"ރައްޔިތުން މަގޫފަތްކާ މަންޒަރު ބަލަން ނުތިބެވޭނެ"

ދައުލަތުގެ ދަރަނި ބޮޑުވާތީ، ރައްޔިތުންގެ ޒަރޫރީ ބޭނުންތައް ފުއްދައިނުދެވި، ބަނޑަންޖެހެން ދޫކޮށްލައި، މަގޫފަތް ކާ މަންޒަރު ބަލަން ނުތިބެވޭނެކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރަށް ސަރުކާރުން ހުށަހަޅާފައިވާ 34.7 ބިލިއަން ރުފިޔާގެ ބަޖެޓުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ޝަރީފް ވަނީ ސަރުކާރުން ހުށަހަޅާފައިވާ "ހިތްވަރުގަދަ" ބަޖެޓަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައިފަ އެވެ.
މިގޮތުން، ޝަރީފް ވިދާޅުވީ އަންދާޒާ ކުރާ މިންވަރަށް އާމްދަނީ ނުލިބި ބަޖެޓު ޑެފިސިޓް 20 ބިލިއަނަށް ވުރެ މައްޗަށްވެސް އަރައިގެން ދިއުމުގެ ފުރުސަތު އެބައޮތް ކަމަށާއި، ނަމަވެސް އެ ސަބަބަށްޓަކައި ސަރުކާރަށް އަތް އުރާލައިގެން ތިބެވެން ނޯންނާނެ ކަމަށެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން 34.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާފައިވާއިރު، އާމްދަނީ އާއި ހިލޭއެހީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރަނީ 17.8 ބިލިއަން ރުފިޔާ އެވެ.
އަންނަ އަހަރު 33.3 ބިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް ބެލެވޭއިރު، އަންނަ އަހަރަށް ހުށަހަޅާ ބަޖެޓަކީ 15.5 ބިލިއަން ރުފިޔާއިން ޑެފިސިޓް ބަޖެޓެކެވެ.
ޝަރީފް ވިދާޅުވީ ސަރުކާރުގެ އެންމެ އިސް ވާޖިބަކީ ވާނީ ޒަރޫރީ ބޭނުންތައް ފުއްދުމަށްޓަކައި އަޅަން ހުރި ދަތި އުނދަގޫ ފިޔަވަޅުތައް އެޅުން ކަމަށެވެ.
އިތުރަށް ވިދާޅުވީ ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކޮށްފައިވާއިރު، ޑެފިސިޓް ފޫބައްދަން ބޭރުން ފައިސާ ހޯދަން ސަރުކާރަށް ދަތިވާނެކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
ނަމަވެސް، މި އަހަރުވެސް ފައިސާ ހޯދި ގޮތަށް އަންނަ އަހަރުވެސް ސުކޫކާއި، ބޮންޑުގެ އިތުރުން ބޭރާއި އެތެރޭގެ މާލީ އިދާރާތަކުން ފިނޭންސް މިނިސްޓަރު އިބްރާހިމް އިސްވެ ހޯއްދަވާނެކަމުގެ ޔަގީންކަން އޮތްކަމަށް އޭނާ ވިދާޅުވި އެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓު މެންބަރަކު ބައްލަވަނީ. -- ފޮޓޯ: މަޖިލިސް
ޝަރީފް ފާހަގަކުރެއްވި ގޮތުގައި، ބަޖެޓަކީ އެއްވެސް އިރެއްގައި އަކުރުން އަކުރަށް ދިމާވާ އެއްޗެއް ނޫން ކަމަށާއި، އަންނަ އަހަރު ކޮވިޑް-19 އިގެ ވެކްސިނަކާއެކު ފަތުރުވެރިން އަންނާނެކަމަށް އަންދާޒާ ކުރާ މިންވަރަށް ވުރެ އިތުރަށް ރާއްޖެއަށް ޒިޔާރަތްކޮށް، ލަފާކުރާ ވަރަށް ވުރެ ބޮޑަށް އިގުތިސޯދީ ހާލަތު ރަނގަޅުވުމުގެ ފުރުސަތުވެސް އޮންނާނެ ކަމަށެވެ.
މިހާރު މުޅި ދުނިޔެއާއެކު ރާއްޖެއަށްވެސް ކުރިމަތިވެފައިވަނީ ދަތި އުނދަގޫ އިގުތިސޯދީ ހާލަތެއް ނަމަވެސް، ރައްޔިތުން އުއްމީދު ކުރާ މަޝްރޫއުތައް ނުހިންގައި، ބޭސްފަރުވާ ފަދަ ޒަރޫރީ ބޭނުންތައް ހުއްޓާލައިގެން ނުތިބެވޭނެކަމަށް ޝަރީފް ތަކުރާރުކޮށް ވިދާޅުވި އެވެ.
މިގޮތުން، ރިކަރަންޓް ހަރަދު ބޮޑުވަނީ، މުސާރަ ދިނުމާއި ރައްޔިތުންގެ އާމްދަނީ މަދުވާ ބައި، ސަރުކާރުން ފޯރުކޮށްދޭތީ ކަމަށާއި، އެއީ ވެސް މި ހާލަތުގައި ކުރަންޖެހޭކަމެއްކަން އޭނާ ފާހަގަކުރެއްވި އެވެ.
"ރައްޔިތުން މަގާފަތް ކާންޖެހޭ ދުވަހެއް ދެކޭކަށް އަޅުގަނޑު ބޭނުމެއް ނޫން،" އިގުތިސޯދީ ރިކަވަރީއަށް އަމާޒުކޮށްގެން ސަރުކާރުން ހުށަހަޅާފައިވަނީ ވަރަށް އުއްމީދީ ބަޖެޓެއް ކަން ފާހަގަކުރައްވަމުން ޝަރީފް ވިދާޅުވި އެވެ.
ޝަރީފްގެ އިތުރުން ބަޖެޓު ބަހުސްގައި މިހާތަނަށް ވާހަކަ ދެއްކެވި އެމްޑީޕީއަށް ނިސްބަތްވާ ހުރިހާ މެންބަރުންވެސް ވަނީ ބަޖެޓަށް ތައުރީފު ކުރައްވާފައި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ