ފަރުވާ ކުޑަކޮށް ދުއްވައިގެން އެކްސިޑެންޓުވުމުން ޒިންމާ ނަގަން ޖެހޭ އިސްލާހެއް

ނުރައްކާތެރިކޮށް އެއްގަމު އުޅަނދު ދުއްވުމަކީ ކުށެއް ގޮތަށް ކަނޑައަޅަން ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު، މީކާއިލް ނަސީމް ރައްޔިތުންގެ މަޖިލީހަށް މިއަދު ބިލެއް ހުށަހަޅުއްވައިފި އެވެ.އެމްޑީޕީއަށް ނިސްބަތްވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ހުށަހެޅުއްވި އެ ބިލްގައި ހުށަހަޅުއްވާފައިވަނީ ގާނޫނުލްއުގޫބާތުގެ 121 ވަނަ މާއްދާއަށް އިސްލާހު ގެނެސް، ފަރުވާލެއް ނެތި ކުރާ ކަމަކުން ބިރުވެރިކަން އުފެދޭ ފަދަ ކަންކަމުގެ ތެރޭގައި، އިންޖީނުލީ އެއްގަމު އުޅަނދުތައް ނުރައްކާތެރިކޮށް ދުއްވުން ހިމެނުމަށެވެ.އެ ބިލް ހުށަހެޅުއްވި ސަބަބެއްގެ ގޮތުގައި ހިމަނާފައިވަނީ ފަރުވާލެއް ނެތި ބިރުވެރިކަން އުފެދޭ ގޮތަށް ކުރާ ކުށްތަކުގެ ތެރޭގައި ނުރައްކާތެރިކޮށް ދުއްވުން ހިމަނާފައި ނެތުމުގެ ސަބަބުން، މަގުމަތީގެ އެކްސިޑެންޓްތަކުގައި ގާނޫނީ ފިޔަވަޅު އެޅުމަށް ދިމާވާ ގޮންޖެހުންތައް ހައްލު ކުރުމަށް ކަމަށެވެ.މިހާރު ގާނޫނުލްއުގޫބާތު އޮންނަ ގޮތުން އެކްސިޑެންޓްތަކާ ގުޅިގެން އެ ގާނޫނުގެ ދަށުން ދައުވާ ކުރެވެނީ ނުރައްކާތެރިކޮށް ދުއްވުމުގެ ސަބަބުން މީހަކު މަރުވުން ނުވަތަ ފުރާނައަށް ނުވަތަ މުދަލަށް ގެއްލުމެއް ލިބުމުންނެވެ. އަދި އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން، ނުރައްކާތެރިކޮށް ދުއްވުމުގެ ސަބަބުން ފުރާނައަށް ނުވަތަ މުދަލަށް ގެއްލުމެއް ނުލިބޭ ހާލަތްތަކުގައި ފިޔަވަޅު އެޅުނަސް އެ ގާނޫނުގެ ދަށުން ދެވޭ އަދަބަކީ ޖޫރިމަނާ ކުރުން ނުވަތަ ވަކި މުއްދަތަކަށް ލައިސަންސް ހިފެހެއްޓުމެވެ.މާލޭގައި ދާދި ފަހުން ވަނީ، ބާރު ސްޕީޑެއްގައި ދުއްވި ސައިކަލެއް، މަގުމަތީ ދުވަން އުޅުނު މީހެއްގެ ގައިގާ ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފަ އެވެ. އަދި ސައިކަލު ދުއްވަން އިން 17 އަހަރުގެ ކުއްޖާ، އެ އެކްސިޑެންޓުގައި ވަނީ މަރުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ