ސީއެސްސީގެ ރައީސް އިސްތިއުފާ ދެއްވައިފި

ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް ޑރ.ޢަލީ ޝަމީމް މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.
ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް އިސްތިއުފާ ދެއްވާފައިވާކަން ހާމަކޮށްފައިވަނީ މިއަދުގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. މަޖިލީހުގެ ރައީސް ވިދާޅުވީ ސީއެސްސީގެ ރައީސް އިސްތިއުފާ ދެއްވުމާއި ގުޅިގެން މަޖިލީހުގެ މިނިވަން މުއައްސަސާތަކާއިބެހޭ ކޮމިޓީން ވަކިކުރަން ނިންމާފައިވާ 4 މެމްބަރުންގެ ތެރޭގައި ހިމެނޭ ޝަމީމްގެ ނަން ކޮމިޓީ ރިޕޯޓުން އުނިވާނެކަމަށެވެ. ކޮމިޓީން ނިންމާފައިވަނީ މެމްބަރުކަމުން ފާޠިމަތު އާމިރާ ފިޔަވައި ދެންތިއްބެވި 4 މެމްބަރުން ވަކިކުރުމަށެވެ.
އާމިރާ ފިޔަވައި ދެންތިއްބެވި 4 މެމްބަރުން ވަކިކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމާފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ. މިއަދުގެ ޖަލްސާގައި ކޮމިޓީގެ ރިޕޯޓް ހުށަހަޅައި ބަހުސްއަށްފަހު ވޯޓަށް އަހާނެކަމަށް ބެލެވެއެވެ.
އާމިރާ ފިޔަވައި ދެންތިއްބެވި 4 މެމްބަރުން ކޮމިޓީން ވަކި ކުރުމަށް މީގެކުރިންވެސް ވަނީ ކޮމިޓީން ނިންމާފައެވެ. އާމިރާގެ މައްސަލައިގަ ކޮމިޓީން ވަނީ ލިޔުމުން ޖަވާބުދާރީވުމަށް 5 ދުވަހުގެ މުއްދަތެއް ދެއްވާފައެވެ. އާމިރާ ފިޔަވައި ކޮމިޝަނުގައި ހިމެނި ވަޑައިގަންނަވާ އެހެން މެމްބަރުން ވަކިކުރުމަށް ނިންމާ އެކަން ކުރިއަށް ގެންދިއުމަށް އެމެމްބަރުން ލިޔުމުން ޖަވާބުދާރީވުމަށް އަންގަވާފަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހުއެވެ.
ކޮމިޓީންވަނީ އާމިރާއަށް ތުހުމަތުކުރެވުނު ކަންތައްތަކާއި ގުޅިގެން މައްސަލަތައް ސާފުކޮށް އާމިރާ ވަކިކުރަންޖެހޭ ސަބައެއް ނެތްކަމަށް ނިންމާފައެވެ. އާމިރާ ވަކިކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ފާސްކުރުމަށް ހުށަހެޅުއްވީ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމްއެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމެވެ. މިމައްސަލައިގަ ނެގި ވޯޓުގައި އާމިރާ ކޮމިޝަނުން ވަކިކުރުމަށް ނުފެންނަކަމަށް ކޮމިޓީގެ 5 މެމްބަރުންވަނީ ވޯޓު ދެއްވާފައެވެ.
ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ.ޢަލީ ޝަމީމާއި، ނާއިބު ރައީސް ޝަހީދު މުޙައްމަދާއި މެމްބަރު ޒަކަރިއްޔާ ޙުސައިނާއި މެމްބަރު އިބްރާހީމް ޝަހީޤާ ގުޅޭގޮތުން މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ބަލާފައި ވަނީ މައިގަނޑު 5 މައްސަލައެކެވެ. އޭގެ ތެރޭގައި ހިމެނެނީ ސިވިލް ސަރވިސް މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގައި ގެންގުޅެފައިވާ ނާއިންސާފު ގޮތްތަކުގެ މައްސަލަތަކާއި، އޮފީސްތަކުގެ ބައެއް ޕާމަނަންޓް ސެކްރެޓެރީން އައްޔަންކުރުމުގައި ނުފޫޒުގެ ބޭނުންކުރުމާއި، ކޮމިޝަނުގެ ބައެއް މަޤާމުތަކަށް މުވައްޒަފުން ނެގުމުގައި އަމަލުކޮށްފައިވާ ގޮތާއި، ކޮމިޝަންގެ މެމްބަރުންގެ މެދުގައި ހުރި މައްސަަލަތަކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ