ބިލްތަކަށް ފައިސާދެއްކުން ފަސޭހަވާގޮތަށް، އެމްޑަބްލިއުއެސްސީގެ އެޕުން ލިބޭ ޚިދުމަތްތައް ފުޅާކޮށްފި
ސަރުކާރުގެ ފެން ކުންފުނި އެމްޑަބްލިއުއެސްސީގެ މޯބައިލް އެޕްލިކޭޝަނަށް ބައެއް ބަދަލުތައް ގެނެސް، މި އެޕްލިކޭޝަން މެދުވެރިކޮށް ދޭ ޚިދުމަތްތައް މިއަދު ފުޅާކޮށްފިއެވެ. އެމްޑަބްލިއުއެސްސީން ވަނީ އެ ކުންފުނީގެ އެޕްލިކޭޝަން އަޕްޑޭޓް އިއްޔެ އެޕް ސްޓޯތަކަށް ދޫކޮށްފައެވެ. އެޕް އަޕްޑޭޓްކުރި ދުވަސް ކަމަށް ގޫގަލް ޕްލޭ ސްޓޯރުން ދައްކަނީ މިދިޔަ ބުރާސްފަތި ދުވަހެވެ. އެ ކުންފުނިން ބުނީ، މިހާރު ބޭނުންކުރާ އެޕަށް ބަދަލުތައް ގެނައީ ކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތައް ލިބިގަތުން ފަސޭހަކޮށްދިނުމާއި އަވަސްކޮށްދިނުމުގެ އަމާޒުގައި ކަމަށާއި، ކަސްޓަމަރުންނަށް ފެނާއި ނަރުދަމާގެ ޚިދުމަތްތަކަށް އެދި ހުށަހެޅުމާއި، ބިލުތަކަށް ފައިސާ ދެއްކުން ފަދަ ޚިދުމަތްތައް ފަސޭހަކޮށްދިނުމަށް ކަމަށެވެ. މި އަޕްޑޭޓް ރަސްމީކޮށް އާންމުކޮށްދެއްވީ އެކަމަށްޓަކައި އެމްޑަބްލިއުއެސްސީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ޗެއާޕާސަން ޝަމްހޫޒާ އަހްމަދާއި މެނޭޖިން ޑިރެކްޓަރު އަބްދުލްމަތީން މުހައްމަދެވެ. އެމްޑަބްލިއުއެސްސީގެ އެޕްލިކޭޝަންގެ އާ އަޕްޑޭޓް އާންމުކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވި އެ ކުންފުނީގެ ބައެއް މުވައްޒަފުން --- ފޮޓޯ: އެމްޑަބްލިއުއެސްސީ އެމްޑަބްލިއުއެސްސީން ބުނީ، މި ބަދަލުގެ ސަބަބުން، ކުރިން އެ ކުންފުނީގެ މޯބައިލް އެޕުން ލިބުނު ޚިދުމަތްތަކުގެ އިތުރުން އީ-ޕޯޓަލް މެދުވެރިކޮށް ލިބެންހުރި ޚިދުމަތްތައް، އާ ޚިދުމަތްތަކާ އެކު ސީދާ އެޕް މެދުވެރިކޮށް ފޯރުކޮށްދޭނެ ކަމަށެވެ. މި އެޕުގައި އަލަށް ގެނައި ބައެއް ބަދަލުތަކަކީ: އީފާސް މެދުވެރިކޮށް ލޮގިން ކުރުން އީފާސް އިން ލޮގިން ކުރުމާއެކު އެ ފަރާތެއްގެ ނަމުގައިވާ މީޓަރުތައް ފެންނަން ހުރުން ކޮންމެ ތަނެއްގައި ހުރެ ފަސޭހަކަމާ އެކު ފެނާއި ނަރުދަމާގެ ޚިދުމަތަށް އޮންލައިންކޮށް އެދި ހުށަހެޅުން ކަސްޓަމަރުން އެދިފައިވާ ޚިދުމަތްތަކުގެ ތަފުސީލާއި މަސައްކަތް ގޮސްފައިވާ ހިސާބުގެ ސްޓޭޓަސް ވަގުތުން ބަލާލެވުމާއި އެ ޚިދުމަތްތަކަށް އެޕް މެދުވެރިކޮށް ފައިސާ ދެއްކުން މަލްޓިޕޭ މެދުވެރިކޮށް އެކި އެކައުންޓުތަކުގެ ބިލްތަކަށް އެއްފަހަރާ ފައިސާ ދެއްކުން މީޓާ ރީޑިން އާއި ފޮޓޯ އަޕްލޯޑުކޮށްލައިގެން މަހުގެ ކޮންމެ ހިސާބެއްގައި ވެސް ބިލު ހެދުމަށް ރިކުއެސްޓްކުރެވުން ސްމާޓް މީޓަރު ބޭނުންކުރާ ކަސްޓަމަރުން ފެން ބޭނުންކުރާ މިންވަރާއި ބިލަށް އަރާ ފައިސާގެ މިންވަރު ދުވަހުން ދުވަހަށް ބަލާލެވުން ސްމާޓް މީޓަރުތަކުން އެ ވަގުތަކު ބިލަށް އަރާފައިވާ މިންވަރު ދެނެގަތުން ސްމާޓް މީޓަރުތަކުން އެ މަހެއްގެ އަންދާޒީ ބިލުގެ މިންވަރު ދެނެގަތުން އެއް އަހަރު ދުވަހުގެ އެކައުންޓް ސްޓޭޓްމަންޓް ބަލާލެވުން އެމްޑަބްލިއުއެސްސީގެ އެޕްލިކޭޝަންގެ އާ އަޕްޑޭޓް އާންމުކޮށްދެއްވުމަށް ފަހު މަތީން ވާހަކަ ދައްކަވަނީ --- ފޮޓޯ: އެމްޑަބްލިއުއެސްސީ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މަތީން ވިދާޅުވީ، އެ ކުންފުނީގެ މޯބައިލް އެޕްލިކޭޝަންގެ އެޕް އާ ޚިދުމަތްތަކާ އެކު އަލުން އާންމުކުރުމަކީ ޒަމާނީ ޓެކްނޮލޮޖީ އާއި ވަސީލަތްތައް ބޭނުންކޮށްގެން ތިމާވެއްޓާ ރައްޓެހިގޮތެއްގައި ކަސްޓަމަރުން ކުންފުނީގެ ޚިދުމަތްތައް ހޯދުމުގައި ވީހާ ވެސް ލުއިފަސޭހަ ކޮށްދިނުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު ކުރިއެރުމެއް ކަމަށެވެ. އެމްޑަބްލިއުއެސްސީން ބުނީ، އެ ކުންފުނީގެ މޯބައިލް އެޕް އެޕަލް އެޕް ސްޓޯރުންނާއި ގޫގަލް ޕްލޭ ސްޓޯރުން ޑައުންލޯޑްކުރެވޭނެ ކަމަށެވެ. އަދި އެޕާ ގުޅުންހުރި މައުލޫމާތު ކަސްޓަމާ ސާވިސް ހޮޓްލައިން 105އިން ފޯރުކޮށްދެމުން ދާނެ ކަމަށާއި، އެޕުގެ މުހިންމު މައުލޫމާތު ކުންފުނީގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ