ސަމާލުވޭ! މަކަރާއި ހީލަތުން ފައިސާ ހޯދަން، ފޭކް ޓްރާންސްފަރ ސްލިޕް ފޮނުވަނީ

ޑޮލަރު ހޯދައިދޭނަކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ހޯދުމާއި ސައްހަނޫން ޓްރާންސްފަރ ސްލިފް ފޮނުވާ މައްސަލަތައް އިތުރުވަމުން އަންނާތީ މިކަމަށް އާންމުން ސަމާލުވެ ތިބުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން އެދިއްޖެ އެވެ.
އާންމުންގެ ސަމާލުކަމަށް މިކަން ގެނައުމަށްޓަކައި ފުލުހަކަށް ދިމާވި ހާދިސާއެއްގެ ވާހަކަވެސް ވަނީ ހިމަނާފަ އެވެ. ޕޮލިސް ލާންސް ކޯޕްރަލް ޙުސައިން މުއާޛް އަސް ދިމާވި މިހާދިސާއަށް ފަހު ބުނެފައިވަނީ ކުޑަ ޑޮލަރުކޮޅަކަށް ވުމުން ލިބުނު ގެއްލުން ކުޑަވިނަމަވެސް ބޮޑެތި އަދަދުތަކުން ޑޮލަރު ހޯދަން ފައިސާ ޖަމާކުރުމުން ޑޮލަރު ނުލިބި މި މަކަރުވެރި މަޅީގައި އެތައް ބަޔަކު ޖެހިފައި އެބަތިބިކަމަށެވެ. މިއީ އަޅުގަނޑުމެން އެންމެންވެސް ހާއްސަ ސަމާލުކަމެއް ދޭންޖެހޭ އަދި އެކަމަކަށް ހޭލުންތެރިވުންވެސް މުހިންމުކަމެކެވެ.
ފުލުހަކަށް ދިމާވި ހާދިސާ
އާއިލާ މީހެއްގެ ބަލިހާލު ބޮޑުވުމުން ރާއްޖެއިން ބޭރަށް ގެންދަންޖެހޭ ކަމަށް ޑޮކްޓަރު ލަފާދިނުމުން ފުރުމުގެ ކުރިން ޑޮލަރު ލިބޭތޯ މަސައްކަތްފެށީމެވެ. ބެންކުން ލިބޭ ޑޮލަރުގެ އިތުރުން އިތުރު ޑޮލަރު ބޭނުންވާތީ ރައްޓެހިން މެދުވެރިވެގެން ޑޮލަރު ލިބޭތޯ މަސައްކަތްކުރަމުން ދަނިކޮށް ޑޮލަރު ވިއްކާ މީހެއްގެ ނަންބަރު އަޅުގަނޑަށް ލިބުނެވެ.
އެ ނަންބަރަށް ގުޅުމުން އެމީހާ ވާހަކަދެއްކީ އެހައިމެ ރީތިކޮށެވެ. އަދި އެހައި ޔަގީންކަން ދިނެވެ. އަދި މިހާރު ޑޮލަރުގެ ބާޒާރުގެ ކަންކަން ހުރިގޮތުގެ ވާހަކަތައް ދައްކަމުންގޮސް ހެޔޮ އަގެއްގައި ޑޮލަރު ދޭނެކަމަށް އޭނާ ބުންޏެވެ. އޭނާގެ ވާހަކަތައް ހުރިގޮތުންނާއި އަޅުގަނޑަށް އަގުހެޔޮކޮށް ޑޮލަރު ލިބޭގޮތް ވުމުން އޭނާގެ އަތުން ޑޮލަރުގަތުމަށް އެއްބަސްވީމެވެ. އަދި ޑޮލަރަށް ބޭނުންވާ ފައިސާ ލިބުމުން ޑޮލަރު ޑެލިވަރ ކޮށްދޭނެކަމަށް ބުނުމުން، އަޅުގަނޑަށް ލިބުނު އެސްއެމްއެސްގައި އިން އެކައުންޓަށް ޑޮލަރަށްވާ ފައިސާ ޖަމާކުރުމަށްފަހު ސްލިޕް އޭނާއަށް ފޮނުވީމެވެ. ނަމަވެސް އޭނާގެ ހަބަރެއް ނުވިއެވެ. ގިނައިރުތަކެއް ވުމުން އަނެއްކާވެސް އޭނާގެ ހަބަރެއް ވޭތޯ މަސައްކަތްކުރީމެވެ. ނަމަވެސް އެކަމެއް ކާމިޔާބެއް ނުވިއެވެ. ނަމްބަރަކަށް ނުގުޅެއެވެ. މީހާގެ ނަން ފިޔަވައި އިތުރު މައުލޫމާތެއް ނޭނގުމުން ހަނދާނެގޮތް ހުސްވިއެވެ. އޭގެފަހުންވެސް ތަކުރާރުކޮށް އެނަންބަރަށް ގުޅޭތޯ މަސައްކަތްކުރި ނަމަވެސް ގުޅޭގޮތެއް ނުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ