ތިބާއަށް އެންމެ ބޮޑަށް ބޭނުންވަނެ ދުވަހު އުފާވެރިކަމާ އެންމެ މަތީ ދަރަޖަ ލިބުން އެދިގެން ކުރަންވީ ކަންތައް ޤުރްއާނުން-

މީހެއްގެ ގާތު އުފާވެރިކަން އެންމެ ބޮޑަށް ބޭނުންވަނީ ކޮން ދުވަހަކުތޯ ސުވާލުކޮށްފިނަމަ އެއީ އުފަންދުވަސްކަމަށް ނުވަތަ ކައިވެނީގެ އަހަރީދުވަސްކަމަށް ވެސް ބުނެފާނެއެވެ. އެހެން އެބުނެވެނީ ވަރަށް ހަނިވިސްނުމަކުން ވިސްނާތީއެވެ.
އަހަރެމެން ކޮންމެ މުސްލިމަކު ވެސް އުންމީދު މިކުރަނީ ޤިޔާމަތް ދުވަހު ޙަމްދު ލިބިގެންވާ މަޤާމް ލިބުމަށެވެ. ސުވަރުގޭގެ އެންމެ މަތީ ދަރަޖައަށެވެ. އެ މަޤާމަކީ އެހައި ފަސޭހައިން ލިބެން އޮތް މަޤާމެއް ނޫނެވެ. މަޤާމް ޙާޞިލްކުރަން ބުރަ މަސައްކަތްތައް ކޮށްގެން ލިބެން އޮތް މަޤާމެކެވެ.
އެ މަޤާމް ޙާޞިލުކުރެވެން އޮތީ ފަރުޟު 5 ނަމާދުގެ އިތުރުން ތަހައްޖުދު ނަމާދުވެސްކޮށްގެންނެވެ. ރޭގަނޑުގެ ފަހުބައެއްގައި ކީރިތި ޤުރްއާން ކިޔަވައިގެންނެވެ. ޛިކުރުކޮށްގެންނެވެ. ކުރާއަޅުކަން ޤަބޫލުފުޅުކުރެއްވެވުން އެދި ދުޢާވެސްކޮށްގެންނެވެ.
"އަދި، (ފަރުޟު 5 ނަމާދުގެ އިތުރަށް) ކަލޭގެފާނަށް ޚާއްޞަ ނަމާދެއްގެ ގޮތުގައި، ރޭގަނޑުގެ ބައެއްގައި އެ ޤުރްއާން ކިޔވައި ވިދާޅުވެ، ތަހައްޖުދު ނަމާދުކުރައްވާށެވެ!. އެކަމުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ، ޙަމްދު ލިބިގެންވާ މަޤާމަކަށް ކަލޭގެފާނު ފޮނުއްވައިފާހުއްޓެވެ!" (އަލްއިސްރާ: 79)
ޢިލްމްވެރިން ބަޔާންކުރައްވާ ގޮތުގައި ﷲ ތަޢާލާ އާއި ސީދާ މުޢާމަލާތެއް ކުރަން ބޭނުންވާ މީހާއަށް އޮތީ ރޭގަނޑުގެ ފަހުދަންފަޅީގައި ނިދީން ހޭލައި ތަހައްޖުދު ނަމާދުކޮށް ޤުރްއާން ކިޔަވައި އެމީހާ ބޭނުންވާކަންކަމަސް އެދި ﷲ ތަޢާލާގެ ޙަޟްރަތުގައި ދެންނެވުމެވެ. އެހެނީ އެވަގުތަކީ 3 ވަނަ އުޑަށް ﷲ ތަޢާލާ ވޮޑިގެން، މީސްތަކުންގެ ތެރެއިން ތިމަން ﷲ ގެ ޙަޟްރަތުން ކަންކަމަށް އެދި ދަންނަވާ މީހުންނަކީ ކޮބައިތޯ ސުވާލުކުރައްވަވާ ވަގުތެވެ! އަދި އެމީހުންގެ ދުޢާ ޢިޖާބްކުރައްވަވާހުށީމެވެ! ވެސް ވަޙީކުރައްވަވާ ވަގުތެވެ!
އެހެންވެ ޢިލްމުވެރިން ބަޔާންކުރައްވަނީ އެވަގުތުގައި ފުރުޞަތުގެ ބޭނުންހިފައި ދުޢާ ނުކުރާ މީހަކީ ﷲ ތަޢާލާގެ ޙަޟްރަތުން ކަންކަމަށް ބޭނުންވާ މީހެއް ނޫންކަމަށެވެ.
--ޑރ. ޔާސިރު ޤާޟީގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ