އިސްރާއީލުން ހިފަހައްޓާފައިވާ ޓެކްސް ފައިސާ އެއްކޮށް ދިނުމުން ނޫނީ ބަލައިނުގަންނާނަން: އައްބާސް

ރާމަﷲ (އެޕްރީލް 6) : ޓެކްސްގެ ގޮތުގައި ފަލަސްތީނުގެ ސަރުކާރަށް ލިބެންޖެހޭ ފައިސާ ގަދަބާރުން އިސްރާއީލުން ހިފެހެއްޓުމަށްފަހު އޭގެ ތިން ބައިކުޅަ އެއްބައި ކަނޑާލައި އަނެއް ދެބައި ފަލަސްތީނަށް ދިނުމަށް އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަނިޔާހޫ ނިންމެވުމުން އެފައިސާ ބަލައިނުގަންނާނެ ކަމަށް ފަލަސްތީނުން ބުނެފިއެވެ. ފަލަސްތީނުގެ ރައީސް މަޙްމޫދު އައްބާސް ވިދާޅުވީ ތިންބައިކުޅަ އެއްބައި ކަނޑާލުމަށްފަހު އިސްރާއީލުން ދޭ ފައިސާ ފަލަސްތީނުން ބަލައިނުގަންނާނެ ކަމަށް އެ ފައިސާ އަލުން އަނބުރައި އިސްރާއީލަށް ފޮނުވާލާނެ ކަމުގަ އެވެ. އައްބާސް ވިދާޅުވީ މި ފައިސާއަކީ އިސްރާއީލުން ފަލަސްތީނަށްދޭ ހަދިޔާއެއް ނޫން ކަމަށާއި އެއީ ފަލަސްތީނަށް ލިބެންޖެހޭ ހައްގެއްކަމުގައެވެ. ފަލަސްތީނަށް ލިބެންޖެހޭ ޓެކްސްގެ ފައިސާއަކީ އެއްވެސް އުސޫލަކުން އިސްރާއީލަށް ހިފެހެއްޓެން ޖެހޭނެ ފައިސާއެއް ނޫންކަމަށް ވެސް އައްބާސް ވިދާޅުވި އެވެ. އައްބާސް ވިދާޅުވީ އެއީ ފަލަސްތީނުގެ މިލްކެއް ކަމަށާއި އެ ފައިސާ އެއްކޮށް ނުދީ އޭގެ ބައެއްދޭނަމަ އެ ފައިސާގެ އެއްވެސް މިންވަރެއް ފަލަސްތީނުން ބަލައިނުގަންނާނެ ކަމުގަ އެވެ. ޓެކްސްގެ ގޮތުގައި ފަލަސްތީނުގެ ސަރުކާރަށް ލިބެންޖެހޭ ފައިސާ ބާރުގެ ބޭނުންކޮށްގެން އިސްރާއީލުން ހިފެހެއްޓީ ބައިނަލްއަގްވާމީ ޖިނާއީ ކޯޓުގެ މެންބަރަކަށް ވުމަށް ފަލަސްތީނުން ހުށަހެޅުމާ ގުޅިގެން ފަލަސްތީނަށް ފިއްތުންތައް ކުރިމަތިކޮށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުގެ ބޭނުމުގައެވެ. ނަމަވެސް އެ ފިއްތުންތަކަށް ފަލަސްތީނު ސަރުކާރުން ބޯނުލެނބުމުން ނަތަނިޔާހޫ ވަނީ ފަލަސްތީނުގެ ޓެކްސް ފައިސާގެ ތެރެއިން ތިން ބައިކުޅަ އެއްބައި އުނިކުރުމަށްފަހު އަނެއް ދެބައި ފަލަސްތީނަށް ދިނުމަށް ނިންމައި އެކަން އިއްލާން ކުރައްވާފަ އެވެ. ޓެކްސްގެ ގޮތުގައި ފަލަސްތީނަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 500 މިލިޔަން ޑޮލަރު އިސްރާއީލުން ހިފައްޓާފައިވެ އެވެ. މި ފައިސާ އެއްކޮށް ދިނުމުން ނޫނީ ބަލައިނުގަތުމަށް ފަލަސްތީނުގެ މަރުކަޒީ ބޭނުންކުން ވެސް ވަނީ ނިންމާފަ އެވެ. ބައިނަލްއަގްވާމީ ޖިނާއީ ކޯޓުގެ މެންބަރަކަށް ވުމަށް ފަލަސްތީނުން ހުށަހެޅުމާ ގުޅިގެން މިދިޔަ ހަފްތާގައި ވަނީ އެ ކޯޓުގެ ފުރިހަމަ މެންބަރުކަން ފަލަސްތީނަށް ލިބިފައެވެ. މިކަމުގެ ސަބަބުން ނަތަނިޔާހޫ ފަދަ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހަނގުރާމައިގެ ޖަރީމާ ހިންގިކަމަށް ތުހުމަތުކުރެވޭ އިސްރާއީލުގެ ހަރުކަށިވެރިން އެކޯޓުގެ ކުރިމައްޗަށް ޙާޒިރުކޮށް ޝަރީޢަތް ހިންގުމުގެ ފުރްސަތު ފަލަސްތީނަށް ފަހިވެގެންދާނެއެވެ. (އަލްޖަޒީރާ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ