ނަޝީދަށް ދިން ހަމަލާއަށް ބަޔަކު ފަންޑުކުރި ކަމަކަށް ނުބެލެވޭ

ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މޭ މަހުގެ ހަވަނަ ދުވަހު ދިން ޓެރަރިސްޓް ހަމަލާއަކީ ބަޔަކު ދުރާލާ ފަންޑުކޮށްގެން ދީފައިވާ ހަމަލާއެއް ކަމަށް ތަހުގީގަށް މިހާތަނަށް ފާހަގަވެފައި ނުވާ ކަމަށް ފުލުހުން ބުނެފި އެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާކުރަން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ ޓެރަރިޒަމްގެ މައްސަލަތަކަށް ބަލާއިރު ފަންޑުކުރުމަށް ދެގޮތަކަށް އަމަލުކުރާ ކަމަށެވެ. އެއްގޮތަކީ ހަމަލާއަށް ފެސިލިޓޭޓް ކުރުމަށް ހަރަދުކުރުމެވެ. ދެވަނަ ގޮތަކީ ހަމަލާ ދިނުމަށް އެހެން ފަރާތަކުން އެފަރާތަށް އިނާމެއްގެ ގޮތުގައި ފައިސާދިނުން ކަމަށެވެ.
ރިޔާޒު ވިދާޅުވީ ރައީސް ނަޝީދަށް ހަމަލާދޭން އައިއީޑީ ހަރުކޮށް ގޮއްވައިލި ސައިކަލަކީ 2019 ވަނަ އަހަރު 18،000ރ. އަށް ގަތް ސައިކަލެއް ކަމަށެވެ. ހުޅުމާލެ ގަރާޖަކުން ހަމަލާއަށް ސައިކަލު ތައްޔާރުކުރުމުގެ ގޮތުން ސާވިސްކުރި ކަމަށް ވިދާޅުވި އެވެ. ބޮން ހެދުމަށް ވަކި އެޕާޓްމެންޓެއް ކުއްޔަށް ހިފާފައި ހުރި ކަމަށާއި އެކަމަށް ވެސް ފައިސާ ހަރަދުކޮށްފައިވާ ކަމަށެވެ.
މި ހަމަލާއާއި ގުޅިގެން މިހާތަނަށް 317 އަށްވުރެ ގިނަ ބެންކް ސްޓޭޓްމެންޓްތަކާއި އަދި މިފަރާތްތަކާ ގުޅުންހުރި އާއިލާ މީހުންނާއި ރައްޓެހިންގެ އިތުރުން ގާތްމީހުންގެ ބެންކް ސްޓޭޓްމެންޓްތައް ވެސް ހަމަލާއާއި އެއްވެސް ގޮތަކަށް ގުޅުން އޮތްތޯ ބެލުމަށް އެނަލައިޒް ކޮށްފައިވާނެ ކަމަށެ ވިދާޅުވި އެވެ.
"...އަދި އައިއީޑީއަށް ބޭނުންވާ އެކިއެކި ކޮންޕޮނެންޓްސް ގަތުމަށްޓަކައި ހަރަދުގެ އަންދާޒާއެއްވެސް ކުރެވިފަވަނީ. މިމައްސަލައިގަ އުޅޭ މީހުންގެ މޫވްމެންޓްސްތަކަށް ބަލާއިރު އެކަންކަމަށްވެސް ހަރަދުތަކެއް ކޮށްފައި ހުރިކަމަށާ ގެސްޓްހައުސްތަކަށް ވެސް ހަރަދުކޮށްފަ ހުރިކަން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ،" ރިޔާޒު ވިދާޅުވި އެވެ.
ރިޔާޒު ވިދާޅުވީ މަރުކަޒީ ބޭންކް، އެމްއެމްއޭގެ އެފްއައިޔޫ މެދުވެރިކޮށް ފާއިތުވި ދުވަސްތަކުގައި މިފަދަ ޓެރަރިސްޓު ހަމަލާއަކަށް ފަންޑުކުރުމުގެ އެއްވެސް މުއާމަލާތެއް ކޮށްފައިވޭތޯ ބެލުމަށް ވެސް އެނަލިސިސްއެއް ހަދާފައިވާ ކަމަށެވެ. އަދި މިހާތަނަށް ބެލިބެލުމުން މިއީ ބަޔަކު އިނާމެއް ދީގެން ދިިން ހަމަލާއެއް ކަމަށް ނުބެލެވޭ ކަމަށެވެ. މިއީ އެމީހުންގެ އަމިއްލަ މޯޓިވްއެއް އޮވެގެން ދިން ހަމަލާއެއް ކަމަށް ބެލުމުގެ ޖާގަ ބޮޑު ކަމަށާއި، މިއީ ފިކުރީ ސަބަބުތަކަަށްޓަކާ ދިން ހަމަލާއެއް ކަމަށް ބެލެވޭ ކަމަށް ވެސް ވިދާޅުވި އެވެ.
"މިހާތަނަށް ބެލިބެލުން މިއީ ބަޔަކު ހަމަލާ ދިނުމުގެ މުގާބިލުގައި އިނާމެއްގެ ގޮތުގައި ފައިސާ ކަނޑައަޅައިގެން ފައިސާ ދީގެން ކުރުވި ކަމެއްކަމަށް ބަލާނެ އެއްވެސް ސަބަބެއް ތަހުގީގަށް ފެންނާކަށްނެތް. އެހެންނަމަވެސް މިހަމަލާގެ މޯޓިވްއަކީ ނަފްރަތާ އަދާވާތްތެރިކަމާ ދީނީ ފިކުރުގެ ތަފާތުގައި އޮތް ރުޅިވެރިކަމުގައި އަމިއްލަ ގޮތުން ހަމަލާ ދިން މީހުން އެމީހުން އަމިއްލަ މަގުސަދެއް ހާސިލުކުރުމަށްޓަކައި ދީފަހުރި ކަމުގެ ހަރުދަނާ ސަބަބުތަކެއް ފެންނަން އޮތް ކަމަށް ފާހަގަކުރެވޭ."
ހަމަލާގެ މޯޓިވްގެ ގޮތުގައި ފާހަގަވެފައި ރިޔާޒް ވިދާޅުވި ގޮތުގައި ވަނީ ރައީސް ނަޝީދަކީ އިސްލާމް ދީނާއި ކީރިތި ރަސޫލާއަށް ފާޅުގައި ފުރައްސާރަކޮށް ދީނުން ބޭރުވެފައިވާ މީހެއްގެ ގޮތުގައި ކަނޑައަޅައި އެމަނިކުފާނުގެ ލޭ ހުއްދަވެފައިވާކަމަށް ނިންމައިގެން ކަމަށެވެ.
ރިޔާޒު ވިދާޅުވީ އެގޮތުގައި އެކި ތަންތަނުގައި ސިޔާސީ ގޮތުންނާއި ރަސްމީ ވާޖިބު އަދާކުރުމަށް ކުރައްވާފައިވާ މަސައްކަތްތަކުގެ ތެރެއިން ނިންމަވާފައިވާ ނިންމުންތަކާއި ދައްކަވާފައިވާ ވާހަކަތަކަށް ނިސްބަތްކޮށް އެމަނިކުފާނަކީ އިސްލާމްދީނުން ބޭރުވެފައިވާ މީހެއް ކަމަށާއި، މަރާލަން ޖެހޭ މީހެއްކަމަށް ދެކި އެކަމަށް މަގުފަހި ކުރުމަށްޓަކައި އެމީހުން ތަކުރާރުކޮށް މަސައްކަތް ކޮށްފައިވާ ކަމަށެވެ.
އެމީހުންނަކީ ދިވެހި ދައުލަތް ގަބޫލުކުރާ ބައެއް ނޫން ކަމަށާއި ދިވެހި ބިމާ ދައުލަތަކީ ކުފުރު ދައުލަތެއް ކަމަށް އެމީހުން ގަބޫލުކުރާ ކަމަށެވެ. މީގެ އިތުރުން އެމީހުންނަކީ އައިއެސް ޖަމާއަތުގެ ފިކުރަށް ތާއީދުކުރާ ބައެއް ކަމަށާއި އެފިކުރު ރާއްޖޭގައި ފަތުރަށް މަސައްކަތްކުރާ ކަމަށް ވެސް ތަހުގީގަށް ވަނީ ފާހަގަވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ