީ ފަރަގު ކުޑަކޮށްފައެވެ.
މެޗުގެ ދެވަނަ ހާފު ފެށިގެން ތިންވަނަ މިނެޓުގައި ގޮއިދޫގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދިނީ އާދަމް ހަލީލެވެ. އޭގެފަހުން ގޮއިދޫގެ އާދަމް ނިޒާމް ވަނީ އިތުރު ދެގޯލު ޖަހައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ.
މިއީ މުބާރާތުގައި އޭނާ ހެދި ތިންވަނަ ހެޓްރިކެވެ. މިމެޗުގައި ކެންދޫގެ ދެވަނަ ގޯލު އިތުރު ވަގުތުގައި ޖެހީ އަލީ ޝާއިން އެވެ.
މުބާރާތުގެ ފައިނަލަށް ގޮއިދޫ ދަތުރުކުރިއިރު، ފައިނަލްގައި ގޮއިދޫ ނުކުންނާނީ މުބާރާތް ބާއްވާ އޭދަފުއްޓާ ދެކޮޅަށެވެ. ފައިނަލް މެޗު ކުޅޭނީ އަންނަ ހޮނިހިރު ދުވަހު ހަވީރު އެވެ.
ފޯ ސީޒަން ލަނޑާގިރާވަރު ރިސޯޓުން އޭދަފުށީ ވެސްޓް ވިންގްސް ޖަމިއްޔާ އާއި ގުޅިގެން ކުރިއަށްގެންދާ މި މުބާރާތުގައި ބ. އަތޮޅުގެ 11 ރަށަކުން ވާދަކުރެއެވެ. މިއީ ބ. އަތޮޅަށް ހުޅުވާލައިގެން ރިސޯޓަކުން ބާއްވާ ފުރަތަމަ ފުޓްބޯޅަ މުބާރާތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ