ޔާމީން ފުލުހަށް ހާޒިރުކޮށް ދެ ގަޑިއިރަށް ފަހު ދޫކޮށްލައިފި

ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރު، އަދި އިދިކޮޅު ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަބުދުﷲ ޔާމީން ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލު ކުރުމަށް ފަހު ދޫކޮށްލައިފި އެވެ.
ޔާމިން މިއަދު މެންދުރި 11 ޖެހި އިރު ފުލުހަށް ހާޒިރުވަމަށް ރޭ ޗިޓް ފޮނުވާފައި ވަނީ، މާލޭގައި ސިލްސިލާކޮށް މިހާރު ކުރިއަށް ގެންދާ މުޒާހަރާތަކާ ގުޅިގެން ޔާމީން ދައްކަވާފައި ހުރި ބައެއް ވާހަކަތަކާ ގުޅޭ ތަފްސީލުތައް ފުލުހުން ބަލަން ބޭނުންވާތީ ކަމަށް ޔާމީން ވިދާޅުވި އެވެ.
މިއަދު ފުލުހަށް ހާޒިރުވެ ދެ ގަޑިއިރަށް ވުރެ ދިގު ތަހުގީގަކަށް ފަހު ނުކުމެ ވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޔާމިން ވިދާޅުވީ ފުލުހުން ސުވާލު ކުރެއްވީ އޭނާ މުޒާހަރާތަކުގައި ދައްކާފައި ހުރި ވާހަކަތަކާ ގުޅޭ ގޮތުން ކަމަށާއި އަދި އެއީ ކިހިނެތް ދައްކާފައި ހުރި ވާހަކައެއްތޯ އާއި އެ ވާހަކަތަކުގެ މަތުލަބަކީ ކޮބައިތޯ ކަމަށެވެ.
ޔާމީން ވިދާޅުވީ މުޒާހަރާގައި ވާހަކަ ދައްކަވަމުން ފުލުހުންނަށް ގާނޫނާ އެއްގޮތަށް ތަބާވުމަށް އޭނާ ކުރި އަމުރުގެ ތަފުސީލުގައި ފުލުހުންނާ ސިފައިންނަކީ ގާނޫނަށް ތަބާވާން ޖެހޭ ބައެއް ކަމަށް ވިދާޅުވި ކަމަށެވެ. އަދި ގާނޫނު ހަދާ މީހެއްގެ ހައިސިއްޔަތުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން ކުރިއަށް އޮތް ތާންގައި ވެސް އެ އަމުރު އެގޮތަށް ކުރައްވާނެ ކަމަށް ތަހުގީގުގައި ވިދާޅުވި ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
"އަޅުގަނޑު ދެންނެވިން ފުލުހުންނާ ސިފައިންނަށް އަންނަ ހުރިހާ އަމުރަކީ ގާނޫނީ އަމުރެއް ކަމަށް ގަބޫލު ނުކުރާ ކަމަށް. އެހެންވެ ގާނޫނީ އަމުރަށް ފުލުހުންނާ ސިފައިން ތަބާވަން ޖެހޭނެ. ގާނޫނު އަސާސީގައި ވެސް ކޮންމެ މީހަކަށް ލާޒިމު އެބަކުރޭ ތަބާވާން،" ޔާމިން ވިދާޅުވި އެވެ.
ޔާމިން ވިދާޅުވީ އޭނާ މުޒާހަރާގައި ވާހަކަ ދައްކަވަމުން ފުލުހުންގެ ތެރެއިން ގާނޫނާ ޚިލާފު އަމުރަކަށް ތަބާނުވެގެން ވަޒީފާ އިން ވަކިކޮށްފި ފުލުހަކަށް ހަމަޖައްސައިދޭނެ ކަމަށް ޔާމީނު ވިދާޅުވީ ކޮން ކަހަލަ ކަންތައްތަކެއްތޯ ސުވާލު ކުރި ކަމަށެވެ. އަދި އޭގެ ޖަވާބުގައި ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން ގާނޫނާ ޚިލާފު އަމުރަކަށް ތަބާނުވެގެން ވަޒީފާ އިން ވަކިވެއްޖެ ކަމަށް ވަންޏާ އެމީހުންނަށް ވަޒީފާ ކޮންމެ ވެސް ދިމާލަކުން ހަމަޖައްސައިދޭން ޚިޔާލުގައި ހުރީތީ އެ މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި ކަމަށެވެ. ނަމަވެސް އެއީ ފުލުހުން ނުވަތަ ސިފައިން އެމީހުންގެ ވަޒީފައިގައި ތިއްބައި ކަންތައްތަކެއް ކޮށްދޭނެ ކަމަށް ވިދާޅުވި ވާހަކަތަކެއް ނޫން ކަމަށް ޔާމިން ވިދާޅުވި އެވެ. އަދި ފުލުހުންނާއި ސިފައިންގެ މުއައްސަސާ ތެރޭގައި ހަލަބޮލިކަން އުފައްދަން މަސައްކަތް ނުކުރާއްވާ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
"ތަކުރާރުކޮށް އަޅުގަނޑު މިދަންނަ ވަނީ ގާނޫނާ އެއްގޮތް އަމުރަށް ފުލުހުންނާއި ސިފައިން ތަބާވާށޭ. ގާނޫނާ އެއްގޮތް އަމުރެއް ނޫނީއްޔާ އެއަކަށް ތަބާވާކަށް ނުޖެހޭނެ އޭ،" ޔާމީން ވިދާޅުވި އެވެ.
ސިފައިންނާއި ފުލުހުންގެ ތެރޭގައި ވެސް ކުށްކުރާ މީހުން ތިއްބެވި ކަމަށް ޔާމީން ވިދާޅުވެފައި ވާތީ އެއީ ވަކި ބަޔަކަށް ނިސްބަތްކޮށް ދެއްކެވި ވާހަކައެއްތޯ ފުލުހުން ޔާމިނާ ސުވާލު ކޮށްފައިވެ އެވެ. އަދި އެކަމުގެ މައުލޫމާތަކީ ކޮބައިތޯ އެހުމުން އެއީ ވަކި އޮފިސަރަކަށް ނުވަތަ ވަކި ފުލުހަކަށް ނިސްބަތްކޮށް ދެއްކި ވާހަކަ އެއް ނޫން ކަމަށާއި ނަމަވެސް ފުލުހުންގެ ތެރޭގައި ވެސް ތޮބީއީ ގޮތުންނާއި ޒުރޫރީ ގޮތުން ކުށްކުރާ ފުލުހުން ތިބޭނެކަން ފާހަގަ ކުރެވިގެން ދެއްކެވި ވާހަކައެއް ކަމަށް ވިދާޅުވެފައި ވާނެ ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި ބައެއް މީހުންނަށް ހުކުމް އައިސް ވަޒީފާ އިން ވަކިކޮށްފައި ހުރި ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
"އެމީހުންނަކީ އިންސާނުންނަށް ވާތީ ފުލުހުންގެ ތެރޭގައި ވެސް ތޮބީއީ ގޮތުން ކުށަށް އަރައިގަތުމަކީ އެމީހުން (ފުލުހުން) ކުރާ ކަމެކޭ. އެއީ ވަކި މިހާރު ނޫނީ އިއްޔެ ނޫނީ ފަހުން ތިބޭ ބަޔަކު ކުށެއް ނުކުރާނެ ކަމަށް ބުނުމުގެ ގޮތުން ބުނި ވާހަކައެއް ނޫން. އެކަން ކުރިއަށް އޮތް ތާނގާއި ވެސް ކުރާނެ،"
ޔާމީން ވިދާޅުވީ ފުލުހުންގެ ފަރާތުން އޭނާ އަށް ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުން އަންނަ ކަމަށާއި މިއަދު އެ މަނިކުފާނު ސްރީލަންކާ އަށް ފުރާވަޑައިގަތުމަށް ހަމަޖެހިފައި އޮތުމުން ފުލުހަށް ހާޒިރު ވުމަށް އޮތް ގަޑި އަވަސް ކޮށްދެއްވި ކަމަށެވެ. މިހާރު ރާއްޖޭގައި ހިނގާ ކަންތައްތައް ބޭރުގެ މީޑިއާތަކާއި ޑިޕޮލެމެޓިކް މިޝަންތަކާ ހިއްސާ ކުރައްވާނެ ކަމަށް ޔާމީން ވަނީ ވިދާޅުވެފަ އެވެ. އަދި މިރާއްޖޭގެ މިހާރުގެ ހާލަތާ ގާނޫނުގެ ބާރު ހިންގަން ސަރުކާރުން ދެކޮޅުހަދާ ހެދުން ބޭރުގެ ފަރާތްތަކަށް ބުނެދެއްވާނެ ކަމަށް ޔާމީން ވިދާޅުވި އެވެ. ޔާމީން ވިދާޅުވީ ސަރުކާރުން ބައިނަލްއަގުވާމީ މުޖުތަމައަށް މިހާރު ހިންގާ ކަންތައްތައް ބުނެދީފައި ވަނީ ރަނގަޅަށް ނޫން ކަމަށެވެ.
-----------------------
13:25 ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލު ކުރުމަށް ފަހު ދެންމެ ދޫކޮށްލައިފި އެވެ.
ޔާމީން ވިދާޅުވީ މިއަދު އެ މަނިކުފާން ސްރީލަންކާ އަށް ފުރާވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށާއި އެ ވާހަކަތައް ޑިޕޮލެމެޓިކް މިޝަންތަކާ ހިއްސާ ކުރައްވާނެ ކަމަށެވެ.
ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ރައީސްކަންވެސް ކުރައްވާ ޔާމީން ފުލުހަށް ހާޒިރުވި އިރު ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ބައެއް ބޭފުޅުން ވެސް އެ ސަރަހައްދަށް ވަޑައިގެން ތިއްބެވި އެވެ. ޔާމީން ފުލުހަށް ހާޒިރު ކުރީ ހުށަހެޅިފައިވާ މައްސަލައަކާއި ގުޅިގެން ސުވާލުކުރުމަށެވެ. (ތަފުސީލު އަންނަނީ)
ލިޔުމާ ގުޅޭ އޯޑިއޯ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ