ޝިލްޕާގެ ފިރިމީހާގެ އެކައުންޓްތައް ފްރީޒް ކޮށްފި

ބަރަހަނާ ފިލްމުތައް އުފައްދާ މޯބައިލް އެޕްލިކޭޝަންތަކާއި އޮންލައިންކޮށް ވިއްކަމުންދިޔަ މަޝްހޫރު ފިލްމީ ތަރި ޝިލްޕާ ޝެއްޓީގެ ފިރިމީހާ ރާޖް ކުންދްރާއާއި ގުޅުންހުރި އެކައުންޓް ތަކަކުން 7.5 ކްރޯޑް ރުޕީސް ފްރީޒް ކޮށްފިއެވެ.
ރާޖްއާއި އޭނާއެކު މަސައްކަތްް ކުރި ކަމަށް ބެލެވޭ ފަރާތްތަކަށް އުފެއްދި ކޮންމެ ބަރަހަނާ ފިލްމަކަށް 5 ލައްކަ ރުޕީސް ލިިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ. މި މައްސަލައިގާ އޭނާ ހައްޔަރުކޮށް ކޯޓަށް ހުށަހެޅުމުން ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓާ ތަހުގީގް ކުރިޔަށް ގެންދިޔުމަށް އަމުރުކޮށްފައެވެ.
މުމްބާއީގެ ފުލުހުން ވަނީ ރާޖްއަކީ މި ފަހަރު ފުލުހުން ހޯދި ބަރަހަނާ ފިލްމުގެ ވިޔަފާރިކުރާ ކަމަށް ބެލެވޭ ވިއުގައިގެ މައި ތަޅުދަނޑި ކަމަށް ބުނެފައެވެ. ފުލުހުން ބުނެފައިވާ ގޮތުގައި ރާޖް މި ވިޔަފާރި ކުރަމުން ގޮސްފައިވަނީ އެޕަލް އަދި ގޫގުލް ޕްލޭ ސްޓޯރުން ހިލޭ ޑައުންލޯޑް ކުރެވެން ހުންނަ "ހޮޓްސްޕޮޓް" ކިޔާ އެޕްލިކޭޝަނެއް މެދުވެރިކޮށް ކަމަށެވެ.
ރާޖް ބުނެފައިވަނީ އޭނާ ވަނީ 2019 ވަނަ އަހަރު 25000 ޑޮލަރަށް އެ އެޕްލިކޭޝަން ވިއްކާފައި ކަމަށެވެ. އެހެން ނަމަވެސް ކްރައިމް ބްރާންޗުން ބުނެފައިވާ ގޮތުގައި ރާޖްއަދި ޔޫކޭގައި ހުންނަ އޭނާގެ ޅިއަނަކު އެ އެޕްލިކޭޝަންގައި އެކުގައި މަސައްކަތް ކޮށްފައިވެއެވެ. މި ވިޔަފާރީގައި ރާޖްއަށް އާއިލާގެ ފަރާތުން އެންމެ ބޮޑަށް އެހީތެރިވެ ދީފައިވަނީ އޭނާގެ ޅިއަނު ޕްރަދީޕް ބަކްޝީއެވެ.
ރާޖްގެ ދައްތަގެ ފިރިމީހާއަކީ ލަންޑަންގެ ކެންރިން ލިމިޓެޑްގެ ޗެއާމަންއެވެ. އަދި ރާޖްއަކީ ވިއާން އިންޑަސްޓްރީޒް ލިމިޓެޑްގެ ވެރިޔާއެވެ. މި ހޮޓްސްޕޮޓް އެޕްލިކޭޝަނަކީ މި ދެ ކުންފުނިން ބައިވެގެން އުފެއްދި އެޕްލިކޭޝަނެކެވެ.
ރާޖްގެ އިތުރުން އޭނާގެ އައިޓީ ބަލަހައްޓާ ފަރާތް ކަމަށްވާ އާރްޔަން ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މުމްބާއީ މެޖިސްޓްރޭޓް ކޯޓުން ވަނީ މި ދެމީހުން ޖުލައި 23ގެ ނިޔަލަށް ފުލުހުންގެ ބެލުމުގެ ދަށުގައި ބައިތިއްބައިގެން ތަހުގީގް ކުރުމުގެ އަމުރު ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ