ޔާމީންއާ މެދު ތަފާތު ނުކުރޭ، ވަކީލުންނާ ބައްދަލުކުރަން ފުރުސަތުދީ

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވަކީލުންނާ ބައްދަލުކުރެވޭނެ އިންތިޒާމު ހަމަޖައްސައިނުދީ، ކްރިމިނަލް ކޯޓުގައި މައްސަލައެއް ތާވަލުކުރުމަކީ އަނިޔާވެރިވުން ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.
ޔާމީންގެ މައްޗަށް އެންމެފަހުން އުފުލާފައިވަނީ މަނީ ލޯންޑަރިން ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އެވެ. މި ދެ ދައުވާގެ ޝަރީއަތް ވެސް މާދަމާ ހެނދުނު 10 ގައި ފެށުމަށް ވަނީ ތާވަލުކޮށްފައެވެ.
އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޔާމީނަށް ވަކީލުންނާ ބައްދަލު ނުކުރެވި ގިނަ ދުވަސްތަކެއް ވަމުންދާތީ އާއި އެކަން ހަމަޖައްސައިދިނުމަށް ހައިކޯޓުގެ ފަނޑިޔާރުން އަމަރުކުރެއްވި ފަހުން ވެސް މަހަކަށް ވުރެ ގިނަ ދުވަސް ވެގެންދިޔައިރު ވެސް ކަރެކްޝަންސްގެ ފަރާތުން އެކަން ހަމަޖައްސާދީފައި ނުވާ ކަމަށެވެ.
އަދި މިދިޔަ ބުރާސްފަތި ދުވަހު ހޯމް މިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު އިމްރާން އަބްދުﷲ ގެ އަރިހުން ވެސް އެކަމަށް އެދިވަޑައިގެންފައިވާ ކަމަށާއި ނަމަވެސް އެކަން ހަމަޖައްސަވައި ނުދެއްވާ ކްރިމިނަލް ކޯޓުގައި މައްސަލައެއް ތާވަލުކުރުމަކީ އެމަނިކުފާނަށް އަމާޒު ކުރެވިގެން ހިންގާ ސިޔާސީ ހަރަކާތެއް ކަމަށް ގަބޫލުކުރާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
"އަދި އެއީ އެމަނިކުފާނަށް އަނިޔާވެރިވުން ކަމަށް ވެސް މި ކޯލިޝަނުން ގަބޫލުކުރަން" އެ ބަޔާނުގައި ބުނެފައިވެއެވެ.
ޔާމީނަށް ކުރެވޭ ދައުވާތަކާއި، ހިންގޭ ޝަރީއަތްތަކުގައި ހަމަހަމަކަމާއި އިންސާފުވެރިކަން އިސްކޮށް، ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ހައްގުތައް އެންމެންނަށް ވެސް ހަމަހަމަކަމާއެކު ލިބޭނެ ލިބޭނެ އިންތިޒާމުތައް ހަމަޖައްސަވައި ދެއްވާ އަނިޔާވެރިވުމަށް ފުރުސަތު ދެއްވުމެއް ނެތި، އިންސާފުވެރިކަމާއެކު ގާނޫނީ އެންމެހާ ކަންކަން ކުރިއަށް ގެންދިޔުމަށް ވެސް އިދިކޮޅުން ވަނީ ސަރުކާރަށް ގޮވާލާފައެވެ.
އެގޮތުން ޔާމީނަށް ވަކީލުންނާއި ބައްދަލުވެ، ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު އެކަށީގެންވާ ފުރުސަތާއި ވަގުތު ދެއްވުމަށްފަހު ނޫން ގޮތަކަށް ޝަރީއަތުގެ ކަންކަން ކުރިއަށް ނުގެންދިޔުމަށް ވެސް ވަނީ ގޮވާލާފައެވެ. އަދި މީގެކުރިން ވެސް ރާއްޖޭގައި ޝަރީއަތް ގެންގޮސްފައިވަނީ މި އުސޫލުން ކަމަށްވާއިރު ޔާމީންއާ މެދު ތަފާތުކުރުންތައް ނުގެންގުޅުމަށް ވެސް ވަނީ ގޮވާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ