ހިތުގެ ބަލި ހުންނަ 3000 ކުދިންނަށް އެހީވެގެން ޕަލަކްގެ ނަން ރެކޯޑް ފޮތަށް

އިންޑިއާގެ ޒުވާން ލަވަކިޔުންތެރިޔާ ޕަލަކް މުޗަލްއަށް ދުނިޔޭގެ ޝަރަފުވެރި ރެކޯޑު ފޮތް (ޖީނަސް ބުކް އޮފް ވޯލްޑް ރެކޯޑްސް)އިން ޖާގަ ލިބިއްޖެއެވެ. އުމުރުން 33 އަހަރުގެ ޒުވާން ލަވަކިޔުންތެރިޔާއަށް ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަ ލިބުނީ ހިތުގެ ބަލި ހުންނަ 3،800 ކުދިންނަށް ހިތުގެ އޮޕަރޭޝަން ކުރުމަށް ފައިސާގެ އެހީތެރިކަން ވެދިނުމުންނެވެ. ޖީނަސް ބުކް އޮފް ވޯލްޑް ރެކޯޑްސްގެ އިތުރުން ޕަލަކްއަށް ވަނީ ލިމްކާ ބުކް އޮފް ރެކޯޑްސްއިން ވެސް ޖާގަ ލިބި ނަން އެ ފޮތަށް ވެސް އަރުވާފައެވެ. ރަން އަޑުގެ ވެރިޔާ ޕަލަކް ވަނީ އަމިއްލަ އެންޖީއޯ ފައުންޑޭޝަން ކަމަށްވާ "ޕަލަކް ޕަލާޝް ޗެރިޓަބްލް" މެދުވެރިކޮށް އިންޑިއާގެ އެކި ކަންކޮޅުތަކަށް ނިސްބަތްވާ ފަގީރު ކުދިންނަށް ހިތުގެ އޮޕަރޭޝަން ކުރުމަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައެވެ. އެހީތެރިކަން ބޭނުންވެފައި ތިބި އެތައް ހާސް ކުދިންނަށް އެހީތެރިވުމާ އެކު ފަލަކް ވަނީ މިއުޒިކަށް އޮތް ލޯބީގެ އިތުރުން އޭނާ އަކީ އިންސާނިއްޔަތު ކަމަށް ވެސް ލޯބިކުރާ މީހެއްކަން ސާބިތުކޮށް މަޝްހޫރު އެތައް ބަޔަކަށް އޭގެ ލާމަސީލު މިސާލު ދައްކާފައެވެ. ޕަލަކް ފިރިމީހާ އަދި ކުޅަދާނަ ލަވަކިޔުންތެރިޔާ މިތޫންއާ އެކު--ފޮޓޯ/ޕިންކްވިލާ ޕަލަކް އަކީ ވަރަށް ކުޑައިރުއްސުރެ އާއްމުންނަށް އެހީތެރިވުމަށް ޝައުގުވެރިކަން ހުންނަ ފަންނާނެކެވެ. އެގޮތުން ފަގީރު ކުދިންނަށް އެހީތެރިވުމުގެ ދަތުރު ފެށުނީ ކުޑައިރުއްސުރެ ކުރަމުން ދިޔަ ރޭލު ދަތުރުތަކުގެ ތެރެއިން ބައްދަލުވަމުންދިޔަ އެހީތެރިކަން ބޭނުންވެފައިވާ ފަގީރު ކުދިންގެ ސަބަބުންނެވެ. އޭރުވެސް ހިތުގައި އަޒުމަކަށް ކަނޑައެޅީ ކޮންމެވެސް ދުވަހަކު އެފަދަ ކުދިންނަށް ޕަލަކްގެ ފަރާތުން އެހީތެރިކަން ހޯދައިދިނުމަށް ކަމަށް ކުޅަދާނަ ލަވަކިޔުންތެރިޔާ ވަނީ ބުނެފައެވެ. އޭގެ އަހަރުތަކެއް ފަހުން އަމިއްލަ ނަފުސަށްވީ ވައުދުގެ ނަތީޖާ އަކީ "ޕަލަކް ޕަލާޝް ޗެރިޓަބްލް ފައުންޑޭޝަން" ކަމަށް ޕަލަކް ވަނީ ބުނެފައެވެ. ޕަލަކް ވަނީ މީގެކުރިންވެސް ހާލުގައި ޖެހިފައިވާ ގިނަ ބަޔަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން އިންޑިއާގެ ގުޖްރާތަށް އައި ބިންހެލުމެއްގައި މަރުވި މީހުންގެ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދީ 10 ލައްކަ ރުޕީސް އާއިލާތަކަށް ވަނީ ހަދިޔާކޮށްފައެވެ. ޕަލަކްގެ ކެރިއަރުގެ މަޝްހޫރު ލަވަތަކުގެތެރޭ "މެރީ އާޝިޤީ"، "ކޯން ތުޖޭ" އަދި "ޕްރޭމް ރަތަން ދަން ޕާޔޯ" ފަދަ ލަވަތައް ހިމެނެއެވެ. މީޑިއާއަށް މައުލޫމާތު ދެމުން ޕަލަކް ބުނީ މިއުޒިކީ ދާއިރާގައި މަސައްކަތްކޮށްގެން ލިބޭ އާމްދަނީގެ މިންވަރު މަދުވި ނަމަވެސް އެއްވެސް ކުއްޖަކަށް ލިބެންޖެހޭ ފައިސާގެ އެހީތެރިކަމަށް ހުއްޓުމެއް ނުވަތަ މެދުކެނޑުމެއް ނާންނާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ