ކޮވިޑް-19: މިހާރު އައިސީޔޫގައި ދިހަ މީހުން، ވެންޓިލޭޓަރުގައި ދެމީހުން

ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިހާރު އައިސީޔޫގައި ދިހަ މީހަކަށް ފަރުވާ ދެމުން ގެންދާ ކަމަށާއި އޭގެ ތެރެއިން ދެމީހަކަށް ފަރުވާ ދެމުން ގެންދަނީ ވެންޓިލޭޓަރުގައި ކަމަށް އެޗްއީއޯސީން ވިދާޅުވެއްޖެއެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ.ނަޒްލާ ރަފީގު ވިދާޅުވީ މިހާރު އައިސީޔޫގައި ފަރުވާ ދެމުން ގެންދާ ދިހަ މީހުންގެ ތެރެއިން ފަސް މީހުންނަށް ފަރުވާ ދެމުން ގެންދަނީ ދަރުމަވަންތަ ހޮސްޕިޓަލްގައި ކަމަށެވެ. އަނެއް ފަސް މީހުންނަށް ފަރުވާ ދެމުން ގެންދަނީ ހުޅުމާލޭގައި ހުންނަ ކޮވިޑް-19 މެޑިކަލް ފެސިލިޓީގައެވެ.
ރާއްޖޭގައި ކޮވިޑް-19 ޖެހިފައި މިހާރު 2461 މީހުން އެބަތިއްބެވެ. އޭގެ ތެރެއިން 150 މީހަކު ވަނީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައެވެ.
ހަލުވިކަމާއި އެކު މާލެ ސަރަހައްދުގައި ކޮވިޑް-19 ފެތުރެމުން ދާއިރު މާލެ ސަރަހައްދުގައި ކޮވިޑް-19 ޖެހޭ މީހުންނަށް ފަރުވާ ދިނުމަށް ހުރީ 268 އެނދެއެވެ. އެއީ ހުޅުމާލޭގައި ހުރި ކޮވިޑް މެޑިކަލް ފެސިލިޓީގައި 250 އެނދު އަދި ދަރުމަވަންތަ ހޮސްޕިޓަލްގައި 18 އެނދެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ