ފީފާގެ ފައިސާއަށް ހިޔާނާތްތެރިވި މައްސަލައެއް ފީފާއިން އެދިގެން ނޫނީ ރާއްޖޭގެ ކޯޓަކަށް ނުބެލޭނެ: ބައްސާމް

ފީފާއިން އެފްއޭއެމްއަށް ދިން ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތުކުރާ މައްސަލައެއްގައި ދައުވާކޮށް ޖިނާއީ ޝަރީއަތެއް ހިންގޭނީ ފީފާއިން ހުށަހަޅާފައިވާނަމަ އެކަނި ކަމަށް އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް މިއަދު ކޯޓުގައި ވިދާޅުވެއްޖެ އެވެ.
ވީކިިހިނެއް؟ - މިހާރު ވެސް އެފްއޭއެމްގެ ކޮރަޕްޝަންގެ މައްސަލައެއްގައި 9 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ބައްސާމްގެ މައްޗަށް މި ވަގުތު ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ޝަރީއަތަކީ ފީފާއިން އެފްއޭއެމްއަށް ފައިސާ ބޭނުންކޮށްގެން އަމީން އެވެނިއުގެ އެޕާޓްމަންޓެއް ގަނެ އެ ފައިސާ ލޯންޑަކުރި ކަމަށް ބުނާ މައްސަލާގަ އެވެ.
މި މައްސަލާގައި މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ކުރިއަށް ގެންދިޔައީ ބައްސާމްގެ ފަރާތުން ހުށަހަޅާފައިވާ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް (ޕްރީ ޓްރެއިލް މޯޝަން)ތަކާ ގުޅޭ ގޮތުން ދެ ފަރާތުން ވާހަކަ ދައްކައި ގާޒީ ގޮތެއް ނިންމެވުމެވެ.
ތަފްސީލް - ބައްސާމްގެ ފަރާތުން ހުށަހެޅުއްވި އެއް ހުށަހެޅުމަކީ މި މައްސަލަ ކްރިމިނަލް ކޯޓުގައި ކުރިއަށް ނުގެންދެވޭނެ ކަމެވެ. އެ ގޮތުން ބައްސާމްގެ ވަކީލު އަބްދުﷲ ޝާއިރު ފާހަގަކުރެއްވި ކަންކަމަކީ:
ފީފާއިން ދިން ފައިސާގެ މައްސަލައެއް ބެލޭނީ ފީފާގެ ގަވާއިދުގެ ތެރެއިން ފީފާއަށް އެކަނި
މިފަދަ މައްސަލަތައް ބަލަން ފީފާގެ އެތެރޭގައި އެތިކަލް ކޮމިޓީއަކާއި ސްޕޯޓްސް އާބިޓްރޭޝަން ފަދަ މުއައްސަސާތައް ހުރީ ގާއިމުކޮށްފައި
ފީފާގެ އެތެރޭގައި ހިނގާ މިފަދަ ކަމެއް ފީފާގެ ބޭރުން، އެ ކަމެއް ހިނގި ގައުމެއްގެ ކޯޓަކަށް ބެލޭނީ ފީފާއިން ހުށަހަޅައިގެން ނުވަތަ ފީފާގެ މެންބަރެއް ގޮތުގައި އޮންނަ ތަނަކުން ހުށަހަޅައިގެން
މި ހާލަތުގައި ފީފާއިން އަދި އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީން ފާސްކޮށްގެން މިފަދަ މައްސަލައެއް ބަލަން ފުލުހަށް އަދި ޕްރޮސެކިއުޝަންސްއަށް ވެސް ހުށަހަޅާފައި ނުވޭ
މީގެ ކުރިން 2012 ވަނަ އަހަރު ވެސް، ފީފާގެ އެތެރޭގެ އިންތިހާބެއްގައި މަސްރަހު ހޫނުވެ ސޯޝަލް ސެންޓަރުގައި މާރާމާރީއެއް ހިންގައިގެން ވެސް އެ މައްސަލަ ނުބެލޭނެ ކަމަށް އޭރު ދިވެހި ފުލުހުން ނިންމި ކަމަށް ޝާއިރު ވިދާޅުވި އެވެ.
ބުނީ ކީކޭ؟ - މި ކަމާ ގުޅޭ ގޮތުން ބައްސާމަށް ވެސް ވާހަކަ ދައްކަވަން ދިން ފުރުސަތުގައި އޭނާ ވެސް ވިދާޅުވީ ފީފާއިން ދޭ ފަންޑެއްގެ މައްސަލަ ބަލާނީ ފީފާގެ ތެރެއިން ކަމަށެވެ. ފީފާއިން އެދިގެން ނޫނީ ފީފާއިން ބޭރުން އެހެން އެއްވެސް ތަނަކަށް ނުބެލޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ ގައުމެއްގެ ޖުޑިޝަލް ނިޒާމުގެ ތެރެއިން ބަލާ ކަންކަމެއް ނޫން މިއީ. މީގެ ކުރިން ފީފާއިން ވެސް މި މައްސަލަ ބަލާފައިވޭ. އޭއެފްސީގެ އެގްޒެކެޓިވް ކޮމިޓީން ސަސްޕެންޑް ވެސް ކުރި. ނަމަވެސް މައްސަލަ ބަލާފައި މައްސަލަ ނެތް ކަމަށް ނިންމާފައި އޮތީ،" މާފުށީ ޖަލުން އޮންލައިންކޮށް ޝަރީއަތުގައި ބައިވެރިވެވަޑައިގެންނެވި ބައްސާމް ވިދާޅުވި އެވެ.
ދައުލަތުގެ ބަސް - މި ކަމާ ގުޅިގެން ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ)ގެ ވަކީލު އަބްދުﷲ ޖިހާދު ވިދާޅުވީ އެފްއޭއެމްގެ ފައިސާއަށް ހިޔާނާތްތެރިވި މައްސަލައެއް ކަމާއި ރާއްޖޭގައި ހިނގަމުންދާ ކަމެއްގައި ޖިނާއީ ކަމެއް ހިނގުމުން އެ މައްސަލައެއް ބެލޭނެ ކަމަށެވެ.
ފީފާ އާއި ފީފާގެ މެންބަރެއްގެ ގޮތުގައި ރާއްޖޭގެ އޮތް ޖަމިއްޔާ އެފްއޭއެމްއިން ހިންގާ ކަންކަމުގައި ރާއްޖޭގެ ގާނޫނުތައް ނުހިނގާނެ ކަމުގެ ޑިޕްލޮމެޓިކް އިމްތިޔާޒެއް ދީފައިވާ ފަދަ މުއާހަދާއެއް ނުވަތަ އެއްބަސްވުމެއްގައި ދިވެހި ދައުލަތުން ސޮއިކޮށްފައި ނުވާ ކަމަށް ވެސް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.
ގާޒީގެ ނިންމެވުން - މި މައްސަލަ ބެއްލެވި ގާޒީ މުހައްމަދު މިސްބާހު ނިންމެވީ ފީފާގެ ގަވާއިދަކަށްވުރެ ކްރިމިނަލް ކޯޓަށް އިސްވާނީ ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމެވެ. އެ ގޮތުން:
ކްރިމިނަލް ކޯޓުގައި ހިނގަމުންދާ އެފްއޭއެމްއާ ގުޅޭ ޝަރީއަތްތަކާ ގުޅޭ ގޮތުން މިހާތަނަށް ވެސް ފީފާއިން އަދި އެފްއޭއެމްއިން ދެކޮޅު ހަދާފައިނުވޭ
ފީފާއިން މިކަމާ ގުޅޭ ގޮތުން ވަކި ގޮތަކަށް އެއްޗެއް ނުބުނަނީ، އެއީ ފީފާއިިން މި އިޖުރާއަތް މި ގޮތަށް ކުރިއަށްދާން ދޫކޮށްލައިގެން ތިބީމަ
ގާޒީ އެ ގޮތަށް ނިންމެވުމުން، ދަށު ކޯޓުގެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފްކުރާނެ ކަމަށް ބައްސާމްގެ ވަކީލު އަލީ ޝާހް ވިދާޅުވި އެވެ. އަދި މިއަދުގެ ވަގުތެއްގައި ގާޒީގެ ނިންމެވުން ލިއުމުން ދޫކުރުމަށް ވެސް ދިފާއީ ވަކީލު އެދިވަޑައިގެންނެވި އެވެ.
ގާޒީ މިސްބާހް ވިދާޅުވީ މިއަދުގެ ރަސްމީ ވަގުތު ހަމަވެފައިވާތީ މިއަދު ދޫކުރަން ދަތިވާނެ ކަމަށެވެ. ނަމަވެސް އަޑުއެހުން ނިމޭތާ 24 ގަޑިއިރު ނުވަނީސް، މާދަމާގެ ވަގުތެއްގައި ނިންމުން ބަޔާންކުރާ ލިޔުން ދޫކުރާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.
އެނގުން މުހިންމު - މި މައްސަލާގައި ބައްސާމްގެ އިތުރުން ދައުވާކޮށްފައިވަނީ:
މުހައްމަދު އަގީލް، ފެހިކުރި/ގއ. ގެމަނަފުށި - މަނީ ލޯންޑާ ކުރުމަށް އެހީތެރިވިކަމުގެ ކުށުގެ ދައުވާ
 ހަސަން ވަހީދު، މ. ހިރިނައިދޫ - މަނީ ލޯންޑާ ކުރުމަށް އެހީތެރިވިކަމުގެ ކުށުގެ ދައުވާ
އަމިން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް - މަނީ ލޯންޑާ ކުރުމަށް އެހީތެރިވިކަމުގެ ކުށުގެ ދައުވާ
މި މައްސަލާގައި އެފްއޭއެމްއަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 1 މިލިއަން ޑޮލަރު އަމިން ކޮންސްޓްރަކްޝަންއިން ނަގައިދިނުމަށް ދައުވާގައި ވަނީ އެދިފަ އެވެ.
މީގެ އިތުރުން، ބައްސާމު އަމިން އެވެނިއުގައި އުޅެމުންދިޔަ ދެ އެޕާޓުމެންޓް ވެސް ދައުލަތަށް ނަގައިދިނުމަށް ވަނީ އެދިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ