ގެރެންޓީއެއް ނެތި އެޑްވާންސް ފައިސާ ދެވޭ އިސްލާހެއް!

ޢާންމުކޮށް ބީލަމަށް ހުޅުވާނުލައި، ހިންގާ މަޝްރޫޢުތަކުގައި މަސައްކަތް ކުރާ ފަރާތްތަކަށް ފިނޭންސް މިނިސްޓަރުގެ ހުއްދައާއިއެކު، ގެރެންޓީއަކާ ނުލައި އެޑްވާންސް ފައިސާ ދޫކުރެވޭ ގޮތަށް ދައުލަތުގެ މާލިއްޔަތު ޤަވާޢިދު އިސްލާހުކޮށްފިއެވެ.
މާލިއްޔަތު ޤަވާއިދަށް ބުދަދުވަހު ގެނައި އިސްލާހުގައިވާގޮތުން، ޢާންމުކޮށް ބީލަމަށް ހުޅުވާނުލައި ހިންގާ މަޝްރޫޢުތަކުގެ ތެރެއިން ގެރެންޓީއަކާ ނުލައި އެޑްވާންސް ފައިސާ ދޫކުރެވޭނީ ވަކި މަޝްރޫޢުތަކެއްގައެވެ. ނަމަވެސް މިގޮތަށް އެޑްވާންސް ފައިސާ ދޫކުރެވޭނީ ފިނޭންސް މިނިސްޓަރަށް ހުށަހަޅައި މިނިސްޓަރުގެ ހުއްދަ ލިޔުމުން ލިބުމުންކަމަށް ޤަވާއިދުގައި ބަޔާން ކުރެއެވެ.
ދައުލަތުން ރައްޔިތުންނަށް ފޯރުކޮށްދޭން ބޭނުންވާ ޚިދުމަތެއް ފޯރުކޮށްދިނުމަށް، ސަރުކާރުގެ މެޖޯރިޓީ ޙިއްސާއޮންނަ ކުންފުންޏަކާ ނުވަތަ މޯލްޑިވްސް ސްޓޮކް އެކްސްޖޭންޖްގައި ލިސްޓްކޮށްފައިވާ ބަޔަކާ ޙަވާލުކޮށްގެން ނުވަތަ ސަރުކާރުން ޤަބޫލުކުރާ ޖަމްޢިއްޔާއެއް ނުވަތަ ޖަމާޢަތަކާ ޙަވާލުކޮށްގެން ހިންގާ މަޝްރޫޢުތަކުގައި ގެރެންޓީއާ ނުލައި އެޑްވާންސަށް ފައިސާ ދޫކުރެވިދާނެކަމަށް މަލިއްޔަތު ޤަވާއިދުގައި ބުނެއެވެ.
މީގެކުރިން މާލީއްޔަތު ޤަވާއިދު އޮތްގޮތުން މިފަދަ މަޝްރޫޢުތަކުގައި އެޑްވާންސް ފައިސާ ދޫކުރެވޭނީ ގެރެންޓީއެއް ދިނުމުންނެވެ. އެޑްވާންސް ފައިސާ ދޫކުރާނީ ދައުލަތުން ހިންގާ 250،000އަށްވުރެ ބޮޑެތި މަޝްރޫޢުތަކުގައެވެ. އަދި މިގޮތަށް ދޫކުރާއިއިރު އެޑްވާންސް ފައިސާ ދޭންވާނީ މަސައްކަތުގެ އަގުގެ %15އަށްވުރެ ބޮޑުނުވާ ގޮތަށެވެ. އަދި މަސައްކަތާ ޙަވާލުވާތާ 45 ދުވަހުގެ ތެރޭގައި އެޑްވާންސް ފައިސާއަށް އެދެންވާނެކަމަށް މާލިއްޔަތު ޤަވާއިދުގައި ބުނެއެވެ.
މިގޮތަށް ހޯދާ ފައިސާ، މަސައްކަތް ކުރަމުންދާއިރު ހުށަހަޅާ ބިލްތަކަށް ބަލައި، ކޮންޓްރެކްޓުގެ ނިސްބަތުން ކެނޑެމުންދާނެ ކަމަށް ދައުލަތުގެ މާލީއްޔަތު ޤަވާއިދުގައި ބަޔާން ކުރެއެވެ.
ދަޢުލަތުގެ މަލީއްޔަތާއި ބެހޭ ޤަވާއިދެއް އެކުލަވައި އެންމެ ފަހުން ޝާޢއުކޮށްފައިވަނީ 2017ވަނަ އަހަރުއެވެ. އޭގެ ފަހުން އެ ޤަވާއިދަށް މިހާތަނަށް 6 އިސްލާހެއް ވަނީ ގެނެސްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ