ރައްޔިތުންގެ މަޖިލީހުގެ ތެރެއިން މުހައްމަދު މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ފުރުސަތު ނުދެއްވާނެ ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.
އައްޑޫ ސިޓީ ހިތަދޫގައި ޕީއެންސީން ބޭއްވި ޖަލްސާއެއްގައި އަބްދުއްރަހީމް ވިދާޅުވީ މަޖިލިސް ތެރެއިން މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން އުޅޭ ކަމަށް ބުނެ ދައްކަމުންދަނީ ނާނާ ހުވަފެނެއް ކަމަށާއި އެކަން ނުކުރަން އެދޭ ކަމަށެވެ.
"އަޅުގަނޑު މިރޭ ދަންނަވާލަން ބޭނުންވަނީ ނަނާ ހުވަފެން ނުދައްކަވާށޭ. ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ތިބޭފުޅުންނަކަށް ނުނެންގެވޭނެއޭ. އެކަން ކުރާކަށް އަޅުގަނޑުމެން ފުރުސަތެއް ނުދޭނަމޭ،" ރޭ އައްޑޫ ސިޓީގައި ބޭއްވި ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް މިހެން ވިދާޅުވީ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް އެ މަގާމުން ވަކިކުރުމަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް ވެރިކަން ކުރާ ޕީއެންސީ އިން ވެއްދީ، މުއިއްޒުގެ އިތުބާރު ނެތް ކަމަށް 23 މެންބަރުންނާއެކު ސޮޮއިކުރަން ތައްޔާރުވަމުންދާ ކަމަށް މިދިޔަ ހަފްތާގައި ވިދާޅުވެފައިވާ ދަނޑިވަޅެއްގަ އެވެ.
މި ސަރުކާރުގައި ވަރަށް ނުފޫޒުގަދަކޮށް އުޅުއްވި ނާޒިމް މަޖިލީހުގެ ނައިބު ރައީސް ކަމުން ވަކިކުރުމަށް ޓަކައި އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ޕީއެންސީގެ 73 މެންބަރުންގެ ސޮޔާއެކު ވަނީ ނިމުނު ހަފުތާގެ ތެރޭގައި މަޖިލީހަށް ވައްދާފަ އެވެ.
"އަޅުގަނޑަށް އެނގޭ އެއީ 23 މަޖިލީހުގެ މެންބަރުން ރޮނގު ހުރަސްކުރާތީވެކަން. ނާޒިމާއި އެކުގައި ރޮނގު ހުރަސްކުރާތީވެ، ޕާޓީ ބަދަލުކުރަން އުޅޭތީވެ، ރައީސުލްޖުމްހޫރިއްޔާއަށް އިތުބާރު ނެތް ކަމަށް ވޯޓު ނަންގަވަން އުޅުއްވާތީވެ،" ނަޝީދު ވިދާޅުވި އެވެ.
މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓު މަޖިލިސް ތެރެއިން ނެގުމަށް ފުރުސަތު ނުދޭނެ ކަމަށް އަބްދުއްރަހީމް ވިދާޅުވުމުން، އެއަށް ރައްދު ދެއްވައި ނަޝީދު ވިދާޅުވީ މުއިއްޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ކުރުމަށް ބޭނުންވާ ސޮއި ހަމަކުރުމުން އެކަން މަޖިލީހުން ޖެހޭނީ ކުރަން ކަމަށެވެ.
މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގެ ފުރުސަތު ނުދޭނަން: އަބްދުއްރަހީމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ