ސިޔާމް އަހުގައި ހުކުރަށް ވަޑައިގަތުން، މީ ކިހިނެއް ވާ ކަމެއް؟

ހުދުހެދުން އެޅުމަށް ލޯބި ކުރައްވާ ދ. މީދޫ ދާއިރާގެ މެންބަރު އަދި ސަން ގްރޫޕް ވެރިޔާ އަހްމަދު ސިޔާމް މުހައްމަދުގެ ހުވަފެން ހަގީގަތަށް ވެއްޖެއެވެ.
މުޅިން ހުދު ހެދުން އަޅާ މަދު ދިވެހިންގެ ތެރެއިން ސިޔާމަކީ ނަން މަޝްހޫރު ބޭފުޅެކެވެ. ދިރިއުޅުމެ ވައްޓަފާޅިއާއި އޭނާ ކުރައްވާ ބައެއް ކަންކަމަކީ ވެސް އެހެން ދިވެހިންނާ ތަފާތު ކަން ދައްކުވައިދޭ ކަންކަން ކަމަށް މީހުން ގަބޫލު ކުރެއެވެ. ރިސޯޓް ވިޔަފާރި ހިންގުމުގައި ރާއްޖޭގައި ނަން މަޝްހޫރު ސަން ސިޔާމް ދެކެވަޑައިގަންނަވަމުން ގެންދެވި ހުވަފެން ވަނީ ހަގީގަތަކަށް ހައްދަވާފައެވެ. އޭނާ ހުދު ފޭރާމުގައި ހުދު އަހެއްގެ މަތީ އިންނަވައިގެން ހުކުރު ނަމާދަށް މިސްކިތަށް ވަޑައިގަތުމުގެ ހުވަފެން ވަނީ ހަގީގަތަކަށް ވެފައެވެ.
މިދިޔަ ހުކުރު ދުވަހު ސިޔާމް ހުކުރަށް ވަޑައިގަތީ އޭނާ ހިންގަވާ ރިސޯޓު ސަން ސިޔާމް ވޯލްޑްގެ މިސްކިތަށެވެ. އެ ދުވަހު ސިޔާމް ހުންނެވީ ހުދު ފަޓްލޫނަކާއި ހުދު ކުރުތާއެއް ތުރުކުރައްވައިގެންނެވެ. ކޮވިޑްގެ މި ހަލާތުގައި މާސްކަ އަޅައިގެން މިސްކިތަށް ވަޑައިގަންނަވަން ޖެހޭ އިރު އޭނާ ހުންނެވީ ތުރުކުރައްވައިގެން ހުންނެވި ފޭރާމާ ގުޅާވާލައްވާ ހުދު މާސްކެއް ވެސް އަޅުއްވައިގެންނެވެ.
އެ ދުވަހު ރިސޯޓްގައި އޭނާ ދިރިއުޅުއްވާ ކޮޓަރިން ފެށިގެން މިސްކިތާ ހަމައަށް ވަޑައިގަތީ ހުުދު އަހެއްގެ މަތީ އިންނަވައިގެންނެވެ. މުޅިން ހުދު ކުލައިގައި އޮތް އެ އަހުގެ ނިގުލުގައި ކޮންމެވެސް ވަރަކަށް ރަން ކުލައިގެ ކެހެރިކޮޅެއް ފެންނަން ހުރެއެވެ.
އެ އަހަކީ އޭނާގެ އަނބިކަނބަލުން ގެންގުޅުއްވާ އަހެއް (ޕެޓެއް) ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. ނަމަވެސް އެ އަހަށް ކިޔަނީ ކޮން ނަމެއް ކަން އަދި އެނގިފައެއް ނުވެއެވެ.
ދިވެހިރާއްޖޭގައި އަހަކީ އާންމުކޮށް ގެންގުޅޭ އެއްޗެއް ނޫނެވެ. ނަމަވެސް 2020 ވަނަ އަހަރު އައްޑޫއަށް 5 އަހެއް ގެންނަން މިނިސްޓްރީ އޮފް އެގްރިކަލްޗާ އިން ހުއްދަ ދީގެން ގެނެސްފައި ވެއެވެ. އެ ހުއްދައިގެ ދަށުން މިދިޔަ އަހަރު ކުރީ ކޮޅު ވަނީ ތިން އަސް އައްޑުއަށް ގެނެސްފައެވެ، އެއީ ހުދު އަހަކާއި ކަޅު ދެ އަހެވެ. އެއީ “ޖޯޖިއާ، ސޯފީ އަދި އަސްލަން” އެވެ. އޭގެތެރެއިން ހުދުކުލައިގެ އަހަަށް ކިޔަނީ “އަސްލަން” އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ