ކުރީގެ އެކްޓަރު ދަރުމެންދުރައަށް އައިސީޔޫގައި ފަރުވާދެނީ

އިންޑިއާގެ ހިންދީ ސިނަމާގެ ލެޖެންޑުންގެ ތެރޭގައި ހިމެނޭ ދަރުމެންދްރާ (ދަރޭ) ހޮސްޕިޓަލުގައި އެޑްމިޓްކޮށް އައިސީޔޫގައި ފަރުވާ ދެމުން ދާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. އިންޑިއާގެ މީޑިއާތަކުން ބުނެފައިވާ ގޮތުގައި އުމުރުން 89 އަހަރުގެ އެކްޓަރު ހޮސްޕިޓަލަށް ގެންދިޔައީ ނޭވާލުމަށް ދަތިވުމުގެ ސަބަބުންނެވެ. މުމްބާއީގެ ބްރީޗް ކެންޑީ ހޮސްޕިޓަލުގައި ދަރޭއަށް ފަރުވާ ދެމުން ދާ ކަމުގެ ޚަބަރުތައް ފެތުރުމާއެކު އެކްޓަރަށް ތާއީދުކުރާ ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެހެންނަމަވެސް ކަންބޮޑުވާންޖެހޭ ވަރުގެ ކަމެއް ނެތް ކަމަށާއި ދަރޭގެ ސިއްހީ ހާލަތު އިހުނަށްވުރެ ވަރަށް ބޮޑަށް ރަނގަޅު ކަމަށް އާއިލާއާ ހަވާލާދީ މީޑިއާތަކުން ވަނީ ބުނެފައެވެ. ދަރޭގެ ހާލު އެއްކޮށް ރަނގަޅުވަންދެން ހޮސްޕިޓަލުގެ އައިސީޔޫގައި އޮބްޒަވޭޝަންގައި ބޭއްވުމަށް ޑޮކްޓަރުން ނިންމަވާފައިވާ ކަމަށްވެސް އިންޑިއާގެ މީޑިއާތަކުން ވަނީ ބުނެފައެވެ. ދަރޭ އާއިލާގެ މެމްބަރުންނާ އެކު--ފޮޓޯ/ފިލްމުފެއަ ހިންދީ ސިނަމާގެ ސިލްވަ ސްކްރީންގެ އެންމެ މަގުބޫލު އެކްޓަރުންގެތެރޭ ހިމެނޭ ދަރޭ އަކީ އުމުރުން ދުވަސްވެފައިވީ ނަމަވެސް ވަރަށް ހަރަކާތްތެރި ދިރިއުޅުމެއް އުޅެމުން އަންނަ އެކްޓަރެއްކަން ފާހަގަކުރެވެއެވެ. ވަރަށް މަދުން މިހާރު ފިލްމުތަކުން ފެންނަ އެކްޓަރު އެންމެ ފަހުން ބެލުންތެރިންނަށް ފެނުނު ފިލްމުތަކުގެ ތެރޭގައި "ތޭރީ ބާތޯ މެ އޭސަ އުލްޖާ ޖިއާ" ހިމެނެއެވެ. ދަރޭގެ ބައިވެރިވުން ފިލްމުތަކުގައި ހިމެނުނު ނަމަވެސް އެކްޓަރު ފިލްމުތަކުން ފެންނަނީ ވަރަށް މަދު ސީންތަކަކުންނެވެ. ދަރޭ ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ ފިލްމު "ޝޯލޭ"ގައި އޭނާއާއެކު އެންމެ މުހިއްމު ރޯލް ކުޅުނު އެކްޓަރު އަމީތާބް ބައްޗަންގެ ކާފަ ދަރިފުޅު، އަގަސްތިއާގެ ފިލްމު "އިއްކީސް"ގެ ރޯލަކުންނެވެ. މި ފިލްމުގެ ޓްރެއިލާ ވަނީ މިދިޔަ ހަފުތާގެތެރޭ ރިލީޒްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ