މިމަހުގެ 5ގެ ފަހުން ކޮޅުފުށިން އެހެން ރަަށްރަށަށް ދިޔަ މީހުން ކަރަންޓީންވާން އަންގައިފި

މިމަހުގެ ފަސްވަނަ ދުވަހުގެ ފަހުން މ. ކޮޅުފުށިން އެހެން ރަށްތަކަށް ދަތުރުކުރި މީހުން ކަރަންޓީންވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފިއެވެ.
ކޮޅުފުށިން މާލެ އައި މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، މިދިޔަ އާދިއްތަ ދުވަހުން ފެށިގެން އެރަށަށް އަރައި ފޭބުން ވަނީ މަނާކޮށްފައެވެ. އެ މީހާގެ ކޮންޓެކްޓުންގެ ތެރެއިންނާއި ކޮޅުފުށީގެ އެކި ސަރަހައްދުތަކުން ނެގި ރެންޑަމް ސާމްޕަލްތަކުގެ ތެރެއިން މިއަދު ވަނީ ނުވަ މީހަކު ޕޮޒިޓިވްވެފައެވެ.
އެކަމާ ގުޅިގެން އެޗްޕީއޭއިން ނެރުނު ރަތް އެލާޓުގައި ބުނީ، މިމަހުގެ ފަސްވަނަ ދުވަހުގެ ފަހުން މ. ކޮޅުފުށިން އެހެން ރަށްތަކަށް ދަތުރުކުރި މީހުން ވީ އެންމެ އަވަހަކަށް އެރަށެއްގެ ހޮސްޕިޓަލަށް ނުވަތަ ހެލްތު ސެންޓަރަށް އެންގުން އެދޭ ކަމަށާއި އެ މުއްދަތުގައި ކޮޅުފުށިން މާލެއަށް ދަތުރުކޮށްފައިވާ މީހުން 1676 އަށް ގުޅައި މައުލޫމާތު ހިއްސާކުރުން އެދޭ ކަމަށެވެ.
މީގެ އިތުރުން އެ މުއްދަތުގައި ކޮޅުފުށިން ދަތުރުކޮށް 14 ދުވަސް ހަަމަނުވާ މީހުން، 14 ދުވަސް ފުރިހަމަ ވަންދެން ކަރަންޓީނުވެ، ކަރަންޓީނު ނިމުމަށްފަހު ކޮވިޑް 19އަށް ޓެސްޓުކޮށް ނަތީޖާ ލިބެންދެން ކަރަންޓީނުގައި ތިއްބެވުމަށްވެސް އެޗްޕީއޭއިން ވަނީ އަންގައިފައެވެ.
ކޮޅުފުއްޓަށް ބަލި ފެތުރެން ދިމާވި ސަބަބު ދެނެގަނެވިފައި ނުވާއިރު އެރަށަށް ކޮވިޑް ފެތުރުނު ގޮތް ހޯދުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.
ކޮޅުފުށިން ޕޮޒިޓިވް ކޭސްތަކެއް ފެނުމުން އެރަށުގައި ފިޔަވަޅުތައް މިހާރު ވަނީ ވަރުގަދަކޮށްފައެވެ. އެގޮތުން ކާބޯތަކެއްޗާއި އެހެނިހެން ބޭނުންތައް ފޯރުކޮށްދިނުމަށް ޓާސްކް ފޯސް އެކުލަވާލައި، މަސައްކަތްތައް ކުރެވެމުން އަންނަ ކަމަށްވެސް އެރަށު ކައުންސިލުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ