ހިޔާލު ފާޅުކޮށްގެން 10 ދުވަހަށް ބަންދުކުރި ލޫކަސް ދޫކޮށްލައިފި

ނޫސްވެރިން މިނިވަން ކުރުމަށް ގޮވާލައި ކުރަމުންދިޔަ މުޒާހަރާތަކުގެ ތެރެއިން ހިޔާލު ފާޅުކުރަމުން ދަނިކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ސޯޝަލް މީޑިއާ އެކްޓިވިސްޓު ޝަމްއޫނު ޖަލީލު (ލޫކަސް) ފުލުހުންގެ ބަންދުން ދޫކޮށްލައިފި އެވެ.
މީގެ 11 ދުވަސް ކުރިން އޭނާ ހައްޔަރުކުރީ މަޖިދީ މަގު ޗާންދަނީ މަގު ކަންމަތީގައި ކުރި މުޒާހަރާއެއްގެ ތެރެއިންނެވެ. އޭނާގެ ބަންދަށް ކޯޓުން ޖެހީ 10 ދުވަހެވެ. އެ ރޭ ހައްޔަރުކުރި މީހުންގެ ތެރެއިން އެންމެ ބޮޑު ބަންދެއް އައީ ލޫކަސް އަށެވެ. 
ޖަލު ބަންދުގައި ހުރި ލޫކަސް ފޮނުވި މެސެޖުތަކުގައި ވަނީ ބޭއިންސާފާ ދެކޮޅު ހެދުމަށް ގޮވާލާފަ އެވެ. އޭނާއަކީ އަސާސީ ހައްގުތަކާއި މިނިވަންކަމާ އެއްކޮޅައަށް އަބަދުވެސް ވަރުގަދައަށް ވަކާލާތުކުރާ ސޯޝަލް މީޑިއާ ޝަހުސިއްޔަތެކެވެ. 
އޭނާއަކީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައި ސޯޝަލް މީޑިއާގައި ޕޯސްޓުކުރާ މީހެކެވެ. ލޫކަސްގެ އެކައުންޓުތަކަށް އެތައް މިލިއަން ވިއުސްއެއް މަހެއްގެ މައްޗަށް ލިބެ އެވެ. 
ކުރީގެ ރައީސް އަބްދުالله ޔާމީންގެ ސަރުކާރުގައި ވެސް ލޫކަސް 40 ދުވަހު ޖަލު ބަންދުގައި ހޭދަކުރި އެވެ. އެ ބަންދަށް ފަހު އަވަށްޓެރި ސްރީ ލަންކާއަށް އެރުވިގެން ހުރުމަށް ފަހު އޭނާ ރާއްޖެ އައީ ޔާމީންގެ ވެރިކަން ވޯޓުން ބަދަލުވުމުންނެވެ. 
މިވަގުތު ފުލުހުންގެ ބަންދުގައި މުހައްމަދު ޝާމިން އާއި އަލީ މުޝައްފައު އެބަތިއްބެވެ. އެ މީހުންގެ ބަންދުގެ މުއްދަތު ހަމަވާނީ އަދި ފަސް ދުވަސް ފަހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ