ބްރޯޑްކޮމް މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދަން މަސައްކަތެއް ނުކުރޭ: އޮޑިޓް

ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) މެދުވެރިކޮށް ދައުލަތަށް ބްރޯޑްކާސްޓަރުންނާއި ރީ ބްރޯޑްކާސްޓަރުންގެ އަތުން ލިބެންޖެހޭ ފައިސާ ހޯދުމަށް އެ ކޮމިޝަނުން މަސައްކަތް ކޮށްފައިނުވާ ކަމަށް އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.
ބްރޯޑް ކާސްޓިން އާއި ރީ ބްރޯޑްކާސްޓިން ގަވާއިދުގައިވާ ގޮތުން ކޮންމެ އަހަރެއްގެ މާޗު މަހުގެ ނިޔަލަށް އަހަރީ ފީ ދައްކަންޖެހެ އެވެ. އަދި ނުދައްކައިފިނަމަ އެތަނެއް ޖޫރިމަނާ ކުރެވޭނެ އެވެ.
އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރެފައިވާ ބްރޯޑްކޮމްގެ އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ގަވާއިދުގައިވާ ގޮތަށް އަހަރީ ފީ އާއި ޖޫރިމަނާގެ ފައިސާ ހޯދުމަށް އެ ކޮމިޝަނުން އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެ އެވެ.
އެގޮތުން، އޮޑިޓް ސާމްޕަލް ނަގައިގެން ބެލި ބެލުމުން އެއް އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ލައިސަންސް ފީ ތަކާއި ލައިސަންސް ފީ ނުދައްކައިގެން އަރާފައިވާ ޖޫރިމަނާގެ ގޮތުގައި ލިބެންޖެހޭ ޖުމްލަ ތިން މިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދުމަށް އެފަރާތްތަކަށް ފައިސާ ދެއްކުމަށް ހަނދާންކޮށްދީ، ދެފަހަރު މަތިން ސިޓީ ފޮނުވުމަށްފަހު ވެސް ފައިސާ ދައްކާފައިނުވި ނަމަވެސް އެ ފައިސާ ހޯދުމަށް ޝަރީއަތަށް ހުށަހަޅާފައިނުވާކަން ފާހަގަކުރެވިފައިވާ ކަމަށް އޮޑިޓްގައިވެ އެވެ.
އަދި ޖޫރިމަނާގެ ގޮތުގައި އަރާފައިވާ އެއް މިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދުމަށް ވެސް މަސައްކަތް ކޮށްފައިނުވާއިރު ބްރޯޑް ކާސްޓަރުންނާއި ރީބްރޯޑްކާސްޓަރުންގެ އަތުން 2015 އިން ފެށިގެން ލިބެންޖެހޭ ފައިސާ ލިބިފައިނުވާ ކަމަށް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.
އޮޑިޓް ރިޕޯޓްގައި ބުނީ، ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބެންޖެހޭ ފައިސާ އެއް ހޯދުމަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވޭނަމަ ދައުލަތަށް ލިބެންޖެހޭ ފައިސާ ލިބުން ލަސްވެ، އެ ފައިސާއިން ދައުލަތަށް ލިބެންޖެހޭ މަންފާ ނުލިބި ހުއްޓިދާނެ ކަމަށެވެ. އެހެންކަމުން މާލިއްޔަތު ގަވާއިދާ އެއްގޮތަށް ފައިސާ ދައްކަން ހަނދާންކޮށްދީ ލިޔުން ފޮނުވުމަށާއި އަދި އެ ފައިސާ ނުދައްކައިފިނަމަ އެ މައްސަލަ ޝަރީއަތަށް ފޮނުވުމަށް ބްރޯޑްކާސްޓިން ކޮމިޝަނަށް ވަނީ އަންގައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ