'ދުރަންދާރު'ގެ ދެވަނަ ބައެއް ގެނެސްދެނީ

މިދިޔަ ހުކުރު ދުވަހު ޕްރީމިއާކޮށް ބެލުންތެރިންގެ ހޫނު ތަރުހީބެއް ލިބެމުން އަންނަ އެކްޓަރު ރަންވީރު ސިންގްގެ އާ ފިލްމު "ދުރަންދާރު" ނިންމާލީ އެ ފިލްމުގެ ދެވަނަ ބައެއް އަންނަ އަހަރު ގެނެސްދޭނެ ކަމުގެ އުއްމީދު ފިލްމު ބަލަން ދިޔަ މީހުންނަށް ދެމުންނެވެ. ވޭތުވެދިޔަ 17 އަހަރުތެރޭ ސިނަމާއަށް ގެނެސްދިން ބޮލީވުޑްގެ އެންމެ ދިގު ފިލްމުގެ ރިކޯޑު "ދުރަންދާރު"އަށް ލިބިފައިވާއިރު ގިނަ ބަޔަކު އުންމީދުކުރީ ފިލްމުގެ ވާހަކަ ނިމުނީ ކަމަށެވެ. އެހެންނަމަވެސް، ފިލްމުގެ އެންމެ ފަހު ޗެޕްޓާ ނިންމާލީ "ދުރަންދާރު 2"ގެ ނަމުގައި ފައިނަލް ޗެޕްޓާއެއް ގެނެސްދޭނެ ކަމަށް ބުނެ ފިލްމު ޕްރީމިއާ ކުރާނެ ތާރީޚު ވެސް ބެލުންތެރިންނަށް ދެމުންނެވެ. މިހާރު ވެސް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދަމުން އަންނަ ފިލްމަށް ބެލުންތެރިންގެ ފަރާތުން ލިބެމުން އަންނަ ތަރުހީބަށް ބަލާފައި މި ފިލްމުގެ ދެވަނަ ބައި މިއަށްވުރެ އަދި މާ ޝައުގުވެރިވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ބެލުންތެރިންގެ ތެރެއިން ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. ރަންވީރު ސިންގް ފިލްމު "ދުރަންދާރު"ގެ މަންޒަރެއްގައި--ފޮޓޯ/އިންޑިއަންއެކްސްޕްރެސް ރިލީޒްކުރިތާ އެންމެ ހަތަރު ދުވަސް ތެރޭ ބޮކްސް އޮފީހުގެ 100 ކްރޯޑު ކްލަބުން ޖާގަ ހޯދި ޑައިރެކްޓަރު އަދިތިޔަ ދަރުގެ "ދުރަންދާރު"ގެ އަޑު ސިނަމާތަކުގައި ވަރަށް ގަދަ ކަމަށާއި މި ފިލްމަކީ މި އަހަރު ރިލީޒްކުރާ ހިންދީ ފިލްމުތަކުގެ ތެރެއިން ވިޔަފާރި އެންމެ ރަނގަޅު ތިން ފިލްމުގެ ތެރޭ ހިމެނޭނެ ފިލްމެއް ކަމަށް ޓްރޭޑް އެނަލިސްޓުން އަންނަނީ ބުނަމުންނެވެ. ރަންވީރު ސިންގްގެ އިތުރުން ބޮލީވުޑްގެ ތަޖުރިބާކާރު އެކްޓަރުން ކަމަށްވާ އަރުޖުން ރާމްޕާލް، އާރް މާދަވަން، އަކްޝޭ ކަންނާ އަދި ސަންޖޭ ދަތު މުހިއްމު ރޯލް ކުޅެފައިވާ "ދުރަންދާރު 2" ސިނަމާތަކަށް ގެންނާނެކަން އިއުލާނުކޮށްފައިވާ ތާރީޚަކީ އަންނަ އަހަރުގެ މާރިޗު މަހުގެ 19 ވަނަ ދުވަހެވެ. ފާހަގަކޮށްލަންޖެހޭ ކަމަކީ ޑައިރެކްޓަރު އަދިތިޔަ ދަރުގެ "ދުރަންދާރު 2" ރިލީޒްކުރާ ތާރީޚުގައި ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ތެލުގޫ ފިލްމު "ކޭޖީއެފް"ގެ އެކްޓަރުގެ "ޓޮކްސިކް" ވެސް ބެލުންތެރިންނަށް ގެނެސްދޭން ނިންމާފައިވާ ކަމެވެ. އެހެންކަމުން މިއީ ހިންދީ ސިނަމާއަށް ލޯބިކުރާ މީހުންނާއި ސައުތު ސިނަމާގެ ފިލްމުތަކަށް ލޯބިކުރާ މީހުންގެ މެދުގައި ވަރަށް ހޫނު ހަނގުރާމައެއް ފެށޭނެ ދުވަހަކަށް ވާނެ ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ