ކަރެކްޝަންސް: ރައްކާތެރި މުޖުތަމައެއް ބިނާ ކުރުމަށް ކުރާ މަސައްކަތުގެ އެއް ތަނބު!

ކަރެކްޝަނަލް ސަރވިސްގެ ޚިދުމަތަށް 49 އަހަރު ފުރިފައިވާއިރު، ކުރިއާ އަޅާބަލާއިރު، އާންމުންގެ މެދުގައި މި ސަރވިސްއާމެދު އޮންނަ އިތުބާރު މިވަނީ އެތައް ގުނައަކަށް އިތުރުވެފައެވެ. އާންމުން އެދޭ ގިނަ ހެޔޮ ބަދަލުތައް ގެނެސްފައިވާއިރު، އިތުރަށް ރަނގަޅު ކުރެވޭނެ ގިނަ ކަންކަންވެސް އެބަހުރިކަމަށް ގިނަ ބަޔަކު ބުނެއެވެ.
ޔޫއެން ސްޓޭންޑަޑް މިނިމަމް ރޫލްސް ފޯ ދަ ޓްރީޓްމެންޓް އޮފް ޕްރިސަނާސް ނުވަތަ މަންޑޭލާ ރޫލްސްއަށް ފެތޭ ގޮތަށް ޖަލުތަކުގެ ހިންގުމުގެ ނިޒާމު ބައްޓަން ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، މި ކަންކަމަށް ހައްލު ލިބިގެންދާނެ ކަމަށް ރައްޔިތުން އުއްމީދު ކުރެއެވެ. އެގޮތުން ޖިނާއީ އަދުލުގެ ނިޒާމުގައި ޤައިދީންނަށް ލިބެން ޖެހޭ ހައްޤުތަކާއި ރައްކާތެރިކަން ކަށަވަރުކޮށްދޭ 122 އުސޫލެއް މަންޑޭލާ ރޫލްސްގައި ބަޔާންކޮށްފައިވެއެވެ.
ޤައިދީންގެ އަސާސީ ހައްޤުތައް ކަށަވަރު ކުރުމަށްޓަކައި އދ. އިން އަމަލުކުރާ "މަންޑޭލާ ރޫލްސް" ގެ މިންގަނޑުތަކަށް ރާއްޖޭގެ ޖަލުތައް އިންތިޒާމު ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، މި ސަރުކާރުން ވަނީ ޖަލުތަކުގެ ހާލަތު ބަލައި އިސްލާހު ކުރަން ހުރި ކަންކަން ފާހަގަކޮށް، ގައިދީންގެ ހައްގުތައް ކަށަވަރު ކުރުމަށް ކުރަންޖެހޭ އޮޑިޓެއް ކުރިއަށް ގެންގޮސްފައެވެ. އޭގެ ދަށުން ޤައިދީންގެ ޙައްޤުތަކާއި، ބޭސްފަރުވާގެ ނިޒާމާއި، ޖަލުގެ އާންމު ޙާލަތު ރަނގަޅު ކުރުމަށްވެސް ގިނަ ކަންކަން ހިމަނާފައިވެއެވެ.
ރާއްޖެއެމްވީއަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި ކަރެކްޝަންސްގެ ފަރސްޓްކްލާސް ޕްރިޒަން އޮފިސަރ އަހުމަދު ނަސީމް ވިދާޅުވީ، ކަރެކްޝަންސްއަކީ ބުރަ އަދި އަގުހުރި ޚިދުމަތެއް ފޯރުކޮށްދޭ މުއައްސަސާއެއް ކަމަށެވެ. އެގޮތުން ރައްކާތެރި މުޖުތަމައެއް ބިނާ ކުރުމަށް ކުރާ މަސައްކަތުގައި ކަރެކްޝަންސްގެ އޮފިސަރުން ދެމިތިބޭނެ ކަމުގެ ޔަޤީންކަން ދެއްވާކަމަށް ނަސީމް ވިދާޅުވިއެވެ.
ނަސީމް ވިދާޅުވީ، ކުށްކުރާ މީހުން އަނބުރާ މުޖުތަމައަށް ގެނައުމަށްޓަކައި ކަރެކްޝަންސްގެ އިސްރޯލެއް އޮންނަ ކަމަށާއި، އެ މަސައްކަތް އެންމެ ފުރިހަމައަށް ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާ ކަމަށެވެ.
ކަރެކްޝަނަލް ސަރވިސްއަކީ ބުރަ އެހެން ނަމަވެސް އަގުހުރި މަސައްކަތެއް ޤައުމަށް ކޮށްދޭ މުއައްސަސާއެއް، އެގޮތުން ރައްކާތެރި މުޖުތަމައެއް ބިނާ ކުރުމަށް މި ކުރާ މަސައްކަތުގައި މި މުއައްސަސާއަކީ މައި އެއް ތަނބު
~ ކަރެކްޝަންސްގެ ފަރސްޓްކްލާސް ޕްރިޒަން އޮފިސަރ އަހުމަދު ނަސީމް
ކަރެކްޝަންސްގެ ދަށުން ދޭ ޚިދުމަތްތައް އެންމެ ފުރިހަމައަށް ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި ސިވިލް މުވައްޒަފުންގެ ރޯލުވެސް ނުހަނު ބޮޑެވެ. އެގޮތުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގައި މަސައްކަތްކުރާ ސިވިލް މުވައްޒަފުންނަށްވެސް ވަޒީފާގެ ކުރިއެރުމެއްގެ ގޮތުން ކުލަޔާއި މެޑަލް ދޭ ގޮތަށް ގަވާއިދަށް ބަދަލު ގެންނާނެ ކަމުގެ އިޝާރާތެއް ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅުވެސް ވަނީ ދެއްވާފައެވެ.
ކަރެކްޝަންސްއިން ދެމުންގެންދާ ޚިދުމަތްތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އެސިސްޓެންޓް ލީގަލް އޮފިސަރ އަލީ ރަޝީދު ވިދާޅުވީ، މި މުއައްސަސާއަކީ ޖަލުގައި ބަންދު ކުރެވޭ މީހުންނަށް ހޭހަން ކުރުމުގެ ބުރަ މަސްއޫލިއްޔަތު ޙަވާލުވެފައިވާ މުއައްސަސާއަށްވީއިރު، މުޅި މުއައްސަސާގެ މަސައްކަތްތައްވެސް ބައްޓަން ކުރެވިފައިވަނީ އެ ލަނޑުދަނޑިތައް ހާސިލު ކުރެވޭނެ ގޮތަށް ކަމަށެވެ.
ތަފާތު އެކިއެކި ޚާއްސަ ތަމްރީނު ލިބިފައިވާ މީހުން އަޅުގަނޑުމެންގެ ތެރޭގައި އެބަތިބި، އަޅުގަނޑުމެން އެންމެންގެވެސް ބޭނުމަކީ ކުށްކޮށްގެން ޖަލަށް ގެނެވިފައިވާ ފަރާތްތަކުގެ ކަންކަން އެންމެ އެކަށީގެންވާ ގޮތެއްގައި ޙައްލުކޮށްދީ އެ ފަރާތްތައް އެނބުރި މުޖުތަމައަށް ނުކުންނައިރު މުޖުތަމައު ބަލައިގަންނަ ފަރާތްތަކަކަށް ހަދައިދިނުން،
~ އަލީ ރަޝީދު - ކަރެކްޝަންސް
ސަރުކާރު ވުޖޫދަށް އައުމަށް ފަހު ޖަލުގެ ހާލަތު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންގެންދާއިރު، ޖަލުތަކުގެ ޖާގަ އިތުރުކޮށް ކުރިން ޖަލުގެ ހާލާތު ހުރި ވަރަށްވުރެ ރަނގަޅު ކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރާއްޖޭގެ ޖަލުތަކާ ބެހޭގޮތުން އެންމެ ގިނައިން ފާހަގަކުރާ އެއް ކަންބޮޑުވުމަކީ ޖަލުތައް ފުރި، ޖަލުތަކަށް އެކަށީގެންވާ ވަރަށް ވުރެ ގިނައިން ޤައިދީން ބޭތިއްބުމުގެ މައްސަލަތަކެވެ. އެއާއެކު ޖަލު އޮޑިޓް ރިޕޯޓުގައިވެސް އެކަން ޙައްލު ކުރުން ހިމަނާފައިވެއެވެ.
މި މަސައްކަތުގެ ދަށުން ޖަލުތަކުގައި މީހުން ބޭތިއްބުމަށް ކަނޑައަޅާފައިވާ އަދަދަށް ވުރެ އިތުރަށް މީހުން ބަންދުގައި ބޭތިއްބުމާއި، އިންސާނީ އަދި އެހެނިހެން ވަޞީލަތްތައް އެކަށީގެންވާ ވަރަށް ނެތުމުގެ މައްސަލަތަކަށް ޙައްލު ހޯދައިދިނުމުގެ މަސައްކަތް މިހާރު ކުރިއަށްދެއެވެ.
ކުރިއާ އަޅާބަލާއިރު، ކަރެކްޝަންސްގެ ޚިދުމަތްތަކާއި، ކަރެކްޝަންއާމެދު ރައްޔިތުންގެ މެދުގައި އޮންނަ އިތުބާރު ވަނީ އެތައް ގުނައަކަށް އިތުރުވެފައެވެ. އަދިވެސް އުއްމީދަކީ ޖަލު އޮޑިޓް ރިޕޯޓްގައި ބަޔާން ކޮށްފައިވާ ގިނަ ކަންކަން ވީހާވެސް އަވަހަށް އިސްލާޙުވެ، މުއައްސަސާގެ ހިންގުން އިތުރަށް ހަރުދަނާވެގެން ދިއުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ